ޚަބަރު

ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލައިގެ ތުހުމަތުގައި 2މީހަކު ހައްޔަރުކޮށްފި


  • ޙަމަލާ ދިނީ ޕީީޖީ ޝަމީމްގެ އަތަށް

  • ހަމަލަދިނީ މޫނު ނިވާކޮށްގެން ތިބި 2 މީހުން

  • އިތުރު ބައެއް ޝާމިލްވާކަމަށް ވަނީ ބެލެވިފައި

ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމަށް ހަމަލާދިން މައްސަލައިގެ ތުހުމަތުގައި 2 މީހަކު ހައްޔަރުކޮށްފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމަށް ހަމަލާ ދީފައިވަނީ އިއްޔެ ފަތިހުގެ ވަގުތެއްގައި ސައިކަލެއްގައި ދިޔަ ދެމީހަކުކަމަށް ޕީޖީ އޮފީހުން ވިދާޅުވެފައިވެއެވެ.

މިކަމާއި ގުޅޭ މަޢުލޫމާތު ދެއްވުމަށް އިސްކަންދަރު ކޮށީގައި ބޭއްވި ޕްރެސްކޮންފަރެންސްގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވީ ޝަމީމަށް ޙަމަލާދިނީ މޫނު ފޮރުވައިގެން ތިބި ބަޔަކު އެކަން ކުރުމަށް ދުރާލާ ވަރަށް ބޮޑަށް ރާވައިގެންކަމަށެވެ. އަދި އެއީ ކޮންބައެއްކަން ދެނެގަނެވިފައިވާކަމަށް ޝުޖާޢު ވިދާޅުވިއެވެ.

މި މައްސަލައިގެ ތަހްގީގް ކުރިއަށްދާތީ އިތުރު މަޢުލޫމާތު މިވަގުތު ހާމަކުރެވެން ނެތްކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

ކޮމިޝަނަރ ވިދާޅުވީ ޝަމީމަށް ދިން ހަމަލާގެ މައުލޫމާތު ލިބުމާއެކު ދިވެހި ފުލުހުންގެ ޚިދުމަތުގެ ހުރިހާ ވަސީލަތެއް ތަހުގީގަށް ބޭނުންކޮށްފައިވާނެ ކަމަށެވެ. ހަމަލާ ދިންތާ މާ ގިނަ ދުވަސްތައް ނުވެ ދެ މީހަކު ހައްޔަރު ކުރެވުނީ އޭގެ ސަބަބުން ކަމަށް ވެސް ކޮމިޝަނަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިފަދަ ހަމަލާތައް ކުރިއަށް އޮތްތަނުގައި ވެސް ސީރިއަސް މައްސަލަތަކުގެ ގޮތުގައި ބައްލަވާނެ ކަމުގެ ޔަގީންކަން ކޮމިޝަނަރ ވަނީ ދެއްވާފައެވެ.

"ކުރިއަށް އޮތްތަނުގައި ވެސް އަޅުގަނޑުމެން މިފަދަ އެއްވެސް ހަމަލާއެއް ދިވެހި ރައްޔިތަށް، ދިވެހި ރާއްޖޭގައި އުޅޭ އެއްވެސް ފަރާތަކަށް ދެވިއްޖަކަމުގައި ވާނަމަ، އެކަމެއް އަޅުގަނޑުމެން ވަރަށް ސީރިއަސްކޮށް ބަލަމުންދާނެ. އަދި ހަމައެއާއެކު އަޅުގަނޑުމެން މިކަހަލަ ކަންކަމަށް ހުޅުވިފައިވާ އެއްވެސް ޖާގައަކަށް ފުރުސަތު ނުދޭނަން،" ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

މި މައްސަލައިގައި މިހާތަނަށް ދެ މީހަކު ހައްޔަރު ކޮށްފައިވީނަމަވެސް މިއީ އިތުރު ބަޔަކު ގުޅިގެން ދީފައިވާ ހަމަލާއެއްކަމަށް ޝައްކު ކުރެވޭ ކަމަށް ފުލުހުން ވިދާޅުވެއެވެ. އެހެންކަމުން ހަމަލާ ދިން ސަބަބާއި އޭގެ ފަހަތުގައި ތިބި ބަޔަކު ހޯދުމަށް މިހާރު ތަހުގީގު ކުރިއަށްދާ ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

ޕީޖީއަށް ދިން ހަމަލާއަކީ ދައުލަތުގެ އެއް ބާރަށް ދިން ހަމަލާއެއްގެ ގޮތުގައި ފުލުހުން ވަނީ ސިފަކޮށްފަކުރައްވާފައެވެ. މި މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން މައްސަލަ ސާބިތުކޮށް އެމީހުންނަށް ދޭންވާ ހައްގު އަދަބު ދޭނެކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމަށް ދިން ހަމަލާއާ ގުޅިގެން އެމްއެންޑީއެފުން ވަނީ އެމަނިކުފާނުގެ ސެކިއުރިޓީ ވަރުގަދަކޮށްފައެވެ.