ޕީއެސްއެމުން އިންތިޒާމުކޮށްގެން ބޭއްވުމަށް ނިންމާފައިވާ "މަޖިލިސް 2024" ބަހުސްގައި ކެންޑިޑޭޓުންނާ ސުވާލުކުރުމުގެ ފުރުޞަތު ޢާންމުންނަށް ހުޅުވާލައިފިއެވެ.
ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންނަށް ޢަމާޒުކޮށް، މަޖިލީހުގެ ހުރިހާ ދާއިރާއެއްގެ ބަހުސް ބޭއްވުމަށް ނިންމާފައިވަނީ މިމަހުގެ ތެރޭގައެވެ. އެގޮތުން 93 ދާއިރާގެ ބަހުސް ބޭއްވުމަށް ޕީއެސްއެމުން ވަނީ ނިންމާފައެވެ.
މިފަހަރުގެ ބަހުސްގައި ފެންނާނެ އެންމެ ބޮޑު އެއް ބަދަލަކީ ޢާންމުނަށް ކެންޑިޑޭޓުންނާ ސުވާލުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.
"މަޖިލިސް 2024" ބަހުސް އިފްތިތަޙްކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރު ވިދާޅުވީ، ބަހުސެއް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުން ބޭނުންވާ ސުވާލުތަކުގެ ޖަވާބު އެ ބަހުސް މެދުވެރިކޮށް ލިބޭނެގޮތެއް ހެދުންކަމަށެވެ. އެގޮތުން މިފަހަރު އެ ފުރުޞަތު ފަހިކޮށްދެއްވުމަށް ނިންމެވީކަމަށް މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ. އަދި އާންމުން ފޮނުވާ ސުވާލުތަކުގެ ތެރެއިން އެންމެ ރަނގަޅު ސުވާލުތަކުގެ ޖަވާބު ކެންޑިޑޭޓުން މެދުވެރިކޮށް ޢާންމުންނާ ހަމައަށް ގެނެސްދެއްވާނެކަމަށް ޒީނާ ވިދާޅުވިއެވެ.
"މިގޮތަށް ބަހުސް ކުރިއަށްދާއިރު އަޅުގަނޑުމެން ވިސްނާލިއިރު މީގަ އެންމެ ރަނގަޅުގޮތަކީ އެދާއިރާއެއްގެ ރައްޔިތުން ބޭނުންވާ ސުވާލުތަކެއް ކެންޑިޑޭޓުންނަށް ޢަމާޒުކުރެވޭނެ މާހައުލެއް ޤާއިމްކޮށްދިނުން. އެގޮތުން އަޅުގަނޑުމެން އެސްއެމްއެސް މެދުވެރިކޮށް ފުރުޞަތު ހުޅުވާލާނަން އެ ކެންޑިޑޭޓުންނަށް ބޭނުންވާ ސުވާލުތަކަކަކީ ކޮބައިތޯ ބަލާލަން. މިގޮތަށް ލިބޭ ސުވާލުތަކުގެ ތެރެއިން ރަނގަޅު ސުވާލުތައް އަޅުގަނޑުމެން ކެންޑިޑޭޓުންނާ ކުރިމަތިކުރުވާނަން ބަހުސްގެ ތެރެއިން." ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.
މިފަހަރުގެ ބަހުސްގައި ފެންނާނެ އަނެއް ބަދަލަކީ ސިޓީތަކުގައި ބައެއް ދާއިރާތަކުގެ ބަހުސްތައް ބޭއްވުމެވެ.
ޕީއެސްއެމުން މީގެ ކުރިންވެސް މިފަދަ ބަހުސްތައް އިންތިޒާމުކޮށް ކުރިއަށް ގެންގޮސްފައިވީނަމަވެސް، މިއީ ޢާންމުންގެ ސުވާލަށް ހުޅުވާލައިގެން ކުރިއަށްގެންދާ މިފަދަ ފުރަތަމަ ބަހުސެވެ.
ޢާންމުން އެސްއެސްއެސް މެދުވެރިކޮށް ސުވާލު ފޮނުވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. ސުވާލު ފޮނުވާނީ MB (constituency name) (question) send to 300 އަށެވެ.
މަޖިލިސް ބަހުސް ބޭއްވުމަށް ޕީއެސްއެމުން އަންނަނީ ތައްޔާރުވަމުންނެވެ. އަދި ހުރިހާ ކެންޑިޑޭޓުންނަށްވެސް ހަމަހަމަ ފުރުޞަތު ދެއްވާނެކަމުގެ ޔަޤީންކަން ޕީއެސްއެމުން ދެއެވެ.