ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރާ ކެންޑިޑޭޓުންގެ ލޯގޯއާއި ފޮޓޯ ވޯޓް ކަރުދާހުގައި ހިމެނުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް ދެއްވައިފިއެވެ.
ރާއްޖޭގައި މިހާތަނަށް އަމަކުކުރަމުންދިޔަ އުސޫލުގެ ދަށުން ވޯޓް ކަރުދާހުގައި ލޯގޯ އަދި ފޮޓޯ ހިމެނުމުގެ ފުރުސަތު އޮންނަނީ ހަމައެކަނި ޕާޓީތަކުގެ ކެނޑިޑޭޓުންނަށެވެ. މީގެ ކުރީގެ ބައެއް އިންތިޚާބުތަކުގައި ކެންޑިޑޭޓުންގެ ފޮޓޯ ޖެހުމުގެ ފުރުޞަތު ދީފައިވެއެވެ. ނަމަވެސް އަމިއްލަ ކެންޑިޑޭޓުންނަށް ލޯގޯ ޖެހުމުގެ ފުރުޞަތު ދޭ މިއީ ފުރަތަމަ ފަހަރެވެ.
ޕިއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިލެކްޝަން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޙަސަން ޒަކަރިއްޔާ ވިދާޅުވީ ވޯޓް ކަރުދާހުގައި ފޮޓޯ ޖެހުމުގެ އިޚްތިޔާރު ހުރިހާ ކެންޑިޑޭޓުންނަށްވެސް އޮންނާނެކަމަށާއި ނަމަވެސް އެއީ މަޖުބޫރު ކަމެއް ނޫންކަމަށެވެ. އަދި އަމިއްލަގޮތުން ވާދަކުރާ ކެނޑިޑޭޓުން ބޭނުންވާ ލޯގޯއެއް ވޯޓް ކަރުދާހުގައި ޖެހުމުގެ ފުރުޞަތުވެސް ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް ޕާޓީތައް ތަމްސީލްކުރާ ކެންޑިޑޭޓުން ޖަހަންޖެހޭނީ އެ މީހަކު ނިސްބަތްވާ ޕާޓީއެއްގެ ލޯގޯކަމަށްވެސް ޒަކަރިއްޔާ ވިދާޅުވިއެވެ. އަދި ވޯޓު ކަރުދާހުގައި ކެންޑިޑޭޓުން ހުށައަޅާ ލޯގޯ ޖަހާނީ ކޮމިޝަނުން ބަލާ ފާސްކުރުމަށްފަހުކަމަށްވެސް ޒަކަރިއްޔާ ވިދާޅުވިއެވެ.
"ކޮމިޝަންގެ ޖަލްސާއަށް ގެންގޮސް ބަލާނަން ލޯގޯ އާއްމު އިޖުތިމާޢީ މިންގަނޑަށް ފެތޭތޯ، އެހެން މީހެއްގެ ޙައްޤަކަށް އުނިކަން އަންނަ ލޯގޯއަކަށްވެސް ވެގެން ނުވާނެ. އަދި ސިޔާސީ ޕާޓީތައް ރަމްޒުކޮށްދޭ ލޯގާއާއި އެއްގޮތްވާގޮތަށް އޮޅުންއަރާގޮތަށް ހުރެގެން ނުވާނެ." އިލެކްޝަން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޙަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.
ޙަސަން ޒަކަރިއްޔާ ވިދާޅުވީ ފޮޓޯއާއި ލޯގޯ ޖެހުމުގެ އުސޫލުތަކަށް ބަދަލުތަކެއް ގެނައީވެސް ވޯޓުލާ މީހުންނަށް އިތުރަށް ލުއިފަސޭހަކޮށް ދިނުމަށްކަމަށެވެ. އަދި ނަމްބަރަކާއި ނަމެއްގެ ބަދަލުގައި ފޮޓޯ ނުވަތަ ލޯގޯއެއް އޮތުމުން ވޯޓުލާ މީހުންނަށް ފަސޭހަވާނެކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
"މީހެއްގެ ނަމަށްވުރެ އެމީހެއްގެ ސިފައާއި އަދި ލޯގޯ ފެނުނީމަ ފަސޭހައިން އެބަ ދެނެގަނެވޭ. ފޮޓޯ ހުށައަޅާއިރުވެސް އެހެންވީމަ ވަރަށް މުހިންމު، ރީއްޗަށް ޕްރޮފެޝަނަލްކޮށް ނަގާފައި އިންނަ ފޮޓޮއެއް ހުށައެޅުން." ޙަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.
އިންތިޚާބަށް ކުރިމަތިލާ މީހުން ހުށައަޅަންޖެހޭ ފޯމު ސެޓާއެކު ފޮޓޯއާއި ލޯގޯ ހުށައަޅަންވީ ގޮތުގެ މަޢުލޫމާތު ފޯރުކޮށްދޭނެކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ،
މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މާޗު މަހުގެ 17 ވަނަ ދުވަހުއެވެ. އަދި އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އެ ފުރުސަތު މިމަހުގެ 14 ވަނަ ދުވަހަށް ހަމަވާނެއެވެ.