ޚަބަރު

މަޖިލިސް އިންތިޚާބުގައި ވޯޓުލުމަށް 3302 މީހުން ރީ-ރަޖިސްޓްރީކޮށްދީފި


  • ރީ-ރަޖިސްޓްރީވުމަށް ހުށައެޅުމުގެ މުއްދަތު މާދަމާއަށް ހަމަވާނެ

  • 3769 މީހުން ރީ-ރަޖިސްޓްރީ ވުމަށް ހުށައެޅި

  • އެކިއެކި ސަބަބާ ހުރެ 467 ހުށައެޅުމެއް ރަޖިސްޓްރީކޮށްދީފައި ނުވޭ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމަށް މިހާތަނަށް 3000 އަށްވުރެ ގިނަ މީހުން ރީރަޖިސްޓްރީ ކޮށްދީފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ.

މަޖިލިސް އިންތިޚާބުގައި ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓްރީވުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ މިމަހުގެ 1 ވަނަ ދުވަހުއެވެ. އަދި ރީ-ރަޖިސްޓްރީ ކުރުމަށް ހުޅުވާލި މުއްދަތު މާދަމާއަށް ހަމާވާނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރީ-ރަޖިސްޓްރީވުމަށް މިހާތަނަށް 3769 މީހުން ހުށައަޅާފައިވާކަމަށެވެ. އޭގެ ތެރެއިން 3302 މީހުން ރީ-ރަޖިސްޓްރީ ކޮށްދީފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އަދި އެކި ސަބަބުތަކާ ހުރެ 467 ހުށައެޅުމެއް ބަލައިނުގަނެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ ރީ-ރަޖިސްޓަރީ ކުރަން ހުށައަޅާއިރު މިހާރު ރަޖިސްޓަރީ ވެފައިވާ ތަން ބެލުމަށް އިލްތިމާސްކުރައްވާފައެވެ.

ރީ-ރަޖިސްޓްރޭޝަންގެ މަރުހަލާ މިފަހަރު ކުރިއަށްދާނީ އޮންލައިންކޮށެވެ. އަދި އީ-ފާސް ބޭނުންކޮށްގެންވެސް ރީ-ރަޖިސްޓަރވެވޭނެއެވެ. އޮންލައިންކޮށް ފޯމު ހުށަހަޅަން ދަތިވާ ފަރާތްތަކުން އިންތިޚާބާ ބެހޭ މައި މަރުކަޒަށް ދިއުމުން އެފަރާތްތަކަށް އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފުންގެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ވިދާޅުވެފައެވެ.

ރިސޯޓުތަކާއި، ޖަލުތަކާއި ސިނާޢީ މަސައްކަތްކުރާ ތަންތަނަށް ރަޖިސްޓްރީވެފައިވާ ފަރާތްތައް ފިޔަވައި، އެހެން މީހުން ރަޖިސްޓްރީވެފައި އޮންނާނީ މިދިޔަ ރިޔާސީ އިންތިޚާބުގައި ރަޖިސްޓްރީވެފައި އޮތްތަނަށް ކަމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ވިދާޅުވެފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިސާބުތައް ދައްކާގޮތުން 2019 ވަނައަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރީ-ރަޖިސްޓަރީ ކޮށްފައިވަނީ 20848 މީހުންނެވެ.