ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ފަހިކުރުމަށް ޚާއްސަ ފެސްޓިވަލެއް


  • ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ލިބުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރޭ

  • ސަރުކާރުން ގެންދަވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުން

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ޚާއްސަ ފެސްޓިވަލެއް ނުވަތަ ކާނިވަލެއް ކުރިއަށް ގެންދަން ނިންމަވާފައިވާކަމަށް އިޖުތިމާޢީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވަޒީރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

އިޖުތިމާޢީ އަދި އާއިލީ ތަރައްގީއާބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް މިފަދައިން ވިދާޅުވީ ސޯޝަލް މީޑިއާ ޕްލެޓްފޯމް، ފޭސްބުކް މެދުވެރިކޮށް ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވައި، ސުވާލުތަކަށް ޖަވާބު ދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ ޕްރޮގްރާމެއްގައެވެ.

ވަޒީރު ވިދާޅުވީ ސްކޫލް ނިމިގެން ނިކުންނަ ނުކުޅަދުންތެރިކަން ހުންނަ ދަރިވަރުންނަށް މާގިނަ ފުރުސަތުތަކެއް މިހާރު ނުލިބޭކަމަށެވެ. އެހެންކަމުން ނުކުޅަދުންތެރިކަން ހުންނަ ފަރާތްތަކަށް އިތުރަށް ކިޔެވުމަށް ނުވަތަ ވަޒީފާތަކަށް ވަނުމުގެ ފުރުސަތު ހޯދައިދޭން ޚާއްސަ އިންތިޒާމެއްގެ ތެރެއިން މަސައްކަތްކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ކުރިއަށްގެންދަވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ސަރުކާރުގެ ގިނަ އޮފީސްތަކާއި މުވައްސަސާތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލުއިފަސޭހަކޮށް އިންތިޒާމްތައް ހަމަޖެހިފައިނުވޭ. އަދި މިކަން ރަނގަޅުކޮށް ހުރިހާ ފަރާތްތަކަށްވެސް ފަސޭހައިން އުޅެވޭނެ ފަދަ މާހައުލަކަށް މަސައްކަތުގެ މާހައުލު ހެދުމަށްޓަކައި ސަރުކާރުން އިތުރަށް މަސައްކަތްކުރާނެ." ވަޒީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންދަވަނީ ނުކުޅެދުންތެރިކަން ހުންނަ ފާރްތަތަކަށް ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކޮށްދެއްވަމުންނެވެ. އެގޮތުން ސަރުކާރުން އަންނަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތްވެސް ކުރަމުންނެވެ. މީގެއިތުރުން ސަރުކާރުން ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމާއި، ވަޒީފާ ދިނުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދެއްވެސް އެކުލަވާލައްވާފައެވެ.

ވަޒީފާ ހަމަޖައްސައިދިނުމުގެ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ފާރްތަތައް ވަޒީފާ އަދާކުރާ އޮފީސްތަކާއި އެހެނިހެން ޚިދުމަތްތައް ހޯދުމަށް ދާ ތަންތަނަކީވެސް އެ ފަރާތްތަކަށް ވަދެ، ނިކުމެ އުޅެން ފަސޭހަ ތަންތަނަށް ހެދުމުގެ މަސައްކަތް ސަރުކާރުން ގެންދަނީ ކުރައްވަމުންނެވެ.