ޚަބަރު

ޒުވާނުންގެ ހުނަރު ދައްކާލުމަށް އަންނަ ހުކުރުދުވަހު ހަރަކާތެއް ބާއްވަނީ


  • މި ހަރަކާތް އޮންނާނީ ސޯޝަލް ސެންޓަރުގައި

  • މިއީ ކޮންމެ މަހަކުވެސް ކުރިއަށްގެންދާ ހަރަކާތެއް

  • އަތޮޅުތަކުގައިވެސް މި ހަރަކާތް ބާއްވާނެ

ފަންނުގެ ދާއިރާއިން ޒުވާނުން ބާރުވެރިކުރުމަށާއި އެފަރާތްތަކުގެ ހުނަރު ގިނަ ބަޔަކަށް ދައްކާލުމުގެ ބޭނުމުގައި ހަރަކާތެއް ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ.

އަންނަ ހުކުރު ދުވަހު ކުރިއަށްގެންދާ "ފަންނީ އުފާ" މި ހަރަކާތަކީ ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން އިސްނަގައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

ފަންނީ އުފާއަކީ ޒުވާނުންނަށް އަމާޒުކޮށްގެން ފަންނުގެ ދާއިރާއިން ޒުވާނުން ބާރުވެރިކުރުމަށް އަދި އެފަރާތްތަކުގެ ހުނަރު ގިނަ ބަޔަކަށް ދައްކާލުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތްތަކެވެ. ހުކުރު ދުވަހު ފަށާ މި ހަރަކާތް ކުރިއަށް ގެންދާނީ އެދުވަހުގެ ހަވީރު 16:00 އިން 18:00 އަށް އަދި 20:30 އިން 23:00 އަށް ސޯޝަލް ސެންޓަރުގައެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވިދާޅުވީ މިހަރަކާތުގެ ތެރެއިން މުޖުތަމައުގައި މިހާރު ނެތުމުން އަންނަ ދިވެހި ސަގާފަތް ކުރިއަރުވައި އާލާކުރުމަށްޓަކައި އެކުވެރި އުފާވެރި މާހައުލެއްގައި ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ. އަދި މިއީ ޒުވާނުންނަށް ލިބޭނެ ވަރަށް ބޮޑު އެކްސްޕޯޝާރއެއްކަމަށާއި ޒުވާނުންގެ ހުނަރު ދައްކާލުމަށް ވަރަށް ބޮޑު ޕްލެޓް ފޯމްއަކަށް ވާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

މީގެ އިތުރުން މި ހަރަކާތުގެ ތެރެއިން ޒުވާނުން އެއްތަނަކަށް އެއްވެލާ އުފާވެރި، ހިތްގައިމު މާހައުލެއްގައި ވަގުތު ހޭދަކޮށްލުމަށް ފުރުޞަތު ލިބިގެންދާނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

މި ހަރަކާތުގައި ސްޓޭޖް ހަރަކާތްތަކުގެ އިތުރަށް ފަންނީ އެކި މަސައްކަތްތައް ދައްކާލުމުގެ ފުރުޞަތު ވަނީ ފަހަކޮށްދީފައެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވިދާޅުވީ މިއީ ސިލްސިލާކޮށް ކޮންމެ މަހަކު އެއް ފަހަރު ކުރިއަށް ގެންދިޔުމަށް ނިންމަފައިވާ ހަރަކާތެއްކަމަށެވެ. އަދި މި ހަރަކާތް މާލޭގެ އިތުރުން އަތޮޅުތަކުގައިވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.