ވިކްޓްރީ ބަލިކޮށް އުރީދޫ ދިވެހި ޕްރިމިއަރ ލީގުގެ ފެށުން ޔުނައިޓެޑް ވިކްޓްރީ ރަނގަޅުކޮށްފިއެވެ.
މިއަދު ހަވީރު ލީގުގައި ކުޅުނު މެޗް ޔުނައިޓެޑް ވިކްޓްރީ ކާމިޔާބުކުރީ ވިކްޓްރީއާއި ވާދަކޮށް ފަހެއް ދޭކުންނެވެ. މެޗުގައި ފުރަތަމަ ގޯލް ޖަހައި ލީޑް ނެގީ ވިކްޓްރީ. މި ލަނޑު އެޓީމަށް ޖަހައިދިނީ ނިކޮލަސް ވަންދެލީއެވެ. އެހެންނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ޔުނައިޓެޑް ވިކްޓްރީން ދެ ލަނޑު ޖަހައި މެޗްގެ ލީޑް ނެގިއެވެ. މި ދެ ލަނޑު އެޓީމަށް ޖަހައިދިނީ އިބްރާހިމް ސަފްރާޒް އަދި ރަފައެލްއެވެ. ރަފައެލް ޖެހި ގޯލަކީ ލިބުނު ޕެނަލްޓީއަކުން ޖެހި ލަނޑެކެވެ.
ދެވަނަ ހާފްގެ ފުރިހަމަ ވަގުތު ހަމަވުމުގެ ކުރިން ޔުނައިޓެޑް ވިކްޓްރީން އިތުރު ދެ ލަނޑުޖަހައި މެޗްގެ ނަތީޖާ ހަތަރެއް އެކަކަށް ބަދަލްކޮށްލިއެވެ. މި ދެލަނޑު ޖަހައިދިނީ އަންދްރޭ ކެރިޗް އަދި އަލީ ހައިޝަމްއެވެ. އިތުރު ވަގުތުގައި ހަސަން ފައިރޫޒްގެ ލަނޑުން ވިކްޓްރީ ނަތީޖާގެ ފަރަގު ކުޑަކުރި ނަމަވެސް ޔުނައިޓެޑް ވިކްޓްރީން އިތުރު ވަގުތުގެ އެންމެ ފަހު މިނެޓުގައި އަންދްރޭ ކެރިޗްވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ފަހެއް ދޭކަށް ބަދަލްކޮށްލާފައެވެ.
މެޗަށްފަހު ޔުނައިޓެޑް ވިކްޓްރީގެ ކޯޗް މުހައްމަދު އާތިފް ބުނީ ފުރަތަމަ މެޗު މޮޅަކާއިއެކު ނިންމާލެވުމުން ހިތްހަމަ ޖެހޭކަމަށާއި، ރަނގަޅު ކުރަންޖެހޭ ކުދި ކުދި ކަންތައްތަކެއް ހުއްޓަސް ޖުމްލަކޮށް ޓީމުން ދެއްކި ކުޅުން ރަނގަޅުކަމަށެވެ.
މިހާރު ޓީމްގެ ޓާގެޓަކީ މިއަދުގެ މެޗުގައި ދެއްކި ކުޅުން ތަކުރާރުކޮށް އެއް ފެންވަރެއްގައި ލީގުގައި ކުޅުންކަމަށް އާތިފް ބުންޏެވެ. އާތިފް ބުނީ ބިދޭސީ ކުޅުންތެރިންގެ ފަރާތުން މެޗުގައި މޮޅު ކުޅުމެއް ފެނުނުކަމަށާއި، އެންމެ ބޭނުންވާ ގޭމް މެޗުގައި ނުކުޅެވުނަސް އެކަމާ މާބޮޑު ޝަކުވާއެއް ނެތްކަމަށެވެ.
"މެޗުން މޮޅުވީމަ ހިތްހަމަޖެހިފައި މިހުރީ، ކުދިކުދި ކަންތައްތަކެއް ހުރީ ރަނގަޅުކުރަން، ބޭނުންވަނީ ބޯޅަ ހިފަހައްޓައިގެން ޕާސިން ގޭމެއް ކުޅެން، އެކަމަކު މިއަދު ކުޅުން ހަމަ ރަނގަޅު" އާތިފް ބުންޏެވެ.
މެޗަށްފަހު ވިކްޓްރީގެ ކޯޗް މުހައްމަދު ނަޒީހު ބުނީ ކުޅުން މިއަދުގެ މެޗުގައި ވަރަށް ދަށްކަމަށާއި މެޗާއި ގުޅޭގޮތުން ބުނާނެ އިތުރު އެއްޗެއް ނެތްކަމަށެވެ.
"މެޗުގައި ޓީމްގެ ކުޅުން ވަރަށް ދަށް، ދެން ނެތް ބުނާނެ އިތުރު އެއްޗެއް" ނަޒީހު ބުންޏެވެ.
ލީގުގައި މިރޭ ކުޅޭ މެޗްގައި ވާދަކުރާނީ ކްލްބް އީގަލްސްއާއި ޓީސީއެވެ.