ސޫރިޔާގެ ވެރިކަމުގެ ނިޒާމު ގަދަބާރުން ވައްޓާލުމަށް ހަތިޔާރު އެޅި ޖަމާޢަތްތަކުން ކުރަމުންގެންދާ މަސައްކަތްތައް ކާމިޔާބުވެފައިނުވަނީ ސޫރިޔާ ސަރުކާރަށް ރަޝިޔާއިން ދޭ އަސްކަރީ އެހީތެރިކަމުގެ ސަބަބުންކަމަށް ރައީސް ވްލަޑިމިއަރ ޕުޓިން ވިދާޅުވެއްޖެއެވެ.
ބޭރުގެ ބައެއް ޤައުމުތަކުގެ ސަފީރުންގެ ފަތްކޮޅު އެރުވުމަށް ކްރެމްލިންގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ޕޫޓިން ވިދާޅުވީ ސޫރިޔާގެ ވެރިކަމުގެ ނިޒާމު ގަދަބާރުން ވައްޓާލައިފިނަމަ އެއް ދަޢުލަތެއްގެ ގޮތުގައި ސޫރިޔާ ނޯންނާނެ ކަމަށާ އެފަދަ ޙާލަތެއްގައި ސޫރިޔާ ބައިބައިވެ ކުދިކުދި ދަޢުލަތްތަކެއްގެ ގޮތުގައި ފޮތިފޮތި ވެގެންދާނެކަމަށެވެ.
ސޫރިޔާގެ ދާޚިލީ ހަނގުރާމައަށް ފަސް އަހަރު ވީއިރުވެސް ސޫރިޔާގެ ދަޢުލަތާއި ވެރިކަމުގެ ނިޒާމު ނުރޫޅި އޮންނަނީ ސޫރިޔާ ސަރުކާރަށް ރަޝިޔާއިން ދޭ އަސްކަރީ އެހީތެރިކަމުގެ ސަބަބުންކަމަށާ ސޫރިޔާގެ ސަރުކާރު ވެއްޓިއްޖެނަމަ އެ ޤައުމުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާޢަތްތަކުގެ ނުރައްކާ އަވަށްޓެރި ޤައުމުތަކަށާއި މުޅި ދުނިޔެއަށްވެސް މިހާރަށްވުރެ ބޮޑުވެގެންދާނެކަމަށް ޕޫޓިން ވިދާޅުވިއެވެ.