ޚަބަރު

ބ.އަތޮޅުގެ ދެ ރަށެއްގައި ފުލުހުންގެ ޚިދުމަތް ރަސްމީކޮށް ދޭންފަށައިފި


  • ޕޮލިސް ޕޯސްޓް ޤާއިމްކޮށް ޚިދުމަތް ދޭން ފެށީ ކުޑަރިކިލާއި ހިތާދޫގައި

  • ބ.އަތޮޅުގައި މިޚިދުމަތް މިހާރު ނުފެށި އޮތީ ފެހެންދޫ އާއި ފުޅަދޫގައި

  • މިދިޔަމަހު ކިހާދޫ އާއި މާޅޮހުގައި މިޚިދުމަތްވަނީ ފަށާފައި

ބ.ހިތާދޫ އާއި އެއަތޮޅު ކުޑަރިކިލުގައި ފުލުހުންގެ ޕޯސްޓް ހުޅުވާ ރަސްމީކޮށް ޚިދުމަތް ދޭންފަށައިފިއެވެ.

ކުޑަރިކިލު ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުއްވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އާއި އެރަށު ކައުންސިލުގެ ރައީސް އަބްދުލް ހަންނާން އައްބާސްއެވެ. މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުން ބޭނުންވާ ގޮތަށް ފުލުހުންގެ ޚިދުމަތް ވީހާވެސް ގާތުން ލިބޭނެ ގޮތް ހެދުންކަމަށާއި، އެކަމަށް ވާސިލުވުމަށް ވަރަށް ގިނަ މަސައްކަތްތައް މިހާރުވެސް ކުރަމުންދާކަމަށެވެ.

ހިތާދޫ ޕޮލިސް ޕޯސްޓް ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އާއި އެރަށު ކައުންސިލްގެ ރައީސް އަބްދުލް އަޒީޒު މުޙައްމަދެވެ. ޕޮލިސް ޕޯސްޓު ހުޅުއްވައިދެއްވައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ދެއްކެވި ވާހަަކައިގައި ވިދާޅުވީ ދިވެހި ފުލުހުން ރެއާއި ދުވާލު ވަރުބަލި ކަމެއްނެތި މަސައްކަތް ކުރަނީ ރާއްޖެއަކީ އެންމެންނަށް އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ކަމަށެވެ. އަދި ރައްޔިތުންގެ މުދަލާއި ގެދޮރު ހިމާޔަތްކޮށް، ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް ޖާނާއި މާލުން ފުލުހުން ގުރުބާންވަމުންދަނީ ކޮންމެ ރައްޔިތަކަށްވެސް ހިތްހަމަ ޖެހިލައިގެން އުޅެވޭނެ ފަހި މާހައުލެއް ތަނަވަސްކޮށްދިނުމަށް ކަމަށް ވިދާޅުވިއެވެ.

މި ދެރަށުގައި ޤާއިމްކުރި ޕޮލިސް ޕޯސްޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ފުލުހުންގެ އިސް އޮފިސަރުން ބައިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން މިދެރަށުގެ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި އެހެނިހެން އިދާރާތަކުގެ މުވައްޒަފުންވެސް ބައިވެރިވިއެވެ.

މިދިޔަ މަހު ބ. ކިހާދޫއާއި މަޅޮހުގައި މިޚިދުމަތް ދޭންވަނީ ފަށާފައެވެ. އަދި މިއަދު އިތުރު ދެރަށުގައި މިޚިދުމަތް ފެށުމާއެކު ބ.އަތޮޅުގައި ހިމެނޭ 13 ރަށުގެ ތެރެއިން ފުލުހުންގެ ޚިދުމަތް މިހާރު ނުފެށި އޮތީ ފެހެންދޫ އާއި ފުޅަދޫގައި އެކަންޏެވެ.

ރާއްޖޭގެ ކޮންމެ ރަށަކީވެސް ކޮންމެވެސް ފެންވަރެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުވެފައިވާ ރަށްތަކެއްގެ ގޮތުގައި ހެދުމަށް ފުލުހުންގެ ޚިދުމަތުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ރަށްރަށުގައި ޕޮލިސް ސްޓޭޝަން ހެދުމާއި، ޕޮލިސް ޕޯސްޓް އަދި ޕޮލިސް ޑެސްކްތައް ޤާއިމްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.