ޚަބަރު

ނަފްސާނީ ބަލިމީހުންނަށް އެހީ ފޯރުކޮށްދިނުމަށް ހެލްޕް ލައިން 1677 އިފްތިތާޙްކޮށްފި


  • މިއީ 24 ގަޑިއިރު ޚިދުމަތް ދޭނެ ހެލްޕް ލައިނެއް

  • ބަލި ތަޙައްމަލު ކުރަމުންދާ ކޮންމެ މީހަކަށްވެސް ޚިދުމަތް ލިބޭނެ

  • ކޮންމެ 5 މީހަކުން އެކަކު ޑިޕްރެޝަންގެ އަލާމާތް ތަޙައްމަލު ކުރޭ

ނަފްސާނީ ބަލި ތަޙައްމަލު ކުރަމުންދާ މީހުންނަށް ފުރަތަމަ އެހީ ފޯރުކޮށްދިނުމުގެ ގޮތުން ޤައުމީ ހެލްޕް ލައިން އިފްތިތާޙްކޮށްފިއެވެ.

ނަފްސާނީ އިޖުތިމާޢީ އެހީތެރިކަމުގެ ޤައުމީ ހެލްޕް ލައިނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަފްތާ 14ގެ މަގުޗާޓުގައި ހިމަނާފައިވާކަމެކެވެ. މިހެލްޕް ލައިން އިފްތިތާޙްކޮށްދެއްވީ ޞިއްޙަތާ ބެހޭ ވުޒާރާގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. ނަފްސާނީ ބަލި ތަޙައްމަލު ކުރަމުންދާ މީހުންނަށް ފުރަތަމަ އެހީ ހޯދުމަށް ގުޅޭނެ ޤައުމީ ނަންބަރަކީ 1677އެވެ.

މިހެލްޕް ލައިން އިފްތިތާޙްކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ޞިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ ކޮންމެ މީހަކަށްވެސް ހެލްޕް ލައިންގެ ޒަރިއްޔާއިން ޚިދުމަތް ހޯދޭނެކަމަށެވެ. ވަޒީރު ވިދާޅުވީ އަމާޒަކަށް ވާނީ ފޯން ލައިނަކީ މައްސަލަ ދިމާވެފައިވާ މީހުންގެ އެންމެ ގާތް އެކުވެރިޔާއަށް ހެދުންކަމަށެވެ.

އަދި މިހެލްޕް ލައިނަކީ ބަލި ތަޙައްމަލު ކުރަމުންދާ މީހުން އިތުބާރު ކުރާ އެއްޗަކަށް ހެއްދެއްވުމަކީ އަމާޒެއްކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވަނީ ނަފްސާނީ ބަލި ތަޙައްމަލު ކުރަމުންދާ މީހުންގެ ތެރެއިން ޒުވާނުންވެސް ހިމެނޭކަން ފާހަގަކުރައްވާ އެކަމުގެ ސަބަބުން ޤައުމުގެ އުފެއްދުންތެރިކަމަށް އަސަރުކުރާނެކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން ބޮޑުވަމުން އަންނަ ޒުވާނުންނާއި ނަފްސާނީ ބަލި ތަޙައްމަލު ކުރަމުންދާ އެންމެން މިހެލްޕް ލައިންގެ ބޭނުން ހިފުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ.

" އަޅުގަނޑުމެން އާޢިލާތަކަށް މި ބުނެދެނީ، ޒުވާނުންނާއި ދުވަސްވީ މީހުންނަށް މި ބުނެދެނީ ތިޔަބޭފުޅުންގެ ކަންބޮޑުވާ ކަންކަން ހުރިނަމަ މިއޮތީއޭ ތިޔަބޭފުޅުންގެ އެކުވެރިޔާ. އެއީ 1677. މި ނަންބަރަށް ގުޅުއްވާފައި ތިޔަބޭފުޅުންގެ ކަންބޮޑުވުންތައް ކިޔާދެއްވާށޭ. ﷲ އިރާދަކުރެއްވިއްޔާ ވަރަށް އޯގާތެރިކަމާއެކު މައްސަލަތައް ހުރި މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ." ޞިއްޙަތާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލް ވިދާޅުވިއެވެ.

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވީ ނަފްސާނީ ބަލި ތަޙައްމަލު ކުރަމުންދާ ފަރާތްތަކަށް އެކަމުގެ ފުރަތަމަ އެހީ ލިބިގެން ދިޔުމަކީ ބަލި ތަޙައްމަލު ކުރަމުންދާ މީހުންނަށް އެއިން އަރައިގަތުމަށް ލިބޭނެ އުއްމީދަކަށް ވާނެކަމަށެވެ. އަދި ޖިސްމާނީ ގޮތުން ބަލިވުމުން ފަރުވާދޭ ފަދައިން ނަފްސާނީ ގޮތުންވެސް އެކަމަށް ފަރުވާދޭން ޖެހޭކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި ހެލްޕް ލައިންގެ ސަބަބުން ނަފްސާނީ ބައްޔައް ފަރުވާދިނުމުގެ ކަންކަމަށް އިތުރު ލުޔެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

"ރާއްޖޭގައި އެކިކަހަލަ ހާލަތްތަކަށް ޚާއްސަކޮށްފައިވާ ތަފާތު ހެލްޕް ލައިންތައް މިހާރުވެސް ޤާއިމްކޮށްފައި އެބަހުރި. މިގޮތުން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓް، ފުލުހުން، އަދި އެޑިއުކޭޝަން މިނިސްޓްރީގައިވެސް މިފަދަ ޚިދުމަތްތައް ދެމުން އަންނަކަން ފާހަގަކުރަން. ރާއްޖޭގައި ނަފްސާނީ އެހީތެރިކަމަށް ޚާއްސަކޮށްގެން މިފަދަ ހެލްޕް ލައިނެއް ފުރަތަމަ އުފައްދާފައިވަނީ ކޯވިޑްގެ ހާލަތުގައި ރެޑްކްރެސެންޓުން. އެތަނުން 3 އަހަރުވަންދެން ޚިދުމަތް ފޯރުކޮށްދިން." ކުޅިވަރާއި ހަށިހެޔޮކަމާ ބެހެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވިއެވެ.

ނަފްސާނީ ޞިއްޙަތުގެ ހެލްޕް ލައިންގެ އަމާޒަކީ ނަފްސާނީ ހާލަތެއް ނުވަތަ އުނދަގޫތައް ތަޙައްމަލުކުރަމުންދާ އެކި އުމުރުފުރައިގެ މީހުންނަށް ކޮންމެ ގަޑިއެއްގައިވެސް ގުޅާ އެޚިދުމަތް ފޯރުކޮށްދިނުމެވެ. 1677 އަކީ 24 ގަޑިއިރު ޚިދުމަތް ދޭނެ ނަންބަރެއްކަމަށް ޞިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މިނަންބަރުން ނަފްސާނީ ޞިއްޙަތުގެ ފުރަތަމަ އެހީގެ އިތުރުން މައްސަލަ ހައްލުކުރުމަށް އެހީތެރިވުމާއި މަޢުލޫމާތު ފޯރުކޮށްދިނުމާއި ހެދިފައިވާ އުޞޫލްގެ ތެރެއިން ގުޅުން ހުރި ޚިދުމަތްތަކަށް ރިފަރަލް ހެދިގެންދާނެކަމަށްވެސް ޞިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

2022 ވަނަ އަހަރު ރާއްޖޭގައި ކުރިއަށްގެންދިޔަ ސްޓެޕް ސަރވޭއިން ދެއްކި ގޮތުގައި ރާއްޖޭގައި ކޮންމެ 5 މީހަކުން އެކަކު ޑިޕްރެޝަންގެ އަލާމާތް ތަޙައްމަލު ކުރަމުންދެއެވެ. އަދި ކޮންމެ 20 މީހަކުން އެކަކު ފުރާނައަށް ނުރައްކާތެރި ކަންކަން ކުރުމާއި އަމިއްލައަށް މަރުވުންފަދަ ޚިޔާލު ގެންގުޅޭ ކަމަށްވެސް ދިރާސާއިން ދައްކައެވެ.