ވިޔަފާރިވެރިންގެ ހައްޤުގައި މަސައްކަތްކުރުމަށް "މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން" އެމްޓީއޭގެ ނަމުގައި ޖަމްޢިއްޔާއެއް އިފްތިތާޙްކޮށްފިއެވެ.
މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން އިފްތިތާޙްކުރުމަށް ބީހައިވް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތު ޝަރަަފުވެރިކޮށްދެއްވީ މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން އެމް.ޓީ.އޭގެ ވަގުތީ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އަމީތު ވިދާޅުވީ، ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އިޤްތިސާދީ ގޮންޖެހުން ކަމުގައިވާއިރު އެ ޖަމްޢިއްޔާގެ މަޤްސަދަކަށް ވާނީ ހުރިހާ ފިކުރުތަކަކާއި ގުޅިގެން ޤައުމަށް ދިމާވާ މައްސަލަތައް ހައްލުކުރުން ކަމުގައެވެ.
އެމްޓީއޭއަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތުގައި އެންމެހައި ފަރާތްތަކަށް އެއްބާރުލުންދީ ޚާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ވިޔަފާރިވެރިންގެ މަސްލަހަތުގައި ވަކާލާތުކުރާނެކަމަށް އަމީތު ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވަނީ މާލޭ މާރުކޭޓުގައި ގިނަ އަދަދެއްގެ ބިދޭސީން ހަރަކާތްތެރިވަމުންދާކަން ފާހަގަކުރައްވާ، އެއީ ވިޔަފާރިވެރިންގެ ބޮޑު ކަންބޮޑުވުމެއްކަމަށް ވިދާޅުވެފައެވެ. އަދި ރަށްރަށުގައި ދަނޑުވެރިކަން އިތުރަށް ފުޅާކޮށް ވަރުގަދަކޮށްގެން ނޫނީ، ބިދޭސީން މާރުކޭޓް ވިޔަފާރީގެ ތެރެއަށް ވަނުން ނުހުއްޓުވޭނެކަމަށެވެ. އާޒިމް ވަނީ ބިދޭސީން ބެލެހެއްޓުމުގެ ނިޒާމް އިތުރަށް ހަރުދަނާކުރަން ޖެހޭކަމަށްވެސް ވިދާޅުވެފައެވެ.
"ކީއްވެހޭ ގެންނަން އަޅުގަނޑުމެންގެ މީހާ ނެތީ. ކީއްވެހޭ ގޮޅިއަށް އެ ގެންނަން އަޅުގަނޑުމެންގެ މީހާ ނެތީ. މިކަން ފެށެންވީ ރަށާއި ހިސާބުން. ކީއްވެތޯ ޖަވާބު ބޭނުންވޭ. މި ސުވާލު މި ޝަކުވާ ކުރާތާ އެތައް ދުވަހެއްވެއްޖެ. މިކަމާ އިކޮނޮމިކް މިނިސްޓްރީންވެސް ފުލުހުންވެސް އެބަޖެހޭ ސަމާލުވާން" މޭޔަރ އާޒިމް ވިދާޅުވިއެވެ.
އެމްޓީއޭގެ އެންމެ ބޮޑު އަމާޒަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިކަށް ދިމާވާ މައްސަލަތައް ދެނެގަނެ އެމައްސަލަތަކަށް ހައްލު ހޯދާދިނުން ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ. އަދި އެޖަމްޢިއްޔާ ވާނީ ވިޔަފާރީގެ ދާއިރާގައި އަންހެނުންނަށް ދިމާވާ މައްސަލަތައް ދެނެގަނެ އަންހެން ވިޔަފާރިވެރިންގެ ބައިވެރިވުން އިތުރުކުރެވޭނެ ގޮތްތަކާއިމެދު މަޝްވަރާކޮށް އެފަދަ ކަންކަމަށް އިސްކަން ދޭނެ ޖަމްޢިއްޔާއަކަށްކަމަށްވެސް ބުނެއެވެ.
ރާޢްޖެއަށް ދިމާވާ އިޤްތިޞާދީ މައްސަލަތައް ފާހަގަކޮށް ދިމާވާ އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ޤައުމީ ފެންވަރުގައި މަޝްވަރާދީ އެމަގުން ބިނާކުރެނެވި ގޮތުގައި ޚިޔާލު ފާޅުކޮށް ދިވެހި އިޤްތިސާދު ކުރިއެރުވުމަށް އެޖަމްޢިއްޔާއިން މަސައްކަތް ކުރާނެ ކަމަށްވެސް މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން އެމްޓީއޭއިން ވަނީ ބުނެފައެވެ.