ޚަބަރު

ސޫރިޔާއަށް އެހީ ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތްތައް ކާމިޔާބު


ހަނގުރާމައިގެ ސަބަބުން ޙިސާރުކޮށްފައިވާ ސޫރިޔާގެ ރަށްތަކާއި ވިލެޖްތަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށް އދ. އިން ބުނެފިއެވެ. 

ނަމަވެސް އދ. އިން ސޫރިޔާއަށް ކަނޑައަޅާފައިވާ މަންދޫބު ސްޓެފަން ޑިމިސްޓޫރާ ވިދާޅުވީ ޙިސާރުކޮށްފައިވާ ބައެއް ސަރަހައްދުތަކަށް ސިއްޙަތާބެހޭ ބައެއް ބާވަތުގެ ސާމާނު އެތެރެކުރުމަށް ސޫރިޔާ ސަރުކާރުން ހުރަސްއަޅަމުންދާކަމަށާ މިއީ ގަބޫލުކުރެވޭނެ ކަމެއްނޫންކަމަށެވެ. 

ޖެނީވާގައި ފެށިފައިވާ ސޫރިޔާގެ ސުލްހައިގެ ވާހަކަތަކުން ސޫރިޔާގެ އިދިކޮޅު ފަރާތްތައް ވަކިވެފައިވަނީ ޙިސާރުކޮށްފައިވާ ސޫރިޔާގެ ރަށްތަކާއި ވިލެޖްތަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ސޫރިޔާ ސަރުކާރުން ހުރަސްއަޅާކަމަށް ތުހުމަތު ކޮށް ބަހަނާތައް ދެއްކުމަށްފަހުއެވެ. އެހެން ނަމަވެސް ހާލުގައިޖެހިފައިވާ ސޫރިޔާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތަށް ކުރިއެރުން ލިބެންފެށީ ސުލްޙައިގެ ވާހަކަތައް ފެށުނުފަހުންނާއި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުންކަމަށް އދ. އިން ބުނެއެވެ.