ދުނިޔެ

އިޓަލީ-ޕާކިސްތާން، ގުޅިގެން ޓެރަރިޒަމާއި ދެކޮޅަށް


ޓެރަރިސްޓް ޖަމާއަތްތަކާ ދެކޮޅަށް ހަނގުރާމަކުރުމުގައި އިޓަލީއާއި ޕާކިސްތާނާ ދެމެދުވަނީ ވަރަށްގާތް ގުޅުންތަކެއް ކަމަށް އިޓަލީގެ ޚާރިޖީ ވަޒީރު ޕައުލޯ ގެންޓިލޯނީ ވިދާޅުވެއްޖެއެވެ. 

ޕާކިސްތާނަށް ކުރައްވަމުން ދަތުރުފުޅެއްގައި ޕާކިސްތާނުގެ ބޮޑުވަޒީރުގެ މުސްތަޝާރު ސަރްތާޖް އަޒީޒް އާއެކު ބޭއްވި ނޫސް ކޮންފަރެންސެއްގައި ގެންޓިލޯނީ ވިދާޅުވީ ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައިގާ އިޓަލީއާއި ޕާކިސްތާން އެއްގައުމު އަނެއްގައުމަށް ފުޅާދާއިރާއެއްގައި އެއްބާރުލުންދެމުން ގެންދާކަމަށެވެ. އިޓަލީއާއި ޕާކިސްތާނުން ދެހާސް ނުވަވަނަ އަހަރު ވަނީ ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. 

ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައިގާ އެއްގައުމު އަނެއް ގައުމަށް ޖާސޫސީގޮތުންނާއި ވަސީލަތްތަކުގެ ގޮތުން އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް މިއެއްބަސްވުން ލާޒިމްކުރެއެވެ. ގެންޓިލޯނީ ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޕާކިސްތާނުގެ މަސްއޫލުވެރިންނާ ކުރެއްވި މަޝްވަރާތަކުގައި ދެގައުމުގެ އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުންތައް ހަރުދަނާކުރުމަށްވެސް ދެފަރާތުން ވަނީ އެއްބަސްވެފައެވެ.