ޚަބަރު

ޗައިނާއިން ރާއްޖެއަށް ތިމާވެއްޓާ ރަށްޓެހި 12 އެމްބިއުލާންސް ހަދިޔާކޮށްފި


  • އެމްބިއުލާންސްތައް ފޮނުވާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ދަނީ ކުރަމުން

  • ރާއްޖެފަދަ ތިމާވެށީގެ ގޮތުން ނާޒުކު ޤައުމަކަށް މުހިއްމު އެމްބިއުލާންސްތަކެއް

ޗައިނާއިން ރާއްޖެއަށް ތިމާވެއްޓާއި ރަށްޓެހި 12 އެމްބިއުލާންސް ހަދިޔާކޮށްފިއެވެ.

ޗައިނާއިން ހަދިޔާކުރި މި އެންބިއުލާންސްތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ.

މި އެމްބިއުލާންސްތަކަކީ ކާރިސާ ވަގުތުތަކުގައާއި، އެމެޖެންސީ އަދި އެކްސިޑެންޓްތަކުގައި ބަލިމީހުންނަށް ފޯރުކޮށްދެންޖެހޭ ޞިއްޙީ ކުއްލިފަރުވާ ރަށްރަށުގައި އަވަހަށް ފޯރުކޮށްދިނުމަށް އިތުރު ފުރިހަމަކަމެއް ގެނައުމަށް ޗައިނާ ސަރުކާރުން ހަދިޔާކޮށްފައިވާ އެމްބިއުލާންސްތަކެއްކަމަށް ސިއްޙަތާބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އެ ވުޒާރާއިން ވިދާޅުވީ މި އެމްބިއުލާންތަކުގެ ސަބަބުން ބޮޑެތި ޕެރަމެޑިކް އެމްބިއުލާންސްތައް ދުއްވުމަށް ދަތިވާ ކުދި ރަށްތަކުގައި ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމުގައި އިތުރު ފަސޭހަކަމެއް ލިބިގެންދާނެކަމަށެވެ.

ސިއްޙަތާބެހޭ ވުޒާރާއިން ވިދާޅުވީ މި އެމްބިއުލާންސްތަކަކީ ތިމާވެއްޓާ ރަށްޓެހި ވެހިކަލްތަކަކަށް ވުމުން ރާއްޖެފަދަ ނާޒުކު ތިމާވެއްޓެއް އޮންނަ ޤައުމަކަށް މިއީ ވަރަށް ބޭނުންތެރި އެއްޗެއްކަމަށެވެ. އަދި މި ވެހިކަލްތައް ފޮނުވާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތްކުރަމުންދާކަމަށާއި ކުދި ރަށްތަކަށް އެމްބިއުލާންސްތައް ފޮނުވުމަކީ އަމާޒެއްކަމަށް ސިއްޙަތާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި، ޗައިނާ އެމްބަސީގެ ފަރާތުން ހަދިޔާކުރި ގްރީން އެމްބިއުލާންސްތައް ޞިއްޙީ ވުޒާރާއާ ހަވާލުކުރުމުގެ ސެޓްފިކެޓުގައި ސޮއިކުރެއްވުންވެސް އޮތެވެ.

ޗައިނާއިން ހަދިޔާ ކުރި ގްރީން އެމްބިއުލާންސްތައް ހަވާލުކޮށްދެއްވީ އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގ ލިޒިންއެވެ. އަދި ރާއްޖެއިން އެތަކެއްޗާ ހަވާލުވެލެއްވީ ސިއްޙަތާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޚަދީޖާ ޢަބްދުއްޞަމަދު ޢަބްދުﷲއެވެ.