ޤައުމީ ދިފާޢީ ބާރުގައި ވައިގެ ފޯސްގެ ޚިދުމަތް ތަޢާރަފްކޮށް، ބޭނުންކުރަން ފެށި އަސްކަރީ ޑްރޯންތައް ދުއްވުމަށް ބޭރުގެ އެއްވެސް ޤައުމެއްގެ ބަޔަކު ޙަރަކާތްތެރިނުވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. އެމަނިކުފާނު މި ޔަޤީންކަން ދެއްވީ ޢާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށްގެންދާ "ރައީސްގެ ޖަވާބު" ޕްރޮގްރާމަށް ދެއްވި ޖަވާބުގައެވެ.
މއ.ނައިޓްލައިޓް، މުޙައްމަދު އިޙްސާން ވަނީ މީގެ ކުރިން ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދު ބެލެހެއްޓުމުގައި އެހެން ޤައުމެއްގެ ސިފައިން ތިބޭ ތިބުން ނިމުމަކަށް ގެނެސް، އަލަށް ރާއްޖެ ގެނައި ޑްރޯންތައް އޮޕަރޭޓްކުރުމަށާއި، ދުއްވުމުގައި ބޭރުގެ އެއްވެސް ޤައުމެއްގެ އެހީ ހޯދަމުން ދާނެތޯ ސުވާލުކުރައްވާފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ބޭރުގައި ސިފައިން ރާއްޖޭގައި ތިބެން ޖެހޭގޮތަށް އެއްވެސް ސިޔާސަތެއް ސަރުކާރުން ނުގެންގުޅޭނެ ކަމަށެވެ. އެގޮތުން ދާދި ފަހުން އުފެއްދިވި ދިވެހި ސިފައިންގެ އެއަރ ކޯ އަދި ދުއްވަން ފެށި ޑްރޯންތައް ދުއްވުމުގައި ބޭރުގެ އެއްވެސް ޤައުމެއްގެ ސިފައިން ނުތިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ބޭރުގެ އެއްވެސް ޤައުމެއްގެ ސިފައިން އެކަމުގައި އެހީތެރިވާންވެސް ރާއްޖެއަކު ނުތިބޭނެ. ތުރުކީއަށް ސިފައިން ގޮސް ތަމްރީނު ހޯދައިގެން އައިސް ދިވެހި ސިފައިން މިހާރުވެސް އެ ޔޫއޭވީތައް [ޑްރޯން] އޮޕަރޭޓް ކުރަނީ އަދި ދުއްވަނީ. އަދި ކުރިއަށް އޮތްތާ އިތުރު ބެޗްތައް ޓްރެއިނިންގ ހަދަން ގޮސްފައި އަންނާނެ. މިހާރުވެސް ގޮސް އެބައުޅޭ ޓްރެއިނިންގަ. އެހެންވީމަ ދިވެހި ސިފައިން ފުލީ ހުރިހާކަމެއްވެސް އެ ޑްރޯންތައް އުދުހުމުގެ ކުރާނީ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
އެމްއެންޑީއެފް އެއަރ ކޯރގެ ދަށުން އަންމޭންޑު އޭރިއަލް ވެހިކަލް، ޔޫ.އޭ.ވީ އުޅަނދު ނުވަތަ ޑްރޯން އޮޕަރޭޓްކުރާނީ ރާއްޖޭގެ އުތުރާއި ދެކުނުގައި ޤާއިމްކޮށްފައިވާ އެމްއެންޑީއެފް އޭރިއާ ކޮމާންޑްތަކުގައެވެ. މި ޔޫއޭވީތަކާއެކު ރާއްޖޭގެ ނުވަލައްކަ އަކަ ކިލޯމީޓަރަށް ވުރެ ބޮޑު ޚާއްސަ އިޤްތިޞާދީ ސަރަހައްދު ދިވެހިންގެ އަމިއްލަ ބާރުވެރިކަމުގައި ފުރަތަމަ ފަހަރަށް ބެލެހެއްޓުމުގެ ޤާބިލީއްޔަތު ލިބިފައިވާކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ.
މިޚިދުމަތާއެކު ރާއްޖޭގެ ވައިގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމްކުރުމުގެ ގޮތުން އެސަރަޙައްދު ބެލެހެއްޓުމަށްޓަކައި ހިންގަންޖެހޭ އެންމެހާ ވައިގެ އަސްކަރީ އޮޕަރޭޝަންތައް ހިންގަމުންދާނެކަމަށް ޤައުމީ ދިފާޢީ ބާރުން ވިދާޅުވެފައިވެއެވެ.