އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބޯންމަތު އާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗު 5-1 ގެ ނަތީޖާއަކުން ޗެލްސީ ކާމިޔާބުކޮށްފިއެވެ.
ލަންޑަނުގެ ސްޓެމްފަޑް ބްރިޖުގައި 39 ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 2 ވަނަ މިނިޓުގައި ޗެލްސީން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ކޯލް ޕާމާ ދިން ޕާހަކުން ޖޯޑަން ހެންޑަސަންއެވެ. މިއީ އުމުރުން 36 އަހަރުގެ ހެންޑަސަން ޗެލްސީ އާއި ގުޅުނު ފަހުން އޭނާ އެ ކްލަބަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.
އަދި އޭގެ މިނިޓެއް ފަހުން ހެންޑަސަން ދިން ޕާހަކުން މޯގަން ރޮޖާރސް ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ.
ޗެލްސީން 3 މިނިޓުގެ ތެރޭގައި ދެ ލަނޑު ޖެހި ނަމަވެސް ބޯންމަތުން ވަނީ އެ ޓީމުގެ ކުޅުން ރަގަޅުކޮށް ފުރަތަމަ ހާފުގައި ޗެލްސީގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން ރަޔާން ކްރިސްޓީ ގޯލަށް އަމާޒުކޮށް ފޮނުވާލި ނުރައްކާތެރި ހަމަލާ ޗެލްސީގެ ގޯލުކީޕަރު އެމިލިއާނޯ މާޓިނޭޒް ވަނީ މަތަކޮށްފައެވެ.
މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފުރަތަމަ މިނިޓުގެ ތެރޭގައި ޖޮއާއޯ ޕެޑްރޯ ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. ނަމަވެސް އޭގެ ފަސް މިނިޓު ފަހުން ބޯންމަތުގެ އެވަނިލްސަން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފައެވެ.
ޗެލްސީން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑު މެޗުގެ 67 ވަނަ މިނިޓުގައި ޕެޕް ޗަވާރިއާ ދިން ޕާހަކުން އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޖޮއާއޯ ޕެޑްރޯ އެވެ.
އަދި އޭގެ 3 މިނިޓު ފަހުން ޗެލްސީއަށް ލިބުނު ހިލޭ ޖެހުމަކުން ހެންޑަސަން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 5-1 އަށް ބަދަލުކޮށްފައެވެ.
ޗެލްސީ މި މެޗަށް ނިކުތްއިރު އާނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުމަށްފަހު މޯސެސް ކައިސޭޑޯ ވަނީ ކުޅެން އަރާފައެވެ. އަދި ހެންޑަސަން އާއި ކައިސޭޑޯ ވަނީ ބޯންމަތު އާއި ދެކޮޅަށް ޗެލްސީގެ މެދުތެރޭގައި ދައްކާފައެވެ.
މި ނަތީޖާ އާއިއެކު ޗެލްސީއަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 6 މެޗުން ލިބިފައިވާ 10 ޕޮއިންޓާއެކު ތާވަލުގެ 5 ވަނަ މަގާމް ލިބިފައެވެ.