ޚަބަރު

ޒިންމާދާރު ރައްޔިތުން ބިނާކުރުމާބެހޭ ބައްދަލުވުމެއް ނިލަންދޫގައި


އަމާން ވެއްޓެއް ޤާއިމުކުރެއްވުމުގެ މަޤްޞަދުގައި "ޒިންމާދާރު ރައްޔިތެއް ބިނާކުރުން"، މި ނަމުގައި ހޯމް މިނިސްޓްރީން ސިލްސިލާކޮށް ކުރިއަށް ގެންދަވާ މަސައްކަތު ބައްދަލުވުމުގެ 5 ވަނަ ބައްދަލުވުން މިއަދު ފ.ނިލަންދޫގައި ފަށްޓަވައިފިއެވެ.

ދެ ދުވަހުގެ މި މަސައްކަތު ބައްދަލުވުމުގައި، ފ. އަތޮޅުގެ ހުރިހާ ރަށެއް ހިމެނޭ ހެން، 40 ފަރާތަކުން ބައިވެރިވެފައިވެއެވެ.

ހޯމް މިނިސްޓްރީން ކުރިޔަށްގެންދަވާ ޒިންމާދާރު ރައްޔިތެއް ބިނާކުރުމުގެ ސިލްސިލާ މަސައްކަތު ބައްދަލުވުންތަކުގެ ފުރަތަމަ ބައްދަލުވުން ބާއްވަވާފައިވަނީ ކ ތުލުސްދޫގައެވެ. އެއަށްފަހު ޏ ފުވައްމުލަކާ، ހއ. ދިއްދޫގައިވެސް މިސިލްސިލާގެ މަސައްކަތު ބައްދަލުވުމެއް ވަނީ ބާއްވަވާފައެވެ.

ފ.ނިލަންދޫގައި މިއަދު ހެނދުނު ފެށި މަސައްކަތު ބައްދަލުވުން ހުޅުއްވާ ދެއްވާ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ޑެޕިއުޓީ ޑިރެކްޓަރ ޢަބްދުﷲ ވަޙީދު ވިދާޅުވީ ފާފު އަތޮޅަކީ އަތޮޅުގެ ތަރައްޤީއަށް މަސައްކަތްކުރާ އަތޮޅެއްގެ ގޮތުގައި ފާހަގަކުރެވޭ އަތޮޅެއް ކަމަށެވެ. އަދި މިއަދު މި ފެށި މަސައްކަތު ބައްދަލްވުމުގެ ބޭނުން ބައިވެރިން ހެޔޮގޮތުގައި ހިފާނެ ކަމަށް ޢުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ފާފު އަތޮޅު ކައުންސިލްގެ ރައީސް ޢަބްދުލްޙަމީދު މުޙައްމަދު ވިދާޅުވީ މުޖްތަމަޢުގައި ކުށް މަދު ކުރުމަށްޓަކައި ހުރިހާ ރައްޔިތުން އެކީގައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ކުށްތަކާއި ގުޅޭގޮތުން އާއްމުން ހޭލުންތެރިކޮށް، ކުށް މަދު ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ އިތުރަށް ސަރުކާރުގެ އިދާރާތަކާ ކްލަބް ޖަމްޢިއްޔާތަކާ ގުޅިގެން ކުށް މަދު ކުރުމަށް ކުރެވިދާނެ ކަންކަމާބެހޭގޮތުން މި މަސައްކަތު ބައްދަލުވުންތަކުގައި ވަނީ ސަރުކާރުގެ އެކި އިދާރާތަކުން ޕްރެޒެންޓޭޝަންތައް ހުށަހަޅުއްވާފައެވެ. އެ އިދާރާތަކުގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސާވިސްއާ، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރއާ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާ، ލޯކަލް ގަވަރމެންޓް އޮތޯރިޓީއާ، ނޭޝަނަލް ޑްރަގް އެޖެންސީ ހިމެނެއެވެ.