ޚަބަރު

ފެބްރުއަރީ މަހު ރަސްމީ ރިޒާވް އިތުރުވެއްޖެ


  • ޖެނުއަރީ މަސް ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރީ 551.1 މިލިއަން ޑޮލަރު

  • ފެބްރުއަރީ މަހު ރަސްމީ ރިޒާވް ވަނީ 588.8 މިލިއަން ޑޮލަރަށް އިތުރުވެފައި

  • މިއީ 37 މިލިއަން ޑޮލަރުގެ އިތުރުވުމެއް

ރާއްޖޭގެ ރަސްމީ ރިޒާވް މިއަހަރުގެ ޖެނުއަރީ މަހާއި އަޅާބަލާއިރު ފެބްރުއަރީ މަހު އިތުރުވެއްޖެއެވެ.

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ޖެނުއަރީ މަސް ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރީ 551.1 މިލިއަން ޑޮލަރެވެ. އެހެންނަމަވެސް ފެބްރުއަރީ މަސް ނިމުނުއިރު މި އަދަދު ވަނީ 588.8 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. މިއީ 37 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ.

އެމް.އެމް.އޭގެ ތަފާސްހިސާބުދައްކާ ގޮތުން މިދިޔަ ޑިސެމްބަރުމަހު ރަސްމީ ރިޒާވްގައި ހުރީ 588.61 މިލިއަން ޑޮލަރެވެ. އަދި މިދިޔަ ނޮވެމްބަރު މަހު ހުރީ 581.17 މިލިއަން ޑޮލަރެވެ. އެ މަސްތަކާ އަޅާބަލާއިރު ޖެނުއަރީ މަހު ރަސްމީ ރިޒާވް ދަށްވެފައި ވީނަމަވެސް މިދިޔަ މަހު މިވަނީ އެ އަދަދު އިތުރުވެފައެވެ.

ރަސްމީ ރިޒާވްގެ އިތުރުން ޔޫޒަބަލް ރިޒާވްވެސް ޖެނުއަރީ މަހާއި އަޅާބަލާއިރު ފެބްރުއަރީ މަހު ވަނީ އިތުރުވެފައެވެ. ކުރު މުއްދަތުގެ ދަރަނި އުނިކުރުމުން ފެބްރުއަރީ މަސް ނިމުނުއިރު ޔޫޒަބަލް ރިޒާވްގައި ހުރީ 128.8 މިލިއަން ޑޮލަރެވެ. ޖެނުއަރީ މަސް ނިމުނުއިރު ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރީ 109.7 މިލިއަން ޑޮލަރެވެ.

މިދިޔަ ފެބްރުއަރީމަހު ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުވެފައިވާކަމަށް މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތަކުން ދައްކާއިރު، ފާއިތުވި 4 މަސްދުވަހުގެ ތެރޭގައި ކުރެއްވުނު މަސައްކަތްތަކުން، ފައިސާގެ އަގު ހިފެހެއްޓި، އިޤްތިޞާދު ރަނގަޅުވާން ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދާދިފަހުން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ހާލަތު ރަނގަޅުކޮށް، ދަރަނީގެ ހިރާސްތައް ކުޑަކޮށް، ބޭރު ފައިސާ ލިބުން ފަސޭހަކުރެވޭނެ މަގުތައް ފަހިކުރުމަށް ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. އަދި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ކުރިމަތިވެފައި ހުރި މާލީ ދަތިތަކުން އަރައިގަނެ ރާއްޖޭގެ އިޤްތިޞާދީ ހާލަތަށް އަދި ރައްޔިތުންގެ ފުދުންތެރިކަމަށް ހެޔޮ ބަދަލެއް ގެނެސްދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާވަނީ ދެއްވާފައެވެ.