ޤަވާއިދާ ޚިލާފަށް ބިންތަކެއް ދިން މައްސަލައިގައި ތިނަދޫ މޭޔަރު ސަޢުދު ޢަލީގެ މައްޗަށް ދައުވާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ނިންމައިފިއެވެ.
އޭސީސީން ނެރުނު ބަޔާނެއްގައި ވިދާޅުވީ ކައްކާ ގޭހުގެ ވިޔަފާރި ކުރުމަށް ގދ. ތިނަދޫއިން ބިމެއް ހޯދުމަށް އަމިއްލަ ކުންފުންޏަކުން އެދުމުން، "ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު"ގައި ބީލަމަށް ހުޅުވާނުލައި ސިނާއީ / ވިޔަފާރީގެ ބޭނުމަށް ބިން ދޫނުކުރެވޭނެކަން ބަޔާންކޮށްފައި ވީނަމަވެސް، ތިނަދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 111 ވަނަ ރަސްމީ ބައްދަލުވުމުގައި އެ ކުންފުންޏަށް ބިމެއް ދޫކުރަން ނިންމި ކަމަށެވެ.
އެއީ ތިނަދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ މެންބަރުންގެ މަޤާމުގައި ތިބި އާމިނަތު ނަސީމާއާއި، އަހުމީމާ އަޙްމަދު އަދި ޢާއިޝަތު ލިއުޝާ ޒުބައިރު ތާއީދުކޮށް، އިޢުލާންކުރުމަކާ ނުލައި ގަވައިދާ ޚިލާފަށް އެކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައި ދިނުމަށް ނިންމި ނިންމުމެއް ކަމަށް ވަނީ އޭސީސީން ވިދާޅުވެފައެވެ.
މީގެ އިތުރުން 1 ނޮވެންބަރު 2023 ގައި އެ ކުންފުންޏާއެކު ވެވުނު އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސަޢުދު ޢަލީ ސޮއިކުރައްވައި، ގަވާއިދާ ޚިލާފަށް އެއް ބިން ދޫކުރަން ނިންމި ނިންމުގެ އިތުރަށް 2000 އަކަފޫޓުގެ 3 ބިން އެ ކުންފުންޏަށް ގަވައިދާ ޚިލާފަށް ދޫކޮށްފައިވާ ކަމަށްވެސް އޭސީސީން ވިދާޅުވިއެވެ.
މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް ފޮނުވުމަށް ނިންމާފައިވަނީ މި މަހުގެ 10ވަނަ ދުވަހު ކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.
މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ފޮނުވުމަށް ނިންމާފައިވަނީ، ތިނަދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ ރައީސްގެ މަޤާމުގައި ހުރި ސަޢުދު ޢަލީއާއި، މެންބަރުންގެ މަޤާމުގައި ތިބި އާމިނަތު ނަސީމާއާއި، އަހުމީމާ އަޙްމަދު އަދި ޢާއިޝަތު ލިއުޝާ ޒުބައިރުގެ މައްޗަށެވެ.
އެ މީހުންގެ މައްޗަށް ކުރަން ނިންމާފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.