ދުނިޔޭގެ ގިނަ ބަޔަކު ބޭނުންކުރާ ސޯޝަލް މީޑިޔާ ނެޓްވާރކް ފޭސްބުކްގެ މިއަހަރުގެ ފުރަތަމަ 3 މަސް ދުވަހު ލިބުނު އާމްދަނީ 51.9 އިންސައްތަ އިތުރުވެއްޖެއެވެ.
މިއަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި ފޭސްބުކް ކުންފުންޏަށް ލިބުނު އާމްދަނީ ވަނީ އެކުންފުނިން އަންދާޒާކޮށްފައިވާ ޢަދަދަށް ވުރެ 51.9 އިންސައްތަ އިތުރުވެފައެވެ. މި ޚަބަރާއެކު ޙިއްސާގެ ބާޒާރުގައި އެ ކުންފުނީގެ ޙިއްސާގެ އަގުވަނީ 5.8 އިންސައްތަ މައްޗަށް ގޮސްފައެވެ. ބުރާސްފަތި ދުވަހު އެ ކުންފުނީގެ ޙިއްސާއެއްގެ އަގުހުރީ 115.2 ޑޮލަރުގައެވެ. މިއަހަރުގެ ފުރަތަމަ 3 މަސް ދުވަހު ފޭސްބުކްގެ އާމްދަނީގެ 82 އިންސައްތަ އަކީ މޮބައިލް ޕްލެޓްފޯމްތަކުގައި އިޝްތިހާރު ވިއްކައިގެން ލިބުނު އާމްދަނީއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އިޝްތިހާރު ވިއްކައިގެން ލިބުނު އާމްދަނީ އުޅުނީ 72 އިންސައްތައިގައެވެ.
ފޭސްބުކްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މާރޗް މަސް ނިމުނުއިރު، ފޭސްބުކް ބޭނުންކުރާ މީހުންގެ އަދަދުވަނީ، 1.65 ބިލިއަނަށް އަރާފައެވެ. މީގެ އަހަރެއް ކުރިން ފޭސްބުކް ބޭނުންކުރާ މީހުންގެ އަދަދު ހުރީ 1.44 ބިލިއަނުގައެވެ. އަދި ފާއިތުވި 3 މަސް ދުވަހު ލިބުނު އާމްދަނީއިން ކުންފުނީގެ ޢާންމު ޙިއްސާދާރުންނަށް ޖެހޭ ޢަދަދު ވަނީ 1.51 ބިލިއަން ޑޮލަރަށް ނުވަތަ ޙިއްސާއަކަށް 52 ސެންޓަށް އިތުރުވެފައެވެ. މިދިޔަ އަހަރުގެ މިމުއްދަތުގެ ތެރޭގައި ލިބުނު އާމްދަނީ ގެ ޢަދަދު ހުރީ 509 މިލިއަން ޑޮލަރު ނުވަތަ ޙިއްސާއަކަށް 18 ސެންޓުގައެވެ. މި އަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި ފޭސްބުގެ އާމްދަނީ ވަނީ 3.54 ބިލިއަން ޑޮލަރުން 5.38 ބިލިއަން ޑޮލަރަށް އިތުރުވެފައެވެ. މީގެ ތެރެއިން 56.8 އިންސައްތަ ނުވަތަ 5.20 ބިލިއަން ޑޮލަރަކީ އިޝްތިހާރު ވިއްކައިގެން ލިބުނު އާމްދަނީއެވެ.