ޚަބަރު

ތޮއްޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި


  • ތޮއްޑޫގައި 2.5 ކިލޯމީޓަރުގެ 4 މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރާނެ

  • މި މަޝްރޫޢަކީ 77.4 މިލިޔަން ރުފިޔާގެ މަޝްރޫޢެއް

  • ތޮއްޑޫގެ މަގުތަކުގައި ފެންހިންދާ ނިޒާމް ޤާއިމްކޮށް މަގުބައްތި ހަރުކުރާނެ

އއ. ތޮއްޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީން ފަށައިފިއެވެ.

ތޮއްޑޫގައި ބޭއްވި ރަސްމިއްޔާތެއްގައި މިމަސައްކަތް ފަށްޓަވައިދެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމްއެވެ.

ތޮއްޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އާރްޑީސީއާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 5ވަނަ ދުވަހުއެވެ. މިމަޝްރޫޢުގެ ދަށުން ތޮއްޑޫގައި 2.5 ކިލޯމީޓަރުގެ 4 މަގު ޒަމާނީ ފެންވަރަށް ހެދުމަށް ވަނީ ނިންމާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އއ. ތޮއްޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ހައްދަވަން ނިންމަވައި، އެމަސައްކަތުގެ ޢަމަލީ މަސައްކަތް ފެށްޓެވިއިރު، ރައްޔިތުންނަށް ވެސް ރައީސަށާއި ސަރުކާރަށް މަގެއް ހައްދަވައިދެއްވުމުގެ ފުރުޞަތު އެބަ އޮތްކަމަށެވެ.

ވަޒީރު ވިދާޅުވީ އެ މަގަކީ ތަރައްޤީއާ ކުރިއެރުމުގެ މަގުކަމަށެވެ. ރައީސްގެ ތަޞައްވުރު ޙަޤީޤަތަކަށް ހެދުމާ ދިމާއަށް ގެންދެވޭނެ ގޮތަށް ފުރުޞަތު ފަހި ކޮށްދެއްވުމުގެ މަގުކަމަށެވެ.

730 ދުވަސް ތެރޭ މިމަޝްރޫޢު ނިންމުމަށް އާރްޑީސީން މިސްރާބު ހިފާފައިވާކަމީ މި ސަރުކާރުގެ ބާރު ސްޕީޑް ދައްކުވައިދޭ ކަމެއް ކަމަށް ވިދާޅުވެ މިސްޕީޑަށް ރައްޔިތުން މަރްޙަބާ ކިޔުމަށް ވަޒީރު އާދަމް ނަސީރު އެދިވަޑައިގެންނެވިއެވެ.

މިރަސްމިއްޔާތުގައި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް ޢަލީ ޒުހައިރުވަނީ މިމަސައްކަތް ނުހުއްޓި ނިންމޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ތޮއްޑުއަކީ ފަތުރުވެރިކަމުގެ ރަށަކަށް ވާއިރު، މަގުހެދުމުގެ ޢަމަލީ މަސައްކަތުގެ ސަބަބުން ރަށުގެ ފަތުރުވެރިކަމަށް ދަތި ނުވާނޭ ގޮތަށް މަސައްކަތް ކުރިއަށް ގެންދަވާނެކަމަށް ޢަލީ ޒުހައިރު ވިދާޅުވިއެވެ.

ތޮއްޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ. މިމަޝްރޫއުގެ ދަށުން ތޮއްޑޫގެ މަގުތަކުގައި ފެންހިންދާ ނިޒާމް ޤާއިމްކޮށް މަގުބައްތި ހަރުކުރާނެއެވެ.

ތޮއްޑޫ މަގުހެދުމުގެ މަޝްރޫއަކީ 77.4 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.