ޚަބަރު

"ކުޑަހުވަދޫގައި 3 މަޝްރޫޢުއެއް ވަރަށް އަވަހަށް ފަށާނެ"


ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫގައި ވަރަށް އަވަހަށް އައު ތިން މަޝްރޫޢެއް ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު އިޢުލާންކޮށްދެއްވައިފިއެވެ. ރައީސް ޔާމީން މި މަޝްރޫޢުތައް އިއުލާންކުރެއްވީ ކުޑަހުވަދޫގައި ސަރުކާރުން ހިންގެވި ތިން މަޝްރޫޢެއްގެ ނިންމުން އިޙްތިފާލްކުރެއްވުމަށް މިއަދު ހަވީރު އެރަށުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދ.ކުޑަހުވަދޫ ބިންހިއްކުމާއި، މަގުތަކުގައި ތާރުއެޅުމާއި، އެއަތޮޅު ވާނީ ރައްޔިތުން ކުޑަހުވަދުއަށް ބަދަލުކުރުން ނިންމުން އިފްތިތާޙްކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވަނީ ތިންހާހަށްވުރެ އާބާދީ ބޮޑު ކުޑަހުވަދޫގައި އަލަށް ބޮޑު ތިން މަޝްރޫޢުއެއް ފަށްޓަވާދެއްވާނެކަން އިޢުލާން ކޮށްދެއްވާފައެވެ. އެގޮތުން ދެން އެންމެ އަވަހަށް ކުޑަހުވަދުއަށް ބޭނުންވަނީ ރައްކާތެރިގޮތުގައި ކުނި ނައްތާލުމުގެ ނިޒާމެއްކަން ފާހަގަކުރައްވައި، އެމަޝްރޫޢު ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ވިދަޅުވިއެވެ. މީގެއިތުރުން ކުޑަހުވަދޫގެ ކަރަންޓުގެ ވިއުގަ ހަރުދަނާކުރެއްވުމުގެ ގޮތުން އެއްހާސް ކިލޯ ވޯޓުގެ ޖަނެރޭޓަރެއް ގެންނެވުމަށް ހަމަޖައްސަވައި، ޓެންޑަރަށް ހުޅުއްވާލައްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިޢުލާންކުރެއްވި އަނެއް މަޝްރޫޢަކީ، ކުޑަހުވަދޫގެ ބޯފެނުގެ މަޝްރޫޢުއެވެ. ކުޑަހުވަދޫ ރައްޔިތުންނަށް ރައްކާތެރި ބޯފެން ލިބިދެއްވުމުގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ވަނީ ކުޑަހުވަދޫގެ ބިމަށް އިތުރުކުރެވިފައިވާ ބިން އިޤްތިޞާދުކޮށްގެން ބޭނުންކުރުމަށް އިލްތިމާސް ކުރައްވާފައެވެ. އެގޮތުން ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ އިތުރަށް، އިޤްތިޞާދީ ބޭނުންތަކަށްވެސް ބިމުގެ ބޭނުން ހެޔޮގޮތުގައި ބޭނުންކުރުމަށް އެދިވަޑައިގެންނެވިއެވެ. ރައީސް ޔާމީންގެ ވާހަކަފުޅުގައި ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދެވެނީ ބޭރުގެ އެހީއާއެކުކަން ފާހަގަކުރައްވައި، ވާހަކަފުޅު ދައްކަވަމުން، ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކުގެ ސަބަބުން ބޭރު އެހީ ލިބުމަށް "ހިޔަނި" އެޅޭ ކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި ވަނީ ކޮމަންވެލްތުން ރާއްޖެ ފަދަ ކުދި ޤައުމުތަކާމެދު ގެންގުޅޭ ސިޔާސަތުތަކަށް ކަންބޮޑުވުން ފާޅުކުރައްވައި، ވާހަކަފުޅު ދައްކަވާފައެވެ. 

ރައީސް ވިދާޅުވީ ރާއްޖެއަށް އެންމެ ބޮޑެތި އެހީތެރިކަމެއް ލިބެނީ ސީނުކަރައާއި، ޢަރަބި އިސްލާމީ ޤައުމުތަކުންކަމަށެވެ. އެ ޤައުމުތަކަކީވެސް ދުނިޔޭގައި ބަސް ވިކޭ އެއްވަނަ ދަރަޖައިގެ ޤައުމުތަކެއްކަން ފާހަގަކުރައްވައި، އެޤައުމުތަކުން ރާއްޖޭގެ މިނިވަންކަމާއި، އިސްތިޤުލާލާއި، ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަންނަކަމަށް ވިދާޅުވިއެވެ. 

ރައީސް ވދާޅުވީ، ކޮމަންވެލުގައި ހިމެނޭ ރާއްޖެއަށް ކުދިކުދި އެހީ ލިބޭ ޤައުމުތަކުން ބުނާ ގޮތް ހަދަން ނުޖެހޭނެކަމަށެވެ. އެގޮތުން މިހާރު ކައިރި "ކަރަ ކަރައިން" ބުނާގޮތް ހަދަން ނުޖެހޭކަމަށް ވިދާޅުވެ، ކޮމަންވެލްތން ރާއްޖެއާމެދު ޢަމަލުކުރާ ގޮތް ތަކުރާރުކުރައްވާ ވާހަކަފުޅު ދެއްކެވިއެވެ.

މި ރަސްމިއްޔާތުގައި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަޙްމަދު އާމިރު ދެއްކެވި ވާހަކަފުޅުގައި ވަނީ ސަރުކާރުން އެއްފަސްކުރުމަށް ގެންގުޅޭ ސިޔާސަތަށް ތަޢުރީފްކުރައްވައި ވާހަކަ ދައްކަވާފައެވެ. ކުޑަހުވަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޒަމީރު ދެއްކެވި ވާހަކާގައި ކުޑަހުވަދޫގެ ރައްޔިތުންނަށް މިވަގުތު އެންމެ ބޭނުންވަނީ، އެރަށުގައި އަލަށް ހިއްކި ބިމުގައި ރައްޔިތުންނަށް ބޯހިޔާ ވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދެވުންކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ކުޑަހުވަދޫގައި ތިން މަޝްރޫޢުއެއް ކާމިޔާބުކަމާއެކު ނިންމާލެއްވީތީ ރައްޔިތުންގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ހަނދާނީ ފިލައެއް ވެދުމަށް އަރުއްވާފައެވެ.