ރާއްޖޭގައި ޔޫރޯ-ރީނަލް އެންޑް ފަރޓިލިޓީ ސެންޓަރެއް ޤާއިމް ކުރެއްވުމަށް އައި.ޖީ.އެމް ހޮސްޕިޓަލާއި އިންޑިޔާގެ އެން.ޔޫ ހޮސްޕިޓަލާ ދެމެދު އެއްބަސްވެއްޖެއެވެ.
މި އެއްބަސްވުމުގެ ދަށުން ޤާއިމްކުރައްވާ މަރުކަޒުގެ މަޝްރޫޢަށް ދިވެހި ސަރުކާރުން ޚަރަދުކުރައްވާނީ، ދޭއް ޕޮއިންޓް ފަހެއް މިލިޔަން ރުފިޔާކަމަށާއި އެން.ޔޫ ހޮސްޕިޓަލުން ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ، ހަ މިލިޔަން ރުފިޔާކަމަށް އައި.ޖީ.އެމް.އެޗުން ހާމަކުރައްވައެވެ.
ކުޑަކަމުދާ ނިޒާމްގެ ބަލިތަކާއި، ކިޑްނީގެ ބަލިތަކާއި، ދަރިމައިވުމާ ގުޅުންހުރި މައްސަލަތަކަށް ފަރުވާ ދިނުމަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް އައި.ޖީ.އެމް.އެޗްއިން ވަނީ އިންޑިޔާގެ އެންޔޫ ހޮސްޕިޓަލާއި އެކު މިއަދު އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. ފަނަރަ އަހަރުގެ މި އެއްބަސްވުމުގެ ދަށުން ދިވެހި ނަރުހުންނާއި އަދި އެހެނިހެން ޞިއްޙީ ފަރުވާދޭ ފަންނީ ބޭފުޅުން ތަމްރީން ކުރެވިގެންދާނެކަމަށް އައި.ޖީ.އެމް.އެޗްގެ ސީ.އީ.އޯ ވިދާޅުވިއެވެ.
މިއެއްބަސްވުމުގެ ދަށުން ޤާއިމުކުރައްވާ ޔޫރޯ-ރީނަލް އެންޑް ފަރޓިލިޓީ ސެންޓަރުގެ އިންފްރާސްޓްރަކްޗަރ ނުވަތަ މަރުކަޒު ހިންގާ ތަން ފޯރުކޮށްދެއްވާނީ އައި.ޖީ.އެމް،އެޗްގެ ފަރާތުންނެވެ. އަދި މިތަނަށް ބޭނުންވާ ފަންނީ އާލާތްތަކާއި ޚާއްޞަ ޑޮކްޓަރުންނާއި ފަންނީ ބޭފުޅުން ފޯރުކޮށްދެނީ އެން.ޔޫ ހޮސްޕިޓަލުންނެވެ.
އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އެން.ޔޫ ހޮސްޕިޓަލްގެ މެނޭޖިންގް ޑިރެކްޓަރ، ޑރ ޕްރަސައްނާ ވެންކަޓޭޝް ވިދާޅުވީ، އެން.ޔޫ ހޮސްޕިޓަލުން ފޯރުކޮށްދޭ ސުޕަރ ސްޕެޝަލިޓީ ޚިދްމަތްތައް އައި.ޖީ.އެމް.އެޗްގައި ޤާއިމް ކުރުމަށް، އައި.ޖީ.އެމް.އެޗަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމުގައި ދެމިތިބޭނޭ ކަމަށާއި، މިއަދު މިވެވުނު އެއްބަސްވުމަކީ، މި ސިލްސިލާގެ ބޮޅެއް ކަމަށެވެ. އޭނާ ވިދާޅުވީ އިންފްރާސްޓްރަކްޗަރ އަށް ބަލާއިރު އައި.ޖީ.އެމް އެޗަކީ އޭނާ މިހާތަނަށް ޒިޔާރަތް ކުރި ހޮސްޕިޓަލްތަކުގެ ތެރެއިން މިފަދަ ޚިދްމަތްތެއް ޤާއިމް ކުރުމަށް، އެންމެ އެކަށޭނެ ވަޞީލަތްތައް ޤާއިމް ކުރެވިފައި ހުރި ހޮސްޕިޓަލްކަމަށް އޭނާ ވިދާޅުވިއެވެ.
އިންޑިޔާގެ ބެންގަލޫރުގައި ހުންނަ އެން.ޔޫ ހޮސްޕިޓަަލަކީ ނެފްރޯ-ޔޫރޯ އަދި ފަރޓިިލިޓީ ފަރުވާ ދޭ އެންމެ ފެންވަރު ރަނގަޅު ޕްރައިވެޓް ހޮސްޕިޓަލެވެ.