ޕީއެސްއެމްގެ ކުޑައިގެ ދަށުން ހިންގާ ޕީއެސްއެމް ނިއުސް ޗެނަލްގެ އެންމެ ބޮޑު ބޭނުމަކީ ވަގުތުން ވަގުތަށް އެންމެ އަވަހަށް އެންމެ ސައްޙަ ތެދު މަޢުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމެވެ. މިއަދު މި ޗެނަލަށް 7 އަހަރު ފުރިގެންދާއިރު، ނިއުސްޓީމުގެ މަސައްކަތާއެކު މިވަނީ ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދާފައެވެ.
ޚިދުމަތުގައި ޕީއެސްއެމް ނިއުސްއަށް މިއަދު ފުރެނީ 7 އަހަރެވެ. ރާއްޖޭގެ އެންމެ ދުވަސްވީ ބްރޯޑްކާސްޓިން ކުންފުނި، މިހާރުގެ ނަމުންނަމަ ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމްގެ ދަށުން "ޕީއެސްއެމް ނިއުސް" އުފައްދާ ޚިދުމަތް ދޭން ފެށީ 2017 ވަނަ އަހަރުގެ މޭމަހުގެ 3 ވަނަ ދުވަހުއެވެ.
އެ ދުވަހުން ފެށިގެން މިއަދާއި ހަމައަށް މެދުކެނޑުމެއްނެތި، 24 ގަޑިއިރު މި ޗެނަލުން އަންނަނީ ޚިދުމަތް ދެމުންނެވެ. ޕީއެސްއެމް ނިއުސްގެ ކޮންމެ ކޮންޓެންޓަކީ ޚަބަރާއި މަޢުލޫމާތާއި ކަރަންޓް އެފެއަރސް ކަންކަމަށް ޚާއްސަކޮށްގެން ގެނެސްދޭ ކޮންޓެންޓެވެ. މީގެ ތެރޭގައި އެކި ދާއިރާތަކުން ރާއްޖެއާއި ރާއްޖޭން ބޭރުގެ މަޝްރަހުން ހިނގާ މުހިންމު ކަންކަން ހިމެނެއެވެ.
ހަމައެހެންމެ މި ޒަމާނަކީ ސޯޝަލް މީޑިއާގެ ޒަމާންކަމަށްވުމާއެކު ޚަބަރާއި މަޢުލޫމާތު ވީހާވެސް ގިނަ އާންމުންނާއި ހަމައަށް ގެނެސްދިނުމަށްޓަކާ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައިވެސް ޕީއެސްއެމް ނިއުސްއިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ބެލުންތެރިންނާ ހަމައަށް ވަގުތުން އެއިރެއްގެ އެންމެ ތާޒާ ޚަބަރުތައް ގެނެސްދިނުމަކީ ޕީއެސްއެމް ނިއުސްގެ އެންމެ މުހިންމު އަމާޒެއެވެ. އެގޮތުން ރާއްޖޭގެ ޚަބަރުތަކާއި، ކުޅިވަރާއި ވިޔަފާރި ޚަބަރުތަކާއި ބޭރު ދުނިޔޭގެ ޚަބަރުތައް ދިވެހި ބަހުންނާއި އިނގިރޭސިބަހުން އަންނަނީ ގެނެސްދެމުންނެވެ.
ކަރަންޓް އެފެއާޒް ޕްރޮގްރާމްތައްވެސް ޕީއެސްއެމް ނިއުސްއިން އަންނަނީ ގެނެސްދެމުންނެވެ. އޭގެ ތެރޭގައި ރާއްޖޭގެ ތަރައްޤީއަށް ކުރަމުންދާ އެކިއެކި މަސައްކަތްތައް ހިމަނައިގެން ގެންނަ ޕްރޮގްރާމްތަކާއި، ވިޔަފާރިއަށް ޚާއްސަ ޕްރޮގްރާމްތަކާއި، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް ޚާއްސަކޮށް ގެންނަ ޕްރޮގްރާމުތަކުގެ އިތުރުން ކުޅިވަރަށް ޚާއްސަކޮށްގެންވެސް ކޮންމެ ހަފްތާއަކުވެސް އަންނަނީ ޚާއްސަ ޕްރޮގްރާމްތައް ގެނެސްދެމުންނެވެ.
މީގެ އިތުރުން ރާއްޖެއާ ބޭރުގެ އެކި ޤައުމުތަކާއި އެކި ޖަމިއްޔާތަކާ ދެމެދު އޮންނަ ގުޅުންތަކުގެ މައްޗަށް ޚާއްސަކޮށްގެންވެސް ޕްރޮގްރާމްތައް އަންނަނީ ގެނެސްދެމުންނެވެ.
މިޕްރޮގްރާމުތަކުގެ އިތުރުން ކޮންމެ ދުވަހަކު ގެނެސްދޭ ޕްރޮގްރާމްތަކުގެ ތެރޭގައި ދުނިޔޭގެ މަޝްރަހަށް ބަލާލާ ގެނެސްދޭ "ދުނިޔޭގެ ކަޅި" ޕްރޮގްރާމާއި އަދި އެއިރެއްގެ މުހިންމު ކަންކަމަށް އަލިއަޅުވާލާ ގެނެސްދޭ "ރާއްޖެ މިއަދު" ޕްރޮގްރާމަކީ ފާހަގަކޮށްލެވޭ ޕްރޮގްރާމްތަކެވެ.
މިވީ ދުވަސްތަކުގައި ކޮންމެ ދުވަހަކު ގެނެސްދޭ ޕްރޮގްރާމްތަކާއި ހަފްތާއަކު ގެނެސްދޭ ޕްރޮގްރާމްތަކުގެ އިތުރަށް ބޮޑެތި ލައިވް ކަވަރޭޖްތަކާއި، ބްރޭކިން ނިއުސްތައް އެންމެ އަވަހަށް އެންމެ ތާޒާކަމާއެކު ގެނެސްދިނުމުގައި ޕީއެސްއެމް ނިއުސްގެ މުޅި ޓީމުން ކުރާ މަސައްކަތަކީވެސް ފާހަގަކޮށްލެވޭ މުހިންމު މަސައްކަތެކެވެ.
ޚާއްސަގޮތެއްގައި މިފަހުން ބޭއްވި ރިޔާސީ އިންތިޚާބާއި މާލެ ސިޓީ މޭޔަރު އިންތިޚާބާއި 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ޚަބަރާއި މަޢުލޫމާތުގެ އިތުރަށް ލައިވް ކަވަރޭޖްތައް ކާމިޔާބުކަމާއެކު ވަނީ ގެނެސްދީފައެވެ.
ހަމައެހެންމެ މި އިންތިޚާބުތަކުގައި ހޮވުނު ބޭފުޅުންގެ ހުވާކުރުމުގެ ރަސްމިއްޔާތު ޚާއްސަގޮތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރައީސްކަމުގެ ހުވާކުރުމުގެ ކަވަރޭޖް ގެނެސްފައިވަނީ އެހެން މީޑިއާތަކާ ޚިލާފަށް ތަފާތުކޮށެވެ. ހަމައެހެންމެ މަޖިލިސް އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންނަށް ޚާއްސަކޮށްގެން ގެނެސްދިން މަޖިލިސް ބަހުސްވެސް ކުރީ ފަހަރުތަކާ ޚިލާފަށް މާލޭގެ އިތުރުން އާބާދީ ބޮޑެތި ސިޓީތަކުން ވަނީ ގެނެސްދީފައެވެ.
ސިޔާސީ ކަވަރޭޖްތަކުގެ އިތުރަށް މިފަހުން ރާއްޖެއަށް ދިމާވި ގުދުރަތީ ކާރިސާތަކުގެ ކަވަރޭޖްތައްވެސް ގެނެސްދީފައިވާނެއެވެ.
އެގޮތުން މާލެއަށާއި އަތޮޅުތަކުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ހިނގި ޙާދިސާތަކުގެ ލައިވް ކަވަރޭޖްތައް އަޅުގަނޑުމެން ގެނެސްދިނީ މެދުކެނޑުމެއް ނެތިއެވެ.
ޚާއްސަކޮށް ވާރޭވެހުމުގެ ސަބަބުން އަޅުގަނޑުމެންގެ އޮފީސް އިމާރާތައް ގެއްލުންވިނަމަވެސް ހުއްޓުމެއް ނެތި އަޅުގަނޑުމެން ގެންދިޔައީ ޓީވީއާއި އޮންލައިންކޮށްވެސް އެކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތުތައް ގެނެސްދެމުންނެވެ.
ހުރި ގޮންޖެހުންތަކާއެކުވެސް އަޅުގަނޑުމެންގެ ބެލުންތެރިންނާއި ހަމައަށް ގެނެސްދޭ ޚަބަރާއި މަޢުލޫމާތުތަކުގެ އިތުރުން ޕްރޮގްރާމްތަކަކީ މުޅި ނިއުސްޓީމްގެ މުވައްޒަފުންގެ ބުރަ މަސައްކަތުން ގެނެސްދޭ ޕްރޮގްރާމްތަކެވެ.
ޝައުގުވެރި ޕްރޮގްރާމްތަކާއި ލައިވް ކަވަރޭޖްތައް އަޅުގަނޑުމެން ގެނެސްދެނީ ހަމައެކަނި ޓީވީ ސްކްރީންނުން ފެންނަ ޕްރެޒެންޓަރުންގެ އިތުރުން ކެމެރާ ފުރަގަހުގައި މަސައްކަތް ކުރާ އެތައްބައެއްގެ ބުރަ މަސައްކަތުންނެވެ.