ޚަބަރު

ނަރުހުންނަކީ ކެތްތެރިކަމާއެކު އެމީހުންގެ މަސްއޫލިއްޔަތު އަދާކުރާ ބައެއް: ޑރ. ޚަލީލް


  • ނަރުހުންނަކީ ހުރިހާ ޙާލަތެއްގައިވެސް މަސްއޫލިއްޔަތު އަދާކުރުމުގައި ދެމިތިބޭ ބައެއް

  • ވަޒީރުގެ މެސެޖުގައި ޣައްޒާގައި ތިބި ނަރުހުންގެ ވާހަކައަށްވެސް އަލިއަޅުވާލެއްވި

ނަރުހުންނަކީ ކެތްތެރިކަމާއި ހިއްތަވަރާއެކު އެމީހުންގެ މަސްއޫލިއްޔަތު އަދާކުރާ ބައެއްކަމަށް ޞިއްޙީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤުވާމީ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ވިދާޅުވެ ސޯޝަލް މީޑިޔާގައި ކޮށްފައިވާ ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ ނަރުހުންނަކީ އެމީހުންނަށް ދިމާވާ ކޮންމެ ޙާލަތެއްގައިވެސް އެއްވެސް ފަސްޖެހުމެއްނެތި އެމީހުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދެމި ތިބޭ ބައެއް ކަމަށެވެ. އަދި މި މަސައްކަތުގައި ދެމިތިއްބެވި އެންމެހާ ދިވެހި ނަރުހުންނަށް ވަޒީރުގެ މެސެޖުގައިވަނީ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ.

ވަޒީރުގެ މެސެޖުގައި އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގައި ޣައްޒާގައި ސިއްޙީ ޚިދުމަތުގައި ދެމިތިބި ނަރުހުންނަށްވެސް އަލިއަޅުވާލައްވާފައިވެއެވެ. ވަޒީރު ވަނީ ނަރުހުންގެ ގޮތުގައި ޣައްޒާގައި ޚިދުމަތްކުރައްވާ އެންމެހާ ނަރުހުންނަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުމަށް މާތް ﷲ ކިބައިން ދުޢާ ދަންނަވާފައެވެ.


ބައިނަލްއަޤުވާމީ ނަރުހުންގެ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ މެއި މަހުގެ 12 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރަނީ ޒަމާނީ ނަރުސްކަން ދުނިޔެއަށް ތަޢާރަފްކުރިކަމަށް ގިނަ ބަޔަކުދެކޭ ފްލޮރެންސް ނައިޓިންގޭލް ގެ އުފަން ދުވަހާ ގުޅުވައިގެންނެވެ.

އެގޮތުން 1853 އިން 1856 ވަނަ އަހަރާ ހަމައަށް އޮޓޮމަންގެ ރަސްކަމާއި ރަޝިޔާގެ ރަސްކަމާ ދެމެދު ހިނގި ވަރުގަދަ ކްރިމިއަން ހަނގުރާމާގައި ޒަޚަމްވި ސިފައިންގެ މީހުންނަށް ފަރުވާދިނުމުގެ އިންތިޒާމް ހަމަޖެއްސުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި މީހަކީ ފްލޮރެންސް ނައިޓިންގޭލްއެވެ.