ދުނިޔެ

ތުރުކީވިލާތުގެ ބޮޑުވަޒީރު މަޤާމުން ވަކިވާނެކަމަށް އިއުލާންކޮށްފި


ތުރުކީވިލާތުގެ ބޮޑުވަޒީރު އަހްމަދު ދާވުތޫލޫ އޭނާގެ މަޤާމު ދޫކޮށްލެއްވުމަށް ނިންމެވުމާ އަދި ވެރިކަންކުރާ ޖަސްޓިސް ޕާޓީގެ ރިޔާސަތަށް އަލުން ކުރިމަތި ނުލެއްވުމަށް ނިންމެވި ނިންމެވުމުގެ ފަހަތުގައިވަނީ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ ފިއްތުންތައް ކަމަށް އެޤައުމުގެ އިދިކޮޅު ލީޑަރު ކަމާލް ކިލިކްޑަރޮގްލޯ ތުހުމަތު ކުރައްވައިފިއެވެ. ދާވުތޫލޫގެ ނިންމެވުމާބެހޭގޮތުން ދެއްވި ބަޔާނެއްގައި ކަމާލް ވަނީ މިއީ ރައީސް އުރުދުޣާންގެ ވެރިކަމުގެ ބާރުގަދަ ކުރެއްވުމަށްޓަކައި ރިޔާސީ ގަނޑުވަރުން ގެނައި އިންގިލާބެއް ކަމަށް ސިފަކުރައްވާފެއެވެ.

ތުރުކީވިލާތުގެ ބޮޑުވަޒީރު އަހްމަދު ދާވުތޫލޫ ބުރާސްފަތި ދުވަހުވަނީ ބޮޑުވަޒީރުކަމުގެ މަޤާމު ދޫކޮށްލައްވަން ގަސްދުކުރައްވާކަން އިޢްލާންކުރައްވާފައެވެ. ދާވުތޫލޫ އަކީ ތުރުކީވިލާތުގައި ވެރިކަންކުރާ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީގެ ޒައީމްއެވެ. ޖަސްޓިސް ޕާޓީގެ ވެރިކަމުގައި ބޮޑުވަޒީރުކަން ކުރައްވަނީ އެޕާޓީގެ ރައީސަކަށް އިންތިޚާބު ކޮށްފައިވާ ބޭފުޅެކެވެ.

ބުރާސްފަތި ދުވަހުބޭއްވި ޖަސްޓިސް ޕާޓީގެ މަރުކަޒީ ކޮމިޓީގެ ބައްދަލުވުމަކުން ނުކުމެ ވަޑައިގެން ދެއްވި ބަޔާނެއްގައި ދާވުތޫލޫ ވިދާޅުވީ އެޕާޓީގެ ޒައީމްކަމުގެ މަޤާމުން އިސްތިއުފާ ދެއްވަން ގަސްދުކުރައްވާ ކަމަށެވެ. އަދި ކުރިޔަށްއޮތް ދެހަފްތާ ތެރޭގައި ޖަސްޓިސް ޕާޓީގެ ކޮންގްރެސްގެ އިސްތިސްނާއީ ޖަލްސާއެއް ބާއްވައި އެ ޕާޓީގެ ޒައީމްކަމަށް އައު ބޭފުޅަކު އިންތިޚާބު ކުރަން ނިންމާފައިވާކަމަށާ ޕާޓީގެ ޒައީމްކަމުގެ މަޤާމަށް ކުރިމަތި ނުލައްވައި ދެން ހުންނަވާނީ ކޮންގްރެސްގެ މެންބަރެއްގެ ގޮތުގައި ކަމަށްވެސް ދާވުތޫލޫ ވިދާޅުވިއެވެ.

ދާވުތޫލޫ ޖަސްޓިސް ޕާޓީގެ ޒަޢާމަތު ދޫކޮށްލެއްވުމަކީ ބޮޑުވަޒީރުކަން ދޫކޮށްލެއްވުން ކަމަށްވާއިރު ތުރުކީވިލާތުގެ އިދިކޮޅު ފަރާތްތަކުންވަނީ މިއީ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން، ދާވުތޫލޫގެ ސަރުކާރުގެ ކަންކަމުގެ ތެރެއަށާއި ޖަސްޓިސް ޕާޓީގެ ކަންކަމަށް ބާރާއި ނުފޫޒު ހިންގަވަމުން ގެންދަވާތީ ނިންމެވި ނިންމެވުމެއްކަމަށް ތުހުމަތުކޮށްފައެވެ. މިކަމާދެކޮޅަށް ރައީސް އުރުދުޣާންއަށް އެންމެ ބޮޑަށް ފާޑު ވިދާޅުވެފައިވަނީ ތުރުކީވިލާތުގެ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ލީޑަރު ކަމާލް ކިލިކްޑަރޮގްލޯއެވެ. އޭނާ ވިދާޅުވީ މިއީ ތުރުކީވިލާތުގެ ސަރުކާރާއި ދައުލަތާ އަދި ޕާޓީގެ ހުރިހާ ބާރުތަކެއް މުށުތެރެއަށް ލެއްވުމަށް ރައީސް އުރުދުޣާން އިސްކޮށް ހުންނަވައިގެން ރިޔާސީ ގަނޑުވަރުން ގެނައި މަދަނީ އިންޤިލާބެއްކަމަށެވެ.

ތުރުކީވިލާތަކީ ބަރުލަމާނީ ނިޒާމަށް ވެރިކަން ކުރާ ޤައުމެއްކަމުން އެޤައުމުގެ ރައީސަށް އޮންނަނީ ރަމްޒީ ބާރެކެވެ. އަދި ވެރިކަންކުރާ ޖަސްޓިސްޕާޓީ މަޤާމެއް އަދާކުރުމުގެ ޤާނޫނީ ހައްޘިއްޔަތެއްވެސް ތުރުކީވިލާތުގެ ރައީސަކަށް ހުންނަވާ ބޭފުޅަކަށް ނޯވެއެވެ. ނަމަވެސް ތުރުކީވިލާތުގެ ސަރުކާރުގެ ތެރޭގައާއި ވެރިކަންކުރާ ޖަސްޓިސް ޕާޓީ ތެރޭގައިވެސް އެންމެ ބާރުގަދަ ފަރާތެއްކަމުގައި ވެފައިވަނީ ރައީސް އުރުދުޣާނެވެ.

މިމައްސަލާގައި ބޮޑުވަޒީރު ދާވުތޫލޫ އާއި ރައީސް އުރުދުޣާން އާ ދެމެދު ސިޔާސީ ދެބަސްވުންތައް އުފެދި ދެބޭފުޅުންގެ ގުޅުންތައް ގޯސްވެފައިވާތާ ދުވަސްތަކެއް ވެފައިވާއިރު ބޮޑުވަޒީރުކަމުންނާއި ޖަސްޓިސް ޕާޓީގެ ޒަޢާމަތުން ދުރުވެވަޑައިގަތުމަށް ދާވުތޫލޫ ނިންމެވީ އުރުދުޣާންގެ ފިއްތުންތަކުގެ ސަބަބުން ކަމަށްވަނީ ބެލެވިފައެވެ. ނަމަވެސް އިސްތިއުފާދެއްވުމަށް ނިންމެވިކަން އިޢްލާން ކުރައްވަމުން ދާވުތޫލޫ ވިދާޅުވީ އޭނާ ދެންވެސް ހުންނަވާނީ ރައީސް އުރުދުޣާންއަށް ވަފާތެރި ޝަޚްސިއްޔަތެއްގެ ގޮތުގައި ޖަސްޓިސް ޕާޓީގައި ކަމަށާ ދެބޭފުޅުންގެ ގުޅުންތަކަކީ ކެނޑިގެންދާ ވަރަށްވުރެ ބަދަހި އަދި އިތުބާރުބޮޑު ގުޅުންތަކެއް ކަމަށެވެ.

މަޤާމު ބަދަލުވިޔަސް ރަހްމަތްތެރިންނާއި އެކުވެރިން ބަދަލުނުވާނެކަމަށް ދާވުތޫލޫ ވިދާޅުވިއެވެ. ދާވުތޫލޫ އަކީ އުރުދުޣާންގެ ޒަޢާމަތުގައި ތުރުކީވިލާތުގެ ބޮޑުވަޒީރުކަމުގެ އިތުރުން އެޤައުމުގެ ޚާރިޖީ ވަޒީރުކަންވެސް ދިގުމުއްދަތަކަށް ކުރައްވާފައިވާ ވަރުގަދަ ސިޔާސީ ޝަޚްސިއްޔަތެކެވެ. ދާވުތޫލޫ އަށްފަހު ތުރުކީވިލާތުގެ ބޮޑުވަޒީރުކަމަށާ އަދި ޖަސްޓިސް ޕާޓީގެ ޒަޢާމަތަށް ވަޑައިގަންނަވާނީ ބޮޑުވަޒީރުގެ ނައިބު އަދި ތުރުކީ ސަރުކާރުގެ ރަސްމީ ތަރްޖަމާން ނުޢްމާން ގުރްތުލްމޫޝް ކަމަށް ވަނީ ބެލެވިފައެވެ.