ޚަބަރު

ވިލާ ގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ޔެލޯ އެލާޓް


  • ޔެލޯ އެލާޓް ނެރެފައިވަނީ ދަންވަރު 1:00 އާ ހަމައަށް

  • ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނޭ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން މުޅި ރާއްޖެއަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފައިވަނީ ދަންވަރު 1:00 ޖެހުމާ ހަމައަށެވެ. މޫސުމާ ބެހޭ އިދާރާއިންވަނީ ބޯކޮށް ވާރޭ ވެހި، ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދު ވައި ޖެހޭނެ ކަމަށް ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައްވެސް ވަރަށް ގަދަވާނެ ކަމަށް އެއިދާރާއިން މައުލޫމާތު ދެއެވެ.

މޫސުމާ ބެހޭ އިދާރާއިން މުޅި ރާއްޖެއަށް ޔެލޯ އެލާޓް ނެރެފައިވާއިރު، ކުރިއަށް އޮތް 24 ގަޑިއިރުވެސް ބޯކޮށް ވާރޭވެހި ވިއްސާރަ ކުރާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވެފައިވާތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް ކަމާއި ގުޅުން ހުރި އިދާރާތަކުން އަންނަނީ އިރުޝާދު ދެމުންނެވެ. އަދި ވިއްސާރައިގެ ސަބަބުން ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީންވެސްވަނީ އިރުޝާދުދީފައެވެ.