ޚަބަރު

ސްކޫލްތައް އޭސީކުރުމުގެ މަސައްކަތް މިހަފުތާތެރޭގައި ފަށަނީ


  • 2 އަހަރު ތެރޭގައި ސްކޫލްތައް އޭސީކޮށް ނިންމާނެ

  • ސްކޫލްތަކުގެ ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް ކުރާނެ

  • އޭސީތަކަށް ދޭ ކަރަންޓްގެ %30 އިޔާދަކުރަނިވި ހަކަތައަށް ހަދާނެ

ސަރުކާރުގެ ހުރިހާ ސްކޫލެއްގެ ކްލާސް ރޫމްތައް އޭސީ ކުރުމުގެ މަސައްކަތްތައް މިހަފްތާ ތެރޭގައި ފަށާނެކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

އޭސީ ކުރުމުގެ މަސައްކަތަކީ ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިޒުގެ އެދިވަޑައިގަތުމަށް ކުރާ މަސައްކަތެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ތަޢުލީމީ ވަޒީރު ޑރ.އިސްމާޢިލް ޝަފީޢު ވިދާޅުވީ މޫސުމީ ބަދަލުތަކާއެކު ހޫނުމިން އިހުސާސްކުރެވޭ މިންވަރު މަތިވެފައިވާކަމަށެވެ. އަދި ކްލާސްރޫމެއްގައި 30 ކުދިން ތިބޭއިރު، އެހޫނުމިން އިހުސާސްކުރެވޭ މިންވަރު އިތުރުވާނެކަމަށްވެސް ވިދާޅުވިއެވެ.

ދުނިޔެ ހޫނުވުމުގެ ސަބަބުން ސްކޫލުތައް ހޫނުވެ، ދަރިވަރުން ސްކޫލަށް އަންނަން ބޭނުންނުވުމުގެ ސަބަބުން އެކުދިންގެ ކިޔެވުމަށް އަސަރުކުރުމަކީ، ގިނަ ގައުމުތަކަކަށް ދިމާވެފައިވާ މައްސަލައެއްކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ ކްލާސްރޫމްތަކުގައި ހޫނުވާ މައްސަލަ ހައްލުކުރުމަށްޓަކައި ކުރިއަށް ގެންދާ އޭސީ މަޝްރޫޢަކީ ޚަރަދު ހިނގާނެ މަޝްރޫޢެއް ނަމަވެސް ސަރުކާރުން މަސައްކަތް ކުރަނީ ކުދިންނަށް ކިޔަވައިދިނުމަށް ހިތް ފަސޭހަ މާހައުލެއް ޤާއިމް ކުރުމަށްކަމަށެވެ.

ވަޒީރު ވިދާޅުވީ އޭސީ ކުރުމުގެ މަސައްކަތް މިހަފްތާ ތެރޭގައި ފަށްޓަވާނެކަމަށާއި އޭސީތަކަށް ދޭ ކަރަންޓުގެ %30 އަކީ ސޯލާ ޕެނަލް ފަދަ ރިނިއުބަލް އެނާޖީ ބޭނުންކޮށްގެން އުފައްދާ ކަރަންޓަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިރުޝާދުދެއްވާފައިވާކަމަށެވެ.

"މިއީ ރާއްޖެއަށް އެކަނި ދިމާވެފަވާ ކްރައިސިސްއެއް ނޫން. ވަރަށް ގިނަ ގައުމުތަކުން ފާހަގަކުރި ސްކޫލުތަކުގަ ހޫނުގަދަވުމުގެ ސަބަބުން ކުދިން ސްކޫލަށް ނުދިއުމުގެ ސަބަބުން އަންނަ ލާނިން ލޮސް. އޭސީ ކުރުމުގައި އެންމެ މަދުވެގެން 30 އިންސައްތަ ކަރަންޓަކީ ސޯލާ ޕެނަލްތަކުން އުފައްދާ ކަރަންޓުގެ ގޮތުގައި ބައްޓަންކުރެވިގެން، އެފަދަ ގޮތަކަށް ވިސްނައިގެން މިޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ރައީސް އިރުޝާދުދެއްވާފައިވަނީ. އަޅުގަނޑުމެން އޭސީ ކުރުމުގެ ޕްރޮޖެކްޓުގެ މަސައްކަތް މިހަފްތާ ތެރޭގައި އިފްތިތާހުކުރާނަން" ތަޢުލީމީ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.

ވަޒީރު މީގެ ކުރިން ވިދާޅުވެފައިވަނީ ސަރުކާރުގެ ހުރިހާ ސްކޫލްތައް އޭސީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ މަސައްކަތް 2026 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށެންވާއިރަށް ނިންމާލެވޭނެކަމަށެވެ. އަދި ސްކޫލްތަކުގެ ކަރަންޓުގެ ހާލަތު ދެނެގަނެ ކަރަންޓަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެކަމަށެވެ.