މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ ނުރައްކާ އޮތީ ހަމައެކަނި ރާއްޖެއަށް ނޫންކަމަށާއި، އެކަމުގެ ނުރައްކާ ހުރިހާ ގައުމަކަށްވެސް އޮތްކަން ގަބޫލުކޮށްގެން އަވަސް މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެންޓީގާ އެންޑް ބާބިޔުޑާގައި މިހާރު ކުރިއަށްދާ 4 ވަނަ ސިޑްސް މަހާސިންތާގެ ހަވާސާގެ ތެރެއިން ކުރިއަށްދިޔަ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
"ފްރޮމް އެމްބިޝަންސް ޓު ޕްރެކްޓިސް: އެޑްވާންސިންގ ސިޑްސް4 ގޯލްސް ތުރޫ ދަ ސީއެސްއާރު އިނީޝިއޭޓިވް" ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ އެމަނިކުފާނު ރާއްޖެގެ ޒައާމަތާއި ހަވާލުވެވަޑައިގަތީ އެކި ގޮތުން ކުރިމަތިވާނެ އުނދަގޫތަކާއި ދަތިތަކަށް ތައްޔާރަށް އޮތް މުޖްތަމަޢުއެއް ބިނާކުރުމުގެ ފުރިހަމަ ތަސައްވުރަކާއެކުކަމަށެވެ. އޭގެތެރެއިން އެއްމަސައްކަތަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތްކަން ރައީސުލްޖުމްހުރިއްޔާ ފާހަގަކުރެއްވިއެެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި މަސައްކަތުގައި ރާއްޖެއަށް އެހީތެރިވުމަށް ބައިނަލްއަގުވާމީ މުޖްތަމައުއަށް ގޮވާލާތާ އެތައް އަހަރެއްްވެއްްޖެކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ ނުރައްކާ އޮތީ ހަމައެކަނި ރާއްޖެއަށް ނޫންކަމަށާއި އެކަމުގެ ނުރައްކާ ހުރިހާ ގައުމަކަށްވެސް އެބައޮތްކަމަކަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނުރައްކާތަކެއް ކުރިމަތިވެފައި އޮތްއިރު، މި މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރާކަން އަމަލުތައް ދައްކަންވާނެކަމަށެވެ. އަދި މައްސަލަތަކަށް ހައްލު ހޯދުމުގައި ބައިނަލްއަގުވާމީ މުޖްތަމައުން އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް އޮތުމަކީ ލިބޭ ހިތްވަރެއްކަމަށާއި ނަމަވެސް މިއަދު އެކަމުގައި ކުރަންޖެހޭ މަސައްކަތްތައް ވަރަށް ބޮޑުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ދުނިޔެ ހޫނުވާ މިންވަރު 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަށް ކަނޑައެޅި އަމާޒަށް ވާސިލުވުމުގެ އުއްމީދު ކުޑަކަމަށް ސައިންސްވެރިން ބުނަމުންދާކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއީ ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތަކަށް ހުރިހާ ގޮތަކުންވެސް އޮތް ނުރައްކަލެއްކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެއިން އިސް ދައުރެއް އަދާކޮށްގެން ފަށާފައިވާ ކްލައިމެޓް ސްމާޓް ރެޒިލިއަންޓް އައިލެންޑްސް، ސިއެސްއާރުއައި އިނީޝިއޭޓިވްއަކީ މޫސުމީ މައްސަލަތަކަށް އަވަސް ހައްލު ހޯދުމަށް ފެށި މަސައްކަތެއްކަމަށެވެ. އަދި މިމަސައްކަތް ކާމިޔާބުވެއްޖެނަމަ މޫސުމީ މައްސަލަތަކުން އޮތް ނުރައްކާތައް ކުޑަކުރުމަށް ވަށާޖެހޭ ހައްލެއް ލިބިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންކަމުން ސިޑްސްގެ ވީހާވެސް ގިނަ ގައުމުތަކުން ސިއެސްއާރުއައި އިނީޝިއޭޓިވްގައި ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ.
ސިޑްސް މަހާސިންތާގެ ހަވާސާގެ ތެރެއިން ކުރިއަށްދިޔަ މި ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅު ރައީސުލްޖުމްހޫރިއްޔާ ނިންމަވާލެއްވީ ކުދި ޖަޒީރާ ގައުމުތަކުން ގުޅިގެން މަސައްކަތްކޮށްފިނަމަ ސަލާމަތުގެ އައްސޭރިއަކަށް ވާސިލުވެވޭނެކަމުގެ އުއްމީދުތައް އާ ކުރައްވަމުންނެވެ.