ސަރުކާރަށް މިވީ 6 ދުވަހުގެ ތެރޭގައި 2 މިލިއަން ޑޮލަރުގައި ހުރި ސޮވްރިން ފަންޑު 50 މިލިއަން ޑޮލަރަށް އިތުރުކުރެވިފައިވާކަމަށް މާލީ ވަޒީރު ޑރ.މުޙައްމަދު ޝަފީޤް ވިދާޅުވެއްޖެއެވެ.
މާލީ ވަޒީރު މިހެން ވިދާޅުވީ އެ ވުޒާރާއިން ވޭތުވެދިޔަ 6 މަސްދުވަހު ކުރެވުނު މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވަމުންނެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މާލީ ވަޒީރު ޑރ މުޙައްމަދު ޝަފީޤް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ އިޤްތިޞާދާއި މާލީ ހާލަތު އޮތީ ވަރަށް ދަށަށް ގޮސްފައިވާކަމަށެވެ، ނަމަވެސް ސަރުކާރުން މިދިޔަ 6 މަސް ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކާއެކު ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
މާލީ ވަޒީރު ވިދާޅުވީ ސަރުކާރު ވެރިކަމާއި ހަވާލުވިއިރު މީގެކުރިން އެތައް ސަތޭކަ މިލިއަން ޑޮލަރެއް ހުރި ސޮވްރިން ފަންޑުގައި ހުރީ 2 މިލިއަން ޑޮލަރުކަމަށެވެ. ނަމަވެސް ސަރުކާރުން ވޭތުވެދިޔަ 6 މަސް ދުވަހުގެ ތެރެގައި ކުރެވުނު މަސައްކަތްތަކާއެކު ސޮވްރިން ފަންޑަށް 50 މިލިއަން ޑޮލަރު ޖަމާކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
މާލީ ވަޒީރު ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމޭއިރު ސޮވްރިން ފަންޑަށް 100 މިލިއަން ޑޮލަރު ޖަމާކުރުންކަމަށެވެ.
ސަރުކާރުން މީގެކުރިން ވިދާޅުވެފައި ވަނީ މިދިޔަ ސަރުކާރު 2018 ވަނަ އަހަރު ވެރިކަމާއި ހަވާލުވިއިރު ސޮވްރިން ފަންޑުގައި 500 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ އަދަދަކަށް ފައިސާ ހުރިކަމަށެވެ. ނަމަވެސް އެ ސަރުކާރުގެ ވެރިކަން ނިމުނުއިރު، އެ ފަންޑުގައި ހުރި ހުރިހާ ޑޮލަރެއްހެން މާރުކޮށްފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ.