ޚަބަރު

ކުދި ޤައުމުތަކުގެ ޙައްގުގައި ރާއްޖެއިންކުރާ މަސައްކަތް ޤައުމުތަކުން ނަމޫނާއަކަށް ބަލަން ބޭނުންވޭ: ޝިޔާން


  • ރާއްޖެއަށް ތަޖުރިބާ ހޯދަން ޤައުމުތަކުން އަންނަން ބޭނުންވޭ

  • ސިޑްސްގެ ރާއްޖޭގެ ދައުރަށް ޤައުމުތަކުން ތަޢުރީފްކުރޭ

ކުދި ޤައުމުގެ ހައްގުގައި ރާއްޖެއިން ކުރާ މަސައްކަތްތައް ނަމޫނާއަކަށް ބަލައި، ރާއްޖެއަށް ޒިޔާރަތްކޮށް ރާއްޖެއިން މަސައްކަތްކުރާގޮތް ބަލަން ކުދި ޖަޒީރާ ގިނަ ޤައުމުތަކަކުން ބޭނުންވާކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ދިވެހި ޚާރިޖިއްޔާގެ ސެކްރެޓަރީ މަލްޓިލެޓްރަލް އަޙްމަދު ޝިޔާން ވަނީ ނިމިދިޔަ ކުދި ޖަޒީރާ ޤައުމުތަކުގެ މަހާސިންތާ، ސިޑްގެ ކާމިޔާބީތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރާއްޖެއިން ސިޑްސްގައި އަދާކުރި ދައުރަށް ދުނިޔޭގެ ގިނަ ޤައުމުތަކުން ތަޢުރީފްކުރިކަން ޝިޔާން ފާހަގަކުރެއްވިއެވެ. އަދި އެ މަހާސިންތާގައި ބައިވެރިވި އެހެން ކުދި ގައުމުތަކުން ރާއްޖެއާއި މެދު ކުރާ އުންމީދުތައް ވެސް ބޮޑުކަމަށް ޝިޔާން ވިދާޅުވިއެވެ.

ޝިޔާން ވިދާޅުވީ، ސިޑްސް ކޮންފަރެންސްގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ބައެއް ގައުމުތަކުގެ އިސްވެރިންނާއި ބައްދަލުކުރެއްވި އިރު، ރާއްޖެ ހޯދާފަ ހުރި ކާމިޔާބީތައް އެޤައުމުގެ އިސްވެރިން ފާހަގަކުރައްވާފައިވާކަމަށެވެ.

ރާއްޖެއިން ކުދި ޤައުމުތަކުގެ ހައްގުގައި މަސައްކަތްކުރާގޮތާއި، އެކަންތައް ނަމޫނާއަަކަށް ބެލުމަށް އެޤައުމުތަކުން ބޭނުންވާކަން ހާމަކޮށްފައިވާކަމަށް ވެސް ޝިޔާން ވިދާޅުވިއެވެ. އަދި
ރައީސުލްޖުމްހޫރިއްޔާގެ ބައްދަލުވުންތަކުގައިވެސް ބައެއް ގައުމުތަކުގެ ވެރިން ރާއްޖެ ވަޑައިގަންނަވަން ބޭނުންފުޅުވެފައި ތިއްބެވިކަން ހާމަކުރައްވާފައިވާކަމަށްވެސް ޝިޔާން ވަނީ ވިދާޅުވެފައެވެ.

" ތުވާލޫ، ވަނުވާޓޫ، ކިރިބަސް، މިތަންތަނުން ބޭނުންވޭ ރާއްޖެ އައިސް ރާއްޖެއިން ހޯދާފަހުރި ކާމިޔާބީތައް ބަލަން، ސްޓަޑީ ޓުވަރ އެއްގެ ގޮތުގަ، އެންމެ އިސްވެރިންގެ ލެވެލްގަ، އަޅުގަނޑުމެން ކިހިނެއްތޯ ރަށްތައް ހިއްކާފަ ހަދަނީ، ކިހިނެއްތޯ ލޮނުގަނޑު އުފުލުމުން ސަލާމަތްވުމަށްޓަކާ މި ހަދާ ސޭފް އައިލެންޑް ހަދަނީ." ޝިޔާން ވިދާޅުވިއެވެ.

ސޭފް އައިލެންޑް ކޮންސެޕްޓަކީ މިހާރު މުޅި ދުނިޔޭގައި ވެސް ރާއްޖެއިން ކުރިހޯދާފައިވާ ކަމެއްކަން ޝިޔާން ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ ރާއްޖެއަކީ މާ މުއްސަނދި ގައުމަކަށް ނުވިޔަސް، މިފަދަ ކަންކަމުގައި ކުދި އެހެން ގައުމުތަކަށް އެހީތެރިވެވިދާނެ ކަންކަން އެބަހުރި ކަމަށެވެ. ރާއްޖެއަށްވުރެ ހާލަތު ދަށް ގައުމުތަކަށް އެގޮތުން އެހީވެވޭނެ ގޮތްތަކާއި މެދު ސަރުކާރުން ވިސްނަމުންދާކަމަށްވެސް ދިވެހި ޚާރިޖިއްޔާގެ ސެކްރެޓަރީ މަލްޓިލެޓްރަލް އަޙްމަދު ޝިޔާން ވިދާޅުވިއެވެ.