ކުޅިވަރު

ގައްބެއާއި އެޑަމްގެ ތަމްރީންތައް އޮޅުވެލި އައިލެންޑް ރިސޯޓްގައި


މިއަހަރު ކްރޮއޭޝިއާގައި އޮންނަ ޓޮޕްކެޓް ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ އަހްމަދު އަބްދުލްޢަފޫރު (ގައްބެ) ޕްރެކްޓިސް ކުރުމުގެ އިމްތިޒާމްތައް މިހާރު ހަމަޖެހިފައިވާކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ބުނެފިއެވެ. 

އެއިދާރާގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރުޒޫގު ވިދާޅުވީ ގައްބެއަށް މި ލިބުނު ފުރުސަތަކީ ޓޮޕްކެޓްއިން ގައްބެއަށް ދިން ފުރުސަތެއްކަމަށާއި، ވޯލްޑް ސެއިލިންގ ޗެމްޕިއަންޝިޕްގައި ވާދަކުރެވެނީ ކޮލިފައިންއަށްފަހުކަމަށެވެ. އެހެންނަމަވެސް ގައްބެއަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނީ ޓޮޕްކެޓުންކަމަށާއި، އެމްއޯސީން ހަމައެކަނި ގައްބެއަށް އެހީތެރިވަނީކަމަށް މަރުޒޫގު ފާހަގަކުރެއްވިއެވެ. 

ވޯލްޑް ސެއިލިންގ ޗެމްޕިއަންޝިޕްގައި ގައްބެއާއި އެކު އާދަމް ފައިސަލްވެސް ވާދަކުރާނެއެވެ. މަރުޒޫގް ވިދާޅުވީ ގައްބެއާއި އާދަމް ފައިސަލް ޕްރެކްޓިސް ކުރުމުގެ އިންތިޒާމްތައް މިހާރު ވަރަށް ރަނގަޅަށް ހަމަޖެހިފައިވާކަމަށާއި، ރޯދަމަހަށްފަހު ފަރިތަކުރުންތަކުގައި އިރުޝާދުދޭން ކޮލިފައިޑް ކޯޗެއް ހޯދުމުގެ މަސައްކަތްވެސް ފަށާފައިވާކަމަށް މަރުޒޫގު ފާހަކުރެއްވިއެވެ. ގައްބެ އަދި އެޑަމް ޕްރެކްޓިސްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އޮޅުވެލި އައިލެންޑް ރިސޯޓްގައެވެ.

"ގައްބެއަށް މި ފުރަސަތު ދިނީ ސީދާ ޓޮޕްކެޓުން، އެމްއޯސީން ގައްބެއަށް އެހީތެރިމިވަނީ ރާއްޖޭގެ ސެއިލިން އެސޯސިއޭޝަން އިންޓަނޭޝަނަލީ އެފިލިއޭޓެޑްވެފައި ނެތީމާ ޓޮޕްކެޓުން އެދިގެން" މަރުޒޫގު ވިދާޅުވެއެވެ.

ނޫސްވެރިންނާއި ވާހަކަދައްކަމުން އަހުމަދު އަބްދުލްޢަފޫރު ގައްބެ ބުނީ މީ މުޅިރާއްޖޭގެ ޓުއަރިޒަމް ދުނިޔޭގައި އިޝްތިހާރުކުރުމަށް ލިބިގެންދިޔަ ފުރުސަތެއްކަމަށާއި، މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމަށް ވަރަށް މަސައްކަތްކުރާނެކަމަށެވެ. އަދި އޭނާއާއިއެކު މުބާރާތުގައި ވާދަކުރާ އާދަމް ފައިސަލްއަށް ވަރަށް އިތުބާރު އެބައޮތްކަމަށާއި، މުބާރާތް އޮންނަ ގައުމުކަމަށްވާ ކްރޮއޭޝިއާގެ މޫސުމާއި ކަންކަން ބަރާބަރަށް ބަލަމުން އަންނަކަމަށްވެސް ގައްބެ ބުންޏެވެ.

"މުބާރާތުގެ ފުރުސަތު ލިބުނީއްސުރެ ތައްޔާރުވަމުން މިއަންނަނީ، ރަނގަޅު ޕްރެކްޓިސްތަކަކާއިއެކު ދެވޭނެކަމަށް މި ބަލަނީ، މީ މުޅި ދިވެހި ގައުމު ތަމްސީލްކުރަން ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް" ގައްބެ ބުންޏެވެ.

ޓޮޕް ކެޓް ވޯލްޑް ސެއިލިންގ ޗެމްޕިއަންޝިޕްގައި ކުރިއަށްދާނީ ހަތާވީސް އޮގަސްޓުން ދޭއް އޮކްޓޯބަރުގެ ނިޔަލަށް ކްރޮއޭޝިއާގައެވެ.