ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންގެ ތެރެއިން މިހާތަނަށް ރުހުން ނުލިބޭ ތިން ވަޒީރުންނަށް ރުހުން ދިނުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފިއެވެ.
މި ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ އެންމެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހެއްޅުއްވީ މިއަހަރުގެ ޖެނުއަރީ މަހުއެވެ. ނަމަވެސް އެމްޑީޕީގެ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުން ވަނީ 22 ވަޒީރުންގެ ތެރެއިން 19 ވަޒީރުންނަށް ރުހުން ދިނުމަށްފަހު ތިން ވަޒީރުންނަށް ރުހުން ނުދިނުމަށް ނިންމާފައެވެ. ރުހުން ނުދިނުމަށް ނިންމީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަލީ ޙައިދަރުގެ އިތުރުން ބަންޑާރަ ނައިބު އަލްއުސްތާޛް އަހުމަދު އުޝާމަށެވެ.
މަޖިލީހުން އެގޮތަށް ނިންމެވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ތިން ވަޒީރުން އަލުން މަގާމަށް އައްޔަން ކުރައްވައި ރުހުން ހޯއްދެވުމަށް އަލުން މަޖިލީހަށް ފޮނުއްވާފައެވެ. ނަމަވެސް މަޖިލީހުގެ ރިޔާސަތުން އޭރު ނިންމެވީ އެ މައްސަލަ ފަސްކުރުމަށެވެ. އެގޮތުން، މައްސަލަ ފަސްކުރުމުގެ ސަބަބެއް ކަމަށް އޭރު މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި މުޙައްމަދު އަސްލަމް ވިދާޅުވީ ގަލޮޅު އުތުރު ދާއިރާގެ ކުރީގެ މެންބަރު އީވާ އަބްދުﷲ ހުށަހެޅުއްވި ގަރާރެއް އޮތުމުން ކަމަށެވެ.
19ވަނަ މަޖިލިސް ނިމިގެން ދިޔައިރުވެސް ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާއެއް ނުކުރެއެވެ. އެހެންވެ، އެ މައްސަލަ ބެލުމަށް މިދިޔަ ހަފުތާގައި ހުވާކުރެއްވި 20 ވަނަ މަޖިލީހުން މިމައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކޮރާ ކޮމިޓީއަށްވަނީ ފޮނުވާފައެވެ.
މިމައްސަލަ ދިރާސާ ކުރެއްވުމަށްފަހު ކޮމިޓީން ކޮމިޓީން ތިން ވަޒީރުންނަށް ރުހުން ދިނުމަށް ފާސްކޮށް މަޖިލީހުގެ ތަޅުމަށް މައްސަލަ ފޮނުވުމަށްވަނީ ނިންމާފައެވެ.
މިހުށަހެޅުން ފާސްކުރީ ކޮމިޓީއަށް ހާޒިރުވި 9 މެންބަރުންގެ ތެރެއިން 7 މެންބަރުންގެ ތާއީދާއެކުއެވެ. ކޮމިޓީ ބައްދަލުވުމުގައި އެ ހުށަހެޅުމާއި ދެކޮޅަށް 1 މެންބަރަކު ވޯޓު ދެއްވިއެވެ.