ރާއްޖޭގެ ޤައުމީ އެއަރލައިން ހިންގަވާ ކުންފުނި، އައިލެންޑް އޭވިއޭޝަނުން ފަތުރުވެރިކަމުގެ ދާއިރާއަށް ވަނުމަކީ، ރާއްޖޭގެ ރައްޔިތުންނަށް މަންފާ ހުރި ކަމަކަށްވާނެ ކަމުގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލްހާރިސް ވިދާޅުވެއްޖެއެވެ.
އޭނާ މިކަމާ ގުޅޭގޮތުން ވާހަކަދެއްކެވީ ކޮޅުމަޑުލު ރުއްތިބިރަށް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސިންގަޕޫރުގެ އެމް.އެސް.އެން ރިއަލިޓީ މޯލްޑިވްސްއާއި އެކު އެއްބަސްވުމެއްގައި ސޮއިކުރައްވާ ވާހަކަ ދައްކަވަމުންނެވެ. އައިލެންޑް އޭވިއޭޝަންއަކީ މިހާތަނަށް ވައިގެ ދަތުރުފަތުރާއި އެކަމާ ސީދާ ގުޅުންހުރި ވިޔަފާރިއަށް ޚާއްޞަ ކުންފުޏެކެވެ. ޚާއްޞަކޮށް އެކުންފުނީގެ އެންމެ ބޮޑު މަސްއޫލިއްޔަތެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ، ޤައުމީ އެއަރލައިންގެ ޚިދުމަތް ދިވެހި ރައްޔިތުންނަށް ދިނުމާއި ޤައުމީ އެއަރލައިން ތަރައްޤީކޮށް ދުނިޔޭގެ އެކި ސަރަޙައްދުތަކަށް ޤައުމީ އެއަރލައިންގެ ގޮތުގައި ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދިނުމެވެ.
އެހެންނަމަވެސް ޤައުމީ އެއަރލައިން ތަރައްޤީ ކުރުމަށާއި ކުންފުނީގެ ތަނަވަސްކަން އިތުރުކުރުމަށްޓަކައި އިތުރު ވިޔަފާރީގެ ތެރެއަށް އެކުންފުނިން ވަނީ ވަދެފައެވެ. މިގޮތުން އެކުންފުނިން މިހާރު ވަނީ އެކި ތަންތަނަށް ޗުއްޓީ ހޭދަކުރަން ދާން ބޭނުންވާ ފަރާތްތަކަށް ޗުއްޓީގެ ޕެކޭޖް، ވިޔަފާރީގެ އުޞޫލުން ހަމަޖައްސައިދިނުމާއި އެއަރޕޯޓް ހިންގުމުގެ ވިޔަފާރިއަށްވެސް ވަދެފައެވެ. އަދި ވައިގެ ދަތުރުފަތުރުގެ ވިޔަފާރީގެ ތެރެއިން ޤައުމީ އެއަރލައިންގެ ތެރެއަށް ވަނީ ސީޕްލޭންގެ ބައިވެސް އިތުރުކޮށްފައެވެ.
މި ކުންފުނި އެންމެ ފަހުން މިވަނީ ޓޫރިސްޓް ރިސޯޓް ހިންގުމުގެ ވިޔަފާރިއަށެވެ. ހޯމަ ދުވަހު އެކުންފުންޏަށް ސަރުކާރުން ވަނީ ޓޫރިސްޓް ރިސޯޓެއް ހިންގާނެ ފަޅު ރަށެއް ދެއްވާފައެވެ. މިއީ އައިލޭންޑް އޭވިއޭޝަނުން ތަރައްޤީކުރި ތިމަރަފުށީ އެއަރޕޯޓްގެ މަޝްރޫޢުގެ އެއްބަސްވުމުގެ ދަށުން އެކުންފުންޏަށް ދެއްވި ރަށެކެވެ. މިގޮތުން އެ ކުންފުންޏަށް ދެއްވީ ތ. ރުއްތިބި ކިޔާ ރަށެކެވެ. މި ރަށް ތަރައްޤީ ކުރެވުމުން ރާއްޖޭގެ ރައްޔިތުންނަށް ޚާއްޞަކޮށް ތ. އަތޮޅުގެ ރައްޔިތުންނަށް ބޮޑު ފައިދާއެއް ލިބޭނެކަމަށް އައިލޭންޑް އޭވިއޭޝަން މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ. އަދި ތިމަރަފުށީ އެއަރޕޯޓް ތަރައްޤީކުރެވި އެކަމުގެ ސަބަބުން ވަޒީފާގެ އިތުރު ފުރުޞަތު ތަނަވަސްވާނެކަމަށް ވިދާޅުވިއެވެ. ޢަބްދުލްހާރިސް ވިދާޅުވި ގޮތުގައި މިކަމަކީ ރައީސް ވަރަށް ބޮޑު އިސްކަމެއްދެއްވާ އަދި އެމަނިކުފާނުގެ އިރުޝާދުގެ ދަށުން ކުރެވޭ ކަމެއް ކަމަށެވެ.
ރުއްތިބި ރަށް ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް އައިލެންޑް އޭވިއޭޝަނުން ހަވާލުކުރައްވާފައިވަނީ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ އެމް.އެސް.އެން ރިއަލްޓީ މޯލްޑިވްސް ކިޔާ ކުންފުންޏަކާއެވެ. އެފަރާތުން އެރިސޯޓަށް ކިޔަން ނިންމާފައިވާ ނަމަކީ އިންދާސް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާއެވެ. އެމް.އެސް.އެން ރިއަލްޓީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ މެނޭޖިންގ ޑިރެކްޓަރ މެލްޑި މުސްވިޒަރ ބިން މުޙައްމަދު ވިދާޅުވީ، އައިލެންޑް އޭވިއޭޝަނާއި ގުޅިގެން ތަރައްޤީކުރާ އެ ރިސޯޓުން ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެކަމަށެވެ. އަދި އެ ސަރަޙައްދުގެ ރަށްތަކުގެ މީހުންނަށް ވަޒީފާގެ ފުރުޞަތުގެ އިތުރުން ވިޔަފާރިތަކަށްވެސް އިތުރު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރުއްތިބި ރަށަކީ 150 ކޮޓަރި އަދި ވޯޓާވިލާއެކު ތަރައްޤީކުރާ ރިސޯޓެކެވެ. މިރަށް ރިސޯޓެއްގެ ގޮތުގައި ހިންގުމަށް ހަވާލުކުރައްވާފައިވަނީ 49 އަހަރުގެ މުއްދަތަކަށެވެ. އަދި މިރިސޯޓް ތަރައްޤީކުރުމަށް ގާތްގަނޑަކަށް 50 މިލިއަން ޑޮލަރު ޚަރަދުވާނެކަމަށްވެސް އެމް.އެސް.އެން ރިއަލްޓީ މޯލްޑިވްސްއިން މަޢުލޫމާތުދެއެވެ. އަދި މިރަށް 2 އަހަރު ދުވަހުގެ ތެރޭގައި ތަރައްޤީކޮށް ނިންމާ ޚިދުމަތް ދޭން ފަށާނެކަމަށް އެފަރާތުން މަޢުލޫމާތުދެއެވެ.