ޚަބަރު

މިދިޔަ އަހަރު ގެސްޓުހައުސްތަކުން ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އަދަދު 2 ގުނަ އިތުރު


  • ގެސްޓްހައުސްތަކުން މިދިޔަ އަހަރު ގްރީން ޓެކުހުގެ ގޮތުގައި 6.3 މިލިއަން ރުފިޔާ ލިބިފައިވޭ

  • 2022 ވަނަ އަހަރު ލިބިފައިވަނީ 3.8 މިލިއަން ރުފިޔާ

  • މިއީ %66.1 އިތުރު އަދަދެއް

މިދިޔަ އަހަރުތެރޭ ގެސްޓުހައުސްތަކުން ގްރީން ޓެކުހުގެ ގެގޮތުގައި ލިބުނު އަދަދު 2 ގިނަ އިތުރުކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މީރާއިން ނެރެފައިވާ 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައިވާގޮތުން ގެސްޓުހައުސްތަކުން ގްރީން ޓެކުހުގެ ގޮތުގައިވަނީ 6.3 މިލިއަން ރުފިޔާ ބަލައިގަނެފައެވެ.

އަހަރީ ރިޕޯޓުގައި ގްރީން ޓެކްސް ރިޕޯޓުކުރާ މުއްދަތަކީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރުމަހުން ފެށިގެން ނޮވެމްބަރުމަހަށެވެ.

ގްރީން ޓެކުހަކީ ތިމާވެއްޓާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް މާލީ އެހީ ހޯދުމަށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ޓެކުހެކެވެ. މި ޓެކްސް ރިސޯޓްތަކާއި، ގެސްޓްހައުސްއާއި، ސިޓީ ހޮޓާތަކާއި، ސަފާރީތަކަށް އަންނަ ފަތުރުވެރިންވެސް ދައްކަންޖެހެއެވެ.

މީރާގެ ރިޕޯޓުގައިވާގޮތުން ގެސްޓުހައުސްތަކުން މިދިޔަ އަހަރުތެރޭ 6.3 މިލިއަން ރުފިޔާ ރިޕޯޓުކޮށްފައިވާއިރު، 2022ވަނަ އަހަރު ރިޕޯޓުކޮށްފައިވަނީ 3.8 މިލިއަން ރުފިޔާއެވެ. މިއީ %66.1 އިތުރު އަދަދެކެވެ.

ރާއްޖެއަށް ލިބޭ ގްރީން ޓެކުހުގެ އާމްދަނީގެ %4 ހިއްސާކުރަނީ ގެސްޓުހައުސްތަކެވެ.

ގްރީން ޓެކްސްގެގޮތުގައި ރިޕޯޓުކޮށްފައިވާ އާމްދަނީއަށް ބޮޑު ކުރިއެރުމަށް ލިބިފައިވާއިރު، 2023 ވަނަ އަހަރުގެ ޖަނަވަރީމަހުގެ 1ވަނަ ދުވަހުން ފެށިގެން މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކުގެ ތެރެއިން 50 ކޮޓަރިއަށްވުރެ ގިނަ ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން ދުވާލަކަށް 6 އެމެރިކާ ޑޮލަރު ނަގަން ވަނީ ފަށާފައެވެ.

މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން ދުވާލަކަށް 3 އެމެރިކާ ޑޮލަރު، ގްރީން ޓެކުހުގެ ގޮތުގައި ދައްކަންޖެހެއެވެ.

ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ރިސޯޓުތަކުންނެވެ. އެގޮތުން މިދިޔަ އަހަރުތެރޭ ރިސޯޓުތަކުން 58 މިލިއަން ރުފިޔާ ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވާއިރު، މުޅި ޖުމްލަ ގްރީން ޓެކްސް އާމްދަނީގެ %91.5 ހިއްސާކުރަނީ ރިސޯޓްތަކެވެ.