ޚަބަރު

އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ފެނި ކޮންޓެކްޓުންނަށް ބޭސްދޭން ފަށައިފި


  • ކޮންޓެކްޓް ޓްރޭސިންގް ހަދަންވަނީ ފަށާފައި

  • މެނިންގޯކޮކަލް ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިން

  • މިބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ 1 ދުވަހާއި 10 ދުވަހާ ދެމެދު

އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ރާއްޖެއިން ފެނުމާ ގުޅިގެން، ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ ބޭސް ދޭން ފަށާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ ރާއްޖެއިން މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ފެނުމާ ގުޅިގެން ކަމާ ބެހޭ މައުލޫމާތު އެއްކޮށް، ކޮންޓެކްޓް ޓްރޭސިންގް ހަދަން ފަށާފައިވާ ކަމަށެވެ. އަދި ކޮންޓެކްޓްވީ ފަރާތްތަކަށް މައުލޫމާތު ދީ ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސް ދޭން ފަށާފައިވާކަމަށެވެ.

މެނިންގޯކޮކަލް ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ. އެހެންކަމުން ބަލި ޖެހިފައިވާ މީހާއާއެކު އެންމެ ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. އެޗްޕީއޭއިން ވިދާޅުވީ މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ 1 ދުވަހާއި 10 ދުވަހާ ދެމެދުގައި ކަމަށެވެ.

އިންވޭސިވް މެނިންގޯކޮކަލް ބަލީގެ އަލާމާތްތައް:

* ބޮލުގައި ރިއްސުން
* ކަނދުރާ ވާންވުން
* މޭނުބައިކޮށް ހޮޑުލެވުން
* ވާނުވާ ނޭނގޭ ގޮތްވުން
* ގައިގައި ރަތްބިހި/ ލައްތަކެއް ނެގުން
* ފިޓްޖެހުން
* އަލިގަދަވުމުން އުނދަގޫވުން
* ވަރުދެރަވުން
* ނޭވާ އަވަސްވުން

މިބަލިން ރައްކާތެރިވެވޭނީ މެނިންޖައިޓިސް ވެކްސިން ޖެހުމުން ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މެނިންޖައިޓިސް ވެކްސިންއިން ހަށިގަނޑުގެ ދިފާއީ ބާރު އުފެއްދުމަށް ގާތްގަނޑަކަށް ދެ ހަފްތާ ނަގާ ކަމަށާއި މި ބަލިން ރައްކާތެރިވުމަށް މަދުވެގެން 2 ހަފްތާ ކުރިން ވެކްސިން ޖެހުން މުހިންމު ކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

އެހެންކަމުން މިއަހަރު ޙައްޖަށް ދިޔަ މީހުންގެ ތެރެއިން މެނިންޖައިޓިސް ވެކްސިން އެއްވެސް ސަބަބަކާހުރެ ނުޖެހޭ ފަރާތްތައް ނުވަތަ ވެކްސިން ޖެހުމަށްފަހު ފުރުމާ ދެމެދު 14 ދުވަސް ހަމަނުވާ ފަރާތްތަކުން މިބަލީގެ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން މުހިންމު ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

އިންވޭސިވް މެނިންގޯކޮކަލްގެ ކްލޯޒް ކޮންޓެކްޓެއް ކަމަށް ބެލެވޭ ގޮތް:

* ބަލިމީހާއާއި އެއްގެއެއްގައި ދިރިއުޅޭ މީހުން
* ބަލިމީހާއާއި އެއްކޮށް މަތިންދާ ބޯޓުން ނޫނީ ބަހުގައި ވަރަށްގިނައިރުވަންދެން ދަތުރުކޮށްފައިވާ މީހުން
* ބަލިމީހާގެ ކުޅުފަދަ ނޭވާލާ ނިޒާމުން އުފެދޭ ދިޔައަކަށް ހުށަހެޅިފައިވާ މީހުން

އެޗްޕީއޭއިން ވިދާޅުވީ ބަލިމީހާއާއި އެއް ފެންފުޅިއަކުން ފެންބޮއި އެކުގައި ކައިބޮއި ހަދާފައިވާ މީހުންނާއި ބަލިމީހާއާ ކުޑަވަގުތުކޮޅަކަށް ދިމާވެފައިވާ މީހުންނާއި އަދި ބަލިމީހާގެ ސީދާ ކޮންޓެކްޓުންނާއި ދިމާވެފައިވާ މީހުން ކްލޯޒް ކޮންޓެކްޓް ކަމުގައި ނުބެލެވޭނެ ކަމަށެވެ.