ތަޢުލީމު

ސްކޫލްތަކުގެ ފަންނީ ބޭފުޅުންނަށް ތަމްރީނުތަކެއް ފަށައިފި


ސްކޫލްތަކުގެ ދަރިވަރުންނަށް ޑްރަގް އެޑިއުކޭޝަނާ ގުޅޭ މަޢުލޫމާތުދެއްވުމަށް، ބޭނުންވާ ސްކޫލްތަކުގެ ފަންނީ ބޭފުޅުން ތަމްރީނުކުރެއްވުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ފަށްޓަވައިފިއެވެ.

ޑްރަގް އެޑިއުކޭޝަނާ ގުޅޭ މަޢުލޫމާތު ދެއްވުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލްތަކުގެ ފަންނީ ބޭފުޅުން އެކަމަށް ތަމްރީނުކުރެއްވުމުގެ ގޮތުން މިއަދު އޭގެ ފުރަތަމަ ބައްދަލުވުން ބާއްވަވާފައެވެ. މި ބައްދަލުވުމަކީ، ޑްރަގް އެޑިއުކޭޝާނާއި ގުޅޭ ގޮތުން ދަރިވަރުންނަށް މައުލޫމާތު ދެއްވަން ޖެހިއްޖެ ޙާލަތެއްގައި، އެމަޢުލޫމާތު ދެއްވުމުގެ ހުނަރާ ޤާބިލްކަން ހުރި ފަންނުވެރިންތަކެއް ސްކޫލްތަކުގައި އުފެއްދުމުގެ ބޭނުމުގައި ކުރިޔަށް ގެންދާ މަސައްކަތު ބައްދަލުވުމެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މިބައްދަލުވުން އަމާޒުކުރައްވާފައިވަނީ ސްކޫލްތަކުގެ ކައުންސެލެރުންނާއި، ހެލްތް އެސިސްޓެންޓުންނަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، މިބައްދަލުވުމުގެ ތެރެއިން ސްކޫލް މާޙައުލުގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރާ ކުދިން ދެނެގެންނާނެ ގޮތްތަކާއި، މަސްތުވާތަކެތީގެ ވަބާއިން މުޖުތަމަޢު ސަލާމަށްކުރުމުގައި ސްކޫލް ލެވެލްގައި ކުރެވިދާނެ ކަންތަކާއި ގުޅޭ މަޢުލޫމާތު ސްކޫލްތަކުގެ ފަންނީ ބޭފުޅުންނާ ޙިއްސާކުރައްވާނެ ކަމަށެވެ.

މި މަސައްކަތު ބައްދަލުވުން ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަން އަޙުމަދު ޝަފީޢު ދެއްކެވި ވާހަކައިގާ، މިމައްސަލައަށް އެންމެ ބޮޑު ޙައްލެއް ގެނެވޭނީ އެންމެންގެ އީމާންކަން ވަރުގަދަކޮށް އަޤީދާ ހަރުދަނާ ކޮށްގެން ކަން ފާހަގަކުރެއްވިއެވެ.

މަސްތުވާތަކެތީގެ ވަބާއިން ސަލާމަށްވުމަށްޓަކައި ފަރުދީ ފެންވަރުގައި އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭކަން ފާހަގަކުރައްވާ ސްޓޭޓް މިނިސްޓަރ ވިދާޅުވީ، އާއިލާތަކުންވެސް ކުދިންގެ އުޅުން ގާތުން ބަލަންޖެހޭކަމަށާއި ސްކޫލްތަކުގައި މަސައްކަތްކުރައްވާ ޓީޗަރުންވެސް ކުދިންގެ އަޚުލާޤަށާއި އުޅުމަށް އަންނަ ބަދަލުތައް ގާތުން ބަލާ ދެނެގަތުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށެވެ.

ނޭޝަނަލް ޑްރަގް އެޖެންސީއާ އެޑިއުކޭޝަން މިނިސްޓްރީ ގުޅިވަޑައިގެން ކުރިޔަށް ގެންދަވާ މިމަސައްކަތު ބައްދަލުވުގެ ފުރަތަމަ ބުރުގައި ބައިވެރިވެފައިވަނީ މާލޭގެ ސްކޫލްތަކުންނެވެ. އެހެންނަމަވެސް ކުރިއަށް އޮތްތަނުގައި އަތޮޅުތަކުގެ ސްކޫލްތަކަށް އަމާޒުކުރައްވައިގެން ޑްރަގް އެޑިއުކޭޝަނާ ގުޅޭ ޕްރޮގްރާމްތައް ހިންގެވުމަށް ހަމަޖެހިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.

މާލޭގެ ސްކޫލްތަކަށް އަމާޒުކުރައްވައިގެން ބޭއްވި މި މަސައްކަތު ބައްދަލުވުމުގައި 26 ފަރާތަކުން ބައިވެރިވެފައިވާއިރު، 4 ދުވަހުގެ ނިޔަލަށް މި ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.