ސްރީލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ހިނގި ޙާދިސާތަކުގައި މިހާތަނަށް އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް ސްރީލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ދިވެހި ހައިކޮމިޝަނުން ވިދާޅުވީ، ސްރީލަންކާގައި ދިރިއުޅޭ ދިވެހިންގެ ޙާލަތު ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަމަށެވެ. ސްރީލަންކާއަށް ކުރަމުންދާ ވިއްސާރާގައި ދިވެހިން ދިރިއުޅޭ ހިސާބުތަކަށްވެސް ބައެއް ގެއްލުން ލިބިފައިވެއެވެ. ސްރީލަންކާގައި ތޭރަ ހާހަށްވުރެ ގިނަ ދިވެހިން ދިރިއުޅެމުން ގެންދެއެވެ. ތިންދުވަސް ވަންދެން ސްރީލަންކާއަށް ވެހުނު ބޯވާރެއާ ގުޅިގެން ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ޙާދިސާތަކުގައި ކިސަޑުތަކުގެ ދަށުވެފައިވާ ސަތޭކަ ފަންސާހަށްވުރެ ގިނަ މީހުން ސަލާމަތް ކުރެވޭނެކަމުގެ އުއްމީދު ކުޑަވެފައިވާކަމަށް ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.
މިޙާދިސާގައި މިހާތަނަށް ސާޅީސް އެއްމީހުން މަރުވެފައިވާކަން ވަނީ ކަށަވަރުކުރެވިފައެވެ. ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ތިންސަތޭކަ ހާސް މީހުންގެ ގެދޮރު ގެއްލިފައިވާކަމަށް ރަސްމީ ފަރާތްތަކުން ބުނެއެވެ. ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ސަރަޙައްދުތަކުގައި ތިން އަވަށެއް އެކީ އޮތީ ފެނުއަޑިގައި ކަމަށާއި މިހިސާބުން ތިންސަތޭކަ ފަންސާހެއްހާ މީހުން ސަލާމަތް ކުރެވިފައިވާކަމަށް ޚަބަރުތައް ބުނެއެވެ.
ޙާލުގައި ޖެހުނު މީހުން ތިބި ވަގުތީ ހިޔަލަކަށް ރައީސް މައިތިރިޕާލާ ސިރިސޭނާ ވަނީ ވަޑައިގެން އެމީހުންގެ ޙާލު ބައްލަވާލައްވާފައެވެ.