ޚަބަރު

އެމްޓީޑީސީގެ ހިއްސާއަކަށް 60 ލާރި ބަހަން ފާސްކޮށްފި


  • ހިއްސާއަކަށް 60 ލާރި ބެހުމަށް ފާސްކޮށްފައިވަނީ %99.86 ވޯޓުން

  • މިދިޔަ އަހަރުވެސް ހިއްސާގެ ފައިދާގެގޮތުގައި ބަހާފައިވަނީ 60 ލާރި

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީގެ ހިއްސާއަކަށް 60 ލާރި ބަހަން ފާސްކޮށްފިއެވެ.

އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާ ބާއްވާފައިވަނީ މެންހަޓަން ބިޒްނަސް ސްކޫލުގައެވެ. މި ޖަލްސާގައި ހިއްސާއަކަށް 60 ލާރި ބެހުމަށް ފާސްކޮށްފައިވަނީ %99.86 ވޯޓުންނެވެ. މިދިޔަ އަހަރުވެސް ހިއްސާގެ ފައިދާގެގޮތުގައި ބަހާފައިވަނީ 60 ލާރިއެވެ.

އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ނިޔާޒް ވިދާޅުވީ ހިއްސާދާރުންނަށް ދެވޭ ޢަދަދު ބޮޑުކުރުމަށް އެކުންފުނިން ބޭނުންވާ ކަަމަށެވެ. އެގޮތުން އެކުންފުންޏަށް އާމްދަނީ ލިބޭނެ އިތުރު ގޮތްތައް ހޯދަމުންދާ ކަމަށް ނިޔާޒް ވިދާޅުވިއެވެ. ހިއްސާއަކަށް ބަހާ އަދަދު މަދު ނަމަވެސް ޖުމްލަކޮށް ހިއްސާގެ ފައިދާގެގޮތުގައި ކުންފުނިން މިއަހަރުތެރޭގައި ބަހަނީ ބޮޑު އަދަދެއް ކަަމަށް ނިޔާޒް ވިދާޅުވިއެވެ.

"20.4 މިލިޔަން ރުފިޔާ މިއަހަރުވެސް އެބަ ބަހަން. 24000 އަށްވުރެގިނަ ހިއްސާދާރުން އެބަތިބި މި ކުންފުނީގައި. 60 ލާރި ބެހިއޭ ބުނީމައި އޮޅިދާނެ، މިހާރު ފޭސް ވިއުވެސް މިހާރު އިންނާނީ 10 ރުފިޔާގައި." ނިޔާޒު ވިދާޅުވިއެވެ.

2022ވަނަ އަހަރާ އަޅާ ބަލާއިރު 2023ގެ އެމްޓީޑީސީގެ މާލީ ހުށަހެޅުމަށް ހާއްސަ ބަދަލުތަކެއް އައިސްފައިވެއެވެ. މި ބަދަލުތައް އައުމުގެ މެދުވެރިވި މައިގަނޑު ސަބަބުތަކަކީ ހދ. ނާގޮށި ތަރައްޤީކުރުމާ ގުޅޭ ނިންމުންތަކާއި ޤަވައިދުތަކަށް ގެނެވުނު ބަދަލާ ގުޅިގެން ކުންފުނީގެ ދަރަނިއަށް ކޮށްފައިވާ އަސަރުންނެވެ.

ކުންފުނީގެ ވިޔަފާރީ ސެގްމެންޓްތައް ހުރީ 2022ވަނަ އަހަރާއި އެއްހަމައެއްގައެވެ. ޕްރައިމެރީ އަމްދަނީ ލިބިފައިވަނީ ހދ. ނާގޮށި ފިޔަވައި ދެން ސަބްލީސް ކުރެވިފައިވާ ހަރުމުދަލުންނެވެ. އެކުންފުނިން ވަނީ ހދ.ނާގޮށީ އެއްބަސްވުން އުވާލާ، އިންވެސްޓްމެންޓް ޕްރޮޕަޓީއެއްގެ ގޮތުގައި ކަނޑައަޅާފައެވެ.

ނާގޯށީގެ އެއްބަސްވުން އުވާލުމުގެ ސަބަބުން ކުންފުނީގެ އާމްދަނީ ވަނީ ކުރީ އަހަރާއި އަޅާ ބަލާއިރު %9 ދަށްވެފައެވެ. އެމްޓީޑީސީގެ މާލީ ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު އެކުންފުންޏަށް ލިބިފައިވަނީ 22.6 މިލިޔަން ރުފިޔާގެ ފައިދާއެކެވެ.

2010ވަނަ އަހަރުން ފެށިގެން އެމްޓީޑީސީ ހިންގަމުން އައިސްފައިވަނީ ގެއްލުމުގައެވެ. އެހެން ނަމަވެސް މިހާރު އެމްޓީޑީސީއަކީ ފައިދާވާ ކުންފުންޏެކެވެ. އެމްޓީޑީސީގެ އާމްދަނީ މައިގަނޑުގޮތެއްގައި ބިނާވަނީ ކުއްޔަށް ދީފައިވާ ދެރަށުން ލިބޭ އާމްދަނީއެވެ. އެއީ އަނަންތަރާ ކިހަވަކާއި އަޔާޑާ މަގުއްދޫއެވެ.

އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާގައި ވަނީ ކުރިއަށް އޮތް ދައުރަށް އެމްޓީޑީސީގެ ޑިރެކްޓަރުންގެ ބޯޑުގައި އާއްމު ހިއްސާދާރުން ތަމްސީލްކުރާ 5 ޑިރެކްޓަރުންވެސް އިންތިޚާބުކޮށްފައެވެ. މީގެއިތުރުން ކުރިއަށް އޮތް އަހަރަށް ކުންފުނީގެ އޮޑިޓަރެއްގެ ގޮތުގައި އަރނަސްޓް އެންޑް ޔަންގ ހަމަޖެއްސުމަށްވެސް އަހަރީ އާންމު ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.

ސަރުކާރާއި އާއްމު ރައްޔިތުންގެ ހިއްސާއޮންނަ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑް، އެމްޓީޑީސީއަކީ ފަތުރުވެރިކަމުގެ މަންފާ ދިވެހިރައްޔިތުންނަށް ސީދާގޮތެއްގައި ހޯދައިދިނުމަށް ސަރުކާރުން 2006 ވަނަ އަހަރު އުފެއްދެވި ކުންފުންޏެކެވެ.