ދިވެހިރާއްޖޭން ނޭޕާލަށް 1 މިލިޔަން ރުފިޔާ އިންސާނީ އެހީގެގޮތުގައި ފޯރުކޮށްދިނުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވައިފިއެވެ.
މި އެހީއަކީ ނޭޕާލަށް މިދިޔަމަހުގެ ފަހުކޮޅު ކުރިމަތިވި ބިންގަނޑު ކަނޑައިގެން ދިއުމާއި ފެންބޮޑުވުމުގެ ޙާދިސާތަކުން އަރައިގަތުމަށް އެ ޤައުމުން ކުރަމުންދާ މަސައްކަތްތަކަށް އެހީވުމަށް ފޯރުކޮށްދޭން ނިންމާފައިވާ އެހީއެކެވެ. މި އެހީ ފޯރުކޮށްދޭނީ ނޭޕާލުގެ ބޮޑުވަޒީރު އިޢުލާންކުރައްވާފައިވާ ޑިޒާސްޓަރ ރިލީފް ފަންޑަށެވެ.
މި އެހީއަކީ، ނޭޕާލަށް ކުރިމަތިވި ދަތި އުނދަގޫ ދަނޑިވަޅުގައި ރާއްޖެއިން އަބަދުވެސް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ދޭހަވާ ކަމެއް ކަމުގައި ސަރުކާރުން ވިދާޅުވެއެވެ.
ނޭޕާލަށް ކުރިމަތިވި ކުއްލި ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން އެ ޤައުމުގެ ބޮޑުވަޒީރު ބަލެންދްރަ ޝާހުއަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ތައުޒިޔާ ފޮނުއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ނޭޕާލަށް ކުރިމަތިވި ހިތާމަވެރި ފެންބޮޑުވުމުގެ ސަބަބުން ގިނަ ބައެއްގެ ފުރާނަ ގެއްލި، ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން ފުން ހިތާމަކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ.
ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ނޭޕާލުގެ ބޮޑުވަޒީރަށާއި ސަރުކާރަށް އަދި ރައްޔިތުންނަށް، ޚާއްޞަކޮށް މި ހާދިސާގައި ވަކިވެދިޔަ ފަރާތްތަކުގެ ޢާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައެވެ. އަދި މި ހާދިސާގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތައުޒިޔާގެ މެސެޖުގައި، މި ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މެދުކެނޑުމެއްނެތި މަސައްކަތްކުރަމުންދާ އިމަޖެންސީ ޓީމުތަކުގެ މަސައްކަތްތައް ފާހަގަކުރައްވައި، އެ ފަރާތްތަކަށް ތަޢުރީފު ކުރައްވާފައިވެއެވެ.
ނޭޕާލާއި ޗައިނާ ގުޅޭ ހިމާލަޔާގެ ސަރަޙައްދަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ ޢަދަދު 1,130 އަށް އަރައި، 4,500 އަށްވުރެ ގިނަ މީހުން ގެއްލިފައިވާކަން އެ ޤައުމުގެ ރަސްމީ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.
ނޭޕާލްގައި ފެންބޮޑުވުމުގެ ނުރައްކާތެރި ހާދިސާ ހިނގާފައި ވަނީ، އޮގަސްޓު 26 ވަނަ ދުވަހު އެ ޤައުމުގެ ފަރުބަދަމަތީ ސަރަޙައްދަކުން 'ގްލޭސިޔަރ' އެއް ނުވަތަ ބޮޑު ގަނޑުފެން ގަނޑެއްގެ ބަޔެއް ކަނޑައިގެން ދިޔުމާ ގުޅިގެން، ހިމާލަޔާ ފަރުބަދައާ ގުޅިފައިވާ ކޯރުތަކުގެ ނިޒާމުގައި ކުއްލިއަކަށް ފެންބޮޑުވެ، ހިލައާއި، ގަނޑުފެނާއި، ކިސަޑު ފޭބުމުގެ ސަބަބުންނެވެ.
ފެންބޮޑުވި ސަރަޙައްދުތަކުން މިހާތަނަށް 12,000 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރެވިފައިވާއިރު، ގެއްލުނު މީހުން ހޯދުމަށާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގައި ސިފައިންނާއި ފުލުހުން ހިމެނޭހެން، ސަލާމަތީ ޚިދުމަތްތަކުގެ 21,000 އަށްވުރެ ގިނަ މުވައްޒަފުން ދަނީ ހަރަކާތްތެރިވަމުންނެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި ނުރައްކާތެރި ޤުދުރަތީ ކާރިސާގެ ސަބަބުން ނޭޕާލުގެ 1.6 މިލިއަނަށްވުރެ ގިނަ ރައްޔިތުންގެ ދިރިއުޅުމަށް ވަނީ ބޮޑެތި އަސަރުތަކެއް ކޮށްފައެވެ.