ޚަބަރު

މަޓީއާއި އެމްއެމްޕީއާރުސީ ގުޅިގެން ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ވަރުގަދަކުރަނީ


  • ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ހަރުދަނާކުރުމަށް އެއްބަސްވުމެއް ވަނީ ޤާއިމްކޮށްފައި

ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް މިހާރަށްވުރެ ހަރުދަނާކުރުމަށް ގުޅިގެން މަސައްކަތްކުރުމާއި ގުޅޭ އެއްބަސްވުމެއްގައި އެމްއެމްޕީއާރުސީ އާއި މަޓީން ސޮއިކޮށްފިއެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީއެވެ. މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ، މަޓީގެ ފަރާތުން ސޮއިކުރެއްވީ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރެވެ.

އެމްއެމްޕީއާރުސީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާޙިމް ޝިއުރީ ވިދާޅުވީ މި އެއްބަސްވުމަކީ ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅޭ މުހިއްމު މަސައްކަތެއްގެ ފެށުން ކަމަށެވެ.

"މަޓީގެ ފުޅާ އިންޑަސްޓްރީ ޢިލްމާއި ތަޖުރިބާއަކީ އަޅުގަނޑުމެންގެ ޑެސްޓިނޭޝަން މާކެޓިންގެ މަސައްކަތްތައް ހަރުދަނާކުރުމުގައި އަގުހުރި އެސެޓަކަށް ވާނެކަން ޔަގީން. އަޅުގަނޑުމެންގެ ސްޓްރެޓެޖިކް އަމާޒުތައް ހާސިލްކުރުމަށް އެބޭފުޅުންގެ ވިސްނުމާއި ސަޕޯޓު ވަރަށް ބޮޑު އެހީއަކަށް ވާނެ."ޝިއުރީ ވިދާޅުވިއެވެ.

މަޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރު ވިދާޅުވީ އެމްއެމްޕީއާރުސީއާއި މަޓީއަކީ އަބަދުވެސް ގާތް ގުޅުމެއް ބާއްވަމުން އަންނަ ބަޔަކަށްވާއިރު މި އެއްބަސްވުމުގެ ސަބަބުން އެ ގުޅުން އިތުރަށް ވަރުގަދަވާނެކަމަށެވެ.

މީގެއިތުރުން، މަޓީގެ އެއްބާރުލުން ދިނުމަކީ އެމްއެމްޕީއާރުސީގެ ޑެސްޓިނޭޝަން މާކެޓިންގެ މަސައްކަތްތައް ފުޅާކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށާއި، މިއީ ޑެސްޓިނޭޝަން ބްރޭންޑްއެއްގެ ގޮތުގައި ވަރުގަދަކުރުމަށް މުހިންމު މަސައްކަތެއްކަމަށްވެސް ނަޒީރު ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ޑެސްޓިނޭޝަން މާކެޓިންގ ސްޓްރެޓެޖީތަކާއި ކެމްޕޭންތަކާއި އުކުޅުތައް ތައްޔާރުކޮށް، އެކުލަވާލުމުގައި މަޓީން އެމްއެމްޕީއާރުސީއަށް އެހީތެރިވެ، އެކަންކަމަށް ލަފާދީ އެއްބާރުލުން ދޭނެއެވެ. އަދި މީގެކުރީގެ ތަޖުރިބާތަކާއި ލިބިފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ފަތުރުވެރިކަމާ ގުޅުންހުރި ތަފާސް ހިސާބުތައްވެސް ހިއްސާކުރާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.