ޚަބަރު

ސްޓޫޑެންޓް ޗެޕްޓަރގެ ނަމުގައި މަޓާޓޯގެ ޚާއްސަ ގޮތްޕެއް


  • ސްޓޫޑެންޓް ޗެޕްޓަރުގައި ބައިވެރިވާ ދަރިވަރުންނަށް ފަތުރުވެރިކަމުގެ މަޢުލޫމާތު ދެވޭނެ

  • މަޓާޓޯ ސްޓޫޑެންޓް ޗެޕްޓަރުގައި ބައިވެރިވާން މިހާރު ވަނީ ހުޅުވާލާފައި

ފަތުރުވެރިކަމުގެ ދާއިރާއިން ދަރިވަރުން ތަމްރީންކުރަން ޚާއްސަ މަސައްކަތްތަކެއް ފެށުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓަރސް، މަޓާޓޯއިން ނިންމައިފިއެވެ.

މަޓާޓޯއިން ނެރުނު ބަޔާނެއްގައި ބުނީ މަޓާޓޯގެ މި މަސައްކަތުގެ ދަށުން ދަރިވަރުން ފަތުރުވެރިކަމުގެ ސިނާޢަތަށް އަހުލުވެރިކުރުވައި ދާއިރާގެ އެކި ތަމްރީންތައް ދެވޭނެ ކަމަށެވެ. ތަމްރީންތައް ހިންގުމުގެ އިތުރަށް ދަރިވަރުންގެ ތެރެއިން މެންބަރުން ހޮވައިގެން ސްޓޫޑެންޓް ޗެޕްޓަރުގެ ނަމުގައި މަޓާޓޯގެ ޚާއްސަ ގޮތްޕެއް އުފެއްދުމަށްވެސް ވަނީ ނިންމާފައެވެ.

މަޓާޓޯގެ ބަޔާނުގައި ބުނީ ސްޓޫޑެންޓް ޗެޕްޓަރުގެ މަޤުޞަދަކީ ޒުވާނުން ބާރުވެރިކުރުވައި ލީޑަރޝިޕްގެ ހުނަރުތައް ކުރިއަރުވައި ސިނާޢަތުގެ ޢިލްމު އިތުރުކޮށް ފަތުރުވެރިކަމުގެ ތަޖުރިބާތައް، ޗެޕްޓަރުގައި ހިމެނޭ ދަރިވަރުންނަށް ފޯރުކޮށްދިނުން ކަމަށެވެ.

މަޓާޓޯ ސްޓޫޑެންޓް ޗެޕްޓަރުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި ޗެޕްޓަރުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކޮށްފައިވާ ތަޢުލީމީ އިންސްޓިޓިއުޓެއްގައި ރަޖިސްޓްރީވެފައިވާ 16 އަހަރުން މަތީގެ ކުދިންނަށެވެ. ޗެޕްޓަރުގައި ބައިވެރިވާން އެދޭ ފޯމު މަޓާޓޯގެ ވެބްސައިޓުން ލިބޭނެއެވެ.

މަޓާޓޯއިން ބުނީ މިވަގުތު ސްޓޫޑެންޓް ޗެޕްޓަރުގެ ހަރަކާތްތައް ކުރިއަށްގެންދާނީ މާލޭގައި ކަމަށެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި އަތޮޅުތެރެއަށްވެސް ފުޅާކުރެވޭނެކަން މަޓާޓޯގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މަޓާޓޯއިން ބުނީ ކުރިއަށް އޮތްތަނުގައި މަޓާޓޯގެ ސްޓޫޑެންޓް ޗެޕްޓަރު ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން، ޕާޓާގެ ސްޓޫޑެންޓް ޗެޕްޓަރުތަކާ ގުޅައިލެވޭނެ ކަމަށެވެ. ޕާޓާގައި 20 އަށްވުރެ ގިނަ ސްޓޫޑެންޓް ޗެޕްޓަރު ހިމެނެއެވެ. މިއީ އޭޝިޔާ ސަރަހައްދުގެ އެކި ޤައުމުތަކުގައި މަތީ ތަޢުލީމުދޭ މަރުކަޒުތަކުން އެކުލަވާލާފައިވާ ޗެޕްޓަރުތަކެކެވެ.

ސްޓޫޑެންޓް ޗެޕްޓަރުތަކުން ފޯރަމްތަކާއި ޕެނަލް ޑިސްކަޝަންތައް މެދުވެރިކޮށް އެކި ދާއިރާއަކުން ދަރިވަރުންނަށް ތަޖުރިބާ ހޯދައިދީ، އެކުދިންގެ މަޢުލޫމާތު މުއްސަނދިކޮށްދިނުމަށް މަގުފަހިކޮށްދެއެވެ. މަޓާޓޯއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޕާޓާގެ ސްޓޫޑެންޓް ޗެޕްޓަރާއި މަޓާޓޯގެ ޗެޕްޓަރު ގުޅާލެވުމުން ދިވެހި ދަރިވަރުންނަށް އެހެން ޤައުމުތަކުގެ ދަރިވަރުންނާ ބައްދަލުވެ، ދެމެހެއްޓެނިވި ފަތުރުވެރިކަން ތަރައްޤީކުރުމަށް ދުނިޔޭގެ ފެންވަރުގައި ކުރިއަށްދާ ހަރަކާތްތަކުގައި ޙިއްސާވެ، ދަސްކުރުމުގެ ފުރުޞަތު ލިބޭނެ ކަމަށެވެ.

މަޓާޓޯއިން ބުނީ ސްޓޫޑެންޓް ޗެޕްޓަރަކީ ދަރިވަރުންނަށް ކޮންމެހެން ބޭނުންވާ ހުނަރުތައް ތަރައްޤީކުރުމާއި ފަތުރުވެރިކަމުގެ ސިނާޢަތުގެ ޢިލްމު ހޯދުމާއި ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށްދާން ލިބޭ މުހިންމު ފުރުޞަތެއްކަމަށެވެ. އަދި ސްޓޫޑެންޓް ޗެޕްޓަރާއެކު ބޮޑެތިވަމުން އަންނަ ދިވެހި ދަރިވަރުންނަކީ ދުނިޔޭގެ ފަތުރުވެރިކަމުގައި ދާއިރާގައި ފުންނާބު އުސް ބަޔަކަށްވުމަށް މަގުފަހިކޮށްދޭނެކަމަށްވެސް މަޓާޓޯއިން ބުނެއެވެ.