ޚަބަރު

ދައުލަތަށް ނުލިބިވާ 15.4 ބިލިއަން ރުފިޔާ ހޯދުމަށް މާލިއްޔަތު ކޮމިޓީން މަސައްކަތް ފަށަނީ


  • އަންނަ އަންގާރަ ދުވަހު މާލިއްޔަތު ކޮމެޓީއަށް މީރާ ހާޒިރުކުރާނެ

  • މިމައްސަލައަށް ހައްލު ހޯދުމަށް މަސައްކަތްކުރާނެ ކަމަށް ނާޒިމް ވިދާޅުވި

މިދިޔަ މެއިމަހުގެ ނިޔަލަށް ދައުލަތަށް 15.4 ބިލިއަން ރުފިޔާ ނުލިބި އެބަހުރި ކަމަށާއި މި ފައިސާ ދައުލަތަށް ހޯދައިދިނުމަށް މަސައްކަތްކުރައްވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަދި މާލިއްޔަތު ކޮމިޓީގެ މެމްބަރު އަޙްމަދު ނާޒިމް ވިދާޅުވީ އަންގާރަދުވަހު ބާއްވާ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމަށް ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޙަސަން ޒަރީރު ހާޒިރުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިއީ މީރާއަށް ނުލިބި ހުރި 15.4 ބިލިއަން ރުފިޔާއާއި ގުޅޭގޮތުން ސުވާލުކުރުމަށްކަމަށް ނާޒިމް ވިދާޅުވިއެވެ.

ދައުލަތަށް ނުލިބި ހުރި ފައިސާގެ މައްސަލައަކީ އެކަމަށް ހައްލެއް ހޯދަން ޖެހިފައިވާ ކަމެއްކަމަށާއި، މި މައްސަލައިގެ އެންމެ ފުނަށް ފީނާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ހިއްސާކުރި ތަފާސްހިސާބުތަކުގައިވާގޮތުގައި ޓެކްސް އާމްދަނީގެގޮތުގައި 7.7 ބިލިއަން ރުފިޔާ ނުލިބި ހުރިއިރު، ޓެކްސް ނޫން އާމްދަނީގެގޮތުގައި 7.6 ބިލިއަން ރުފިޔާ ނުލިބި އެބަހުއްޓެވެ.

މިނިވަން ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދައުލަތަށް އެކި ގޮތްގޮތުން ލިބެންޖެހޭ ފައިސާ މި ސަރުކާރުން ހޯދާނެ ކަމަށް ވިދާޅުވެފައެވެ.

އަދި މި ފައިސާ ހޯދިއްޖެނަމަ، މިއީ ދައުލަތުގެ ދަރަނީގެ މައްސަލަ އެއްކޮށްހެން ހައްލުކުރެވޭނެވަރުގެ އަދަދެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ މިއީ ކުރީގެ އެއްވެސް ސަރުކާރަކުން ހޯދުމަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށްފައިނުވާ ފައިސާތަކެއްކަމަށާއި، މި ސަރުކާރުން މި ފައިސާ ހޯދާނެކަމަށެވެ.

"މި ފައިސާ އެކަނި ހޯދިޔަސް އަޅުގަނޑުމެންގެ ދަރަނީގެ މައްސަލަ ޙައްލުވީ. އެ މަސައްކަތް ކުރާނަން، އިރާދަކުރެއްވިއްޔާ އެފައިސާ ހޯދާނަން. މިހާރު މަސައްކަތް ފަށައިފިން. ވަރަށް ގިނަ ފަރާތްތަކުން ފައިސާ ދައްކަންވެސް ފަށައިފި. ސިޓީ ފޮނުވާލީމަ ފައިސާ ދައްކަން ފަށައިފި. ކަމަކާ އުޅުނީމަ ދެއްތޯ ލިބޭނީވެސް. ސިޓީ ފޮނުވީމަ މިދިޔަ ހަފްތާ ތެރޭގައިވެސް މީގެ ތެރެއިން އެއްބައި ފައިސާ ދައްކައިފި." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި ފައިސާ ހޯދުމަށް ކޯޓަށް ދާންޖެހިއްޖެނަމަ އެކަންވެސް ކުރައްވާނެކަމަށެވެ. އެހެންނަމަވެސް އެހާ ހިސާބަށް ނުގޮސް މި އަދަދުގެ ދެބައިކުޅަ އެއްބައި ހޯދޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޤައުމުގެ އިޤްތިޞާދީ ސިޔާދަތު ކަށަވަރުކޮށް ދަރަނިން ސަލާމަތްވުމަށްޓަކާ މި ފައިސާ ހޯދާނެކަމަށް ރައީސް ވިދާޅުވިއެވެ.