އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން އެކުލަވާލާ އުފެއްދުންތެރިންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އުފެއްދުންތެރިންގެ ދަފްތަރަކީ ރާއްޖޭގައި އާމްދަނީ ހޯދުމަށް އެކި ތަކެތި އުފައްދާ ފަރާތްތަކަށް ވިޔަފާރީގެ ފުރުސަތުތައް ހޯއްދައިދެއްވުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން އެލުލަވާލައްވައި ދަފްތަރެކެވެ.
އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވިދާޅުވީ އުފެއްދުންތެރިންގެ ދަފްތަރެއް އެކުލަވާލުމުގެ ބޭނުމަކީ ރާއްޖޭގައި އާމްދަނީ ހޯދުމަށް ތަކެތި އުފައްދާ ފަރާތްތަކުގެ މަޢުލޫމާތާއި ވިޔަފާރި އުޞޫލުން ވިއްކުމަށް ތަކެތި އުފައްދާ ފަރާތްތަކުގެ މަޢުލޫމާތު ދެނެގަތުން ކަމަށެވެ. އަދި އެ ފަރާތްތަކުގެ މަސައްކަތް ކުރިއަރުވައި، އެ ފަރާތްތަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުން މާކެޓު ހޯދައިދިނުމަކީވެސް ދަފްތަރު އެކުލަވާލުމުގެ ބޭނުމެއްކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މީގެއިތުރުން ރާއްޖެއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކާއި އެނޫންވެސް ވިޔަފާރީގެ އެއްބަސްވުންތަކަށް ވަދެފައިވާ ޤައުމުތަކުގައި ދަފްތަރުގެ ސަބަބުން އުފެއްދުންތެރިންނަށް މާކެޓު ހޯދުމަށް މަގުފަހިވާނެކަމަށް އިޤުތިޞާދީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި މި ދަފްތަރު އެކުލަވާލެވުމާއެކު އުފެއްދުންތެރިންނަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެކަން ހައްލު ކުރެވޭނެކަމަށްވެސް އިޤުތިޞާދީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
އުފެއްދުންތެރިންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ދަފްތަރުގައި ރަޖިސްޓްރީވާން އެދޭ ފޯމު ދިވެހި ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާޢިޢުކޮށްފައެވެ.
އިޤުތިޞާދީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވީ ދަފްތަރާ ގުޅިގެން އެއްވެސް މަޢުލޫމާތެއް އޮޅުންފިލުވަން ބޭނުންވާނަމަ އެ ވުޒާރާގެ ކޮންޓެކްޓް ސެންޓަރ 1500 އަށް ގުޅައިގެން މަޢުލޫމާތުު އޮޅުންފިލުވޭނެ ކަމަށެވެ.
ދިވެހި އުފެއްދުންތެރިންގެ އުފެއްދުންތައް ކުރިއަރުވައި، އެމީހުންނަށް މާކެޓު ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވައެވެ. އެގޮތުން ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާ ކުރުމުގެ މަޤްޞަދުގައި، ވިޔަފާރިއާއި އުފެއްދުންތެރިކަމަށް އަމާޒުކޮށް މަޢުރަޒެއް ބޭއްވުމަށް މިދިޔަ މެއިމަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.
މީގެއިތުރުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ހިންގާ އޮތެންޓިކް މޯލްޑިވްސް ފިހާރަ މެދުވެރިކޮށް ދިވެހި އުފެއްދުންތައް އެމެރިކާގެ ވެރިރަށް ވޮޝިންގްޓަން ޑީސީގައި ވިއްކޭނެ އިންތިޒާމްވެސް މެއިމަހުގެ ތެރޭގައި ވަނީ ހަމަޖައްސާފައެވެ.