ޚަބަރު

ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރުކަމުން މެންބަރު ޠާރިޤް އިސްތިއުފާ ދެއްވައިފި


  • ތާރިޤު އިސްތިއުފާ ދެއްވީ ޕާޓީ ތެރޭގައި މައްސަލައެއް ޖެހިގެން ނޫންކަމަށް ޕީއެންސީން ކަށަވަރުކޮށްދޭ

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ، ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރުކަމުގެ މަޤާމުން މަހިބަދޫ ދައިރާގެ މެންބަރު އަޙްމަދު ޠާރިޤް އިސްތިޢުފާ ދެއްވައިފިއެވެ.

މެންބަރު ޠާރިޤު އެ މަޤާމުން އިސްތިޢުފާ ދެއްވާފައިވާކަން ޕީއެންސީގެ ޕީޖީ ގްރޫޕުން ވަނީ ޕީ.އެސް.އެމް ނިއުސްއަށް ކަށަވަރުކޮށްދެއްވާފައެވެ.

މިކަމާއި ގުޅޭގޮތުން ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދައިރާގެ މެންބަރު އިބްރާހީމް ފަލާޙް ވިދާޅުވީ، ޑެޕިއުޓީ ޕީޖީކަމުން މެންބަރު ޠާރިޤު އިސްތިޢުފާ ދެއްވީ ޕާޓީގެ އެތެރޭގެ އެއްވެސް މައްސަލައެއް ޖެހިގެން ނޫން ކަމަށެވެ. އަދި އިސްތިއުފާގެ ސިޓީގައި ބަޔާންކޮށްފައިވާ ސަބަބަކީ އަމިއްލަ ވިޔަފާރިއަށް ވަގުތު ދިނުން ކަމަށް ފަލާޙް ވިދާޅުވިއެވެ.

ޕީއެންސީގެ ޑެޕިއުޓީ ޕީޖީކަމުން އިސްތިއުފާދެއްވިކަން ހާމަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މެންބަރު ޠާރިޤް ވިދާޅުވީ އޭނާ އެ މަޤާމުން އިސްތިއުފާ ދެއްވީ މިވަގުތު އަމިއްލަކަންކަން ހުރިގޮތުން އެ މަސްއޫލިއްޔަތު އަދާކުރުމަށް ވަގުތު ދެވެންނެތުމުގެ ސަބަބުންކަމަށެވެ.


ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރުކަމުގެ މަޤާމުގައި މެންބަރު ތާރިޤުގެ އިތުރުން ދެ މެންބަރަކު ތިއްބަވައެވެ. އެއީ ވިލިމާލެ ދައިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް އަދި ހުޅުދޫ ދައިރާގެ މެންބަރުން މުޙައްމަދު ޝާހިދެވެ. ޕީއެންސީ ޕީޖީގެ ޑެޕިއުޓީ ސީނިއަރ ޕީޖީ ލީޑަރަކީ ބާރަށު ދައިރާގެ މެންބަރު އިބްރާހީމް ޝުޖާޢުއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެރިކަން ކުރާ ޕާޓީ ޕީއެންސީއަށް ނިސްބަތްވާ 75 މެންބަރުން ތިބެއެވެ.