ޚަބަރު

ސްރީލަންކާގައި ދިރިއުޅޭ ދިވެހިން އިސްނަގައިގެން މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި


  • މިނިވަން ދުވަހު ހައި ކޮމިޝަނުން ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބޭއްވި

  • ކުޑަކުދިންގެ ޚާއްސަ ސަޤާފީ ހަވީރެއްވެސް ވަނީ ބާއްވާފައި

ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނާއި ސްރީލަންކާގައި ދިރިއުޅޭ ދިވެހިން އިސްނަގައިގެން މިއަހަރުގެ މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

މިނިވަން ދުވަހުގެ ހަރަކާތްތައް ސްރީ ލަންކާގައި ފަށާފައިވަނީ ހައި ކޮމިޝަނުން އިސްނަގައިގެން ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތަކުންނެވެ. މި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދު ބައިވެރިވެވަޑައިގެންނެވިއެވެ.


މީގެ އިތުރުން މިނިވަން ދުވަސް ފާހަގަކުރުމަށް މިމަހުގެ 27 ވަނަ ދުވަހު، ސްރީލަންކާގައި ދިރިއުޅޭ ދިވެހިން އިސްނަގައިގެން ހަވީރެއް ވަނީ ބާއްވާފައެވެ. މި ހަވީރު ބާއްވާފައިވަނީ ސްރީލަންކާގައި ހުންނަ މޯލްޑިވްސް ސެންޓަރ ސޯސަންވިލާގައެވެ.

ސްރީލަންކާގައި ހުންނަ ދިވެހި ހައި ކޮމިޝަނުން މަޢުލޫމާތު ދެއްވި ގޮތުގައި 27 ވަނަ ދުވަހު އޮތް ހަވީރު ފެށީ ސްރީލަންކާގައި ދިރިއުޅޭ ދިވެހިނަށް މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ފޮނުއްވެވި މެސެޖަކުން ކަމަށެވެ.

މި ހަވީރުގައި ސްރީލަންގައި ކިޔަވާ ދިވެހި ދަރިވަރުންގެ ސަގާފީ ހުށައެޅުންތަކެއްވެސް ކުރިއަށްދިޔަކަމަށް ހައި ކޮމިޝަނުން މަޢުލޫމާތު ދެއެވެ. އަދި ހަވީރު ސައެއްވެސް ބޭއްވިކަމަށް މަޢުލޫމާތު ދެއްވިއެވެ.

މިނިވަން ދުވަސް ކޮންމެ އަހަރަކުވެސް ރާއްޖޭގައި ފާހަގަކުރަނީ އިނގިރޭސީންގެ ޙިމާޔަތުން ރާއްޖެއަށް މިނިވަންކަން ލިބުމުންނެވެ. ރާއްޖެ މިނިވަންވީ އިނގިރޭސި ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރެވުނު މިނިވަންކަމުގެ އެއްބަސްވުމަކާ ގުޅިގެންނެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުނީ 1965 ވަނަ އަހަރުގެ ޖުލައިމަހުގެ 26 ވަނަ ދުވަހުއެވެ.