ސިއްހަތު

ވާރލްޑް ހެލްތު އެސެމްބަލީގައި ޞިއްޙަތާބެހޭ ވަޒީރު ތަޤްރީރު ކުރާނެ


މިމަހުގެ 23 ވަނަ ދުވަހު ސްވިޓްޒަލޭންޑްގެ ޖެނީވާގައި ބޭއްވުމަށް ހަމަޖެހިފައިވާ، 69 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގެ ހަވާސާގައި، ރާއްޖޭގެ ޞިއްޙީ ދާއިރާގެ ޚިދްމަތްތައް ތަރައްޤީ ކުރުމަށް ބޭނުންވާ އެހީ ހޯދުމަށް މަސައްކަތް ކުރައްވާނޭކަމަށް ޞިއްޙަތާބެހޭ ވަޒީރު، އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ އެސެމްބްލީއަށް ވަޑައިގެންނެވުމުގެ ކުރިން ޕީ.އެސް.އެމްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ބާއްވާ 69 ވަނަ ވޯލްޑް ހެލްތު އެސެމްބްލީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 އިން 28 އަށް ސްވިޓްޒަލޭންޑްގެ ޖެނީވާގައެވެ. ރާއްޖެއިން ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގައި ބައިވެރިވިފަހުން މިހާރު 50 އަހަރު ވެފައިވާއިރު، ކޮންމެ އަހަރަކުވެސް މިބައްދަލުވުމުގައި ދަނީ ބައިވެރިވަމުންނެވެ. މިއަހަރުގެ ބައްދަލުވުމުގައި ޞިއްހަތާއި ބެހޭ ވުޒާރާގެ ހުރިހައި ޑިވިޝަންތަކެއް ހިމެނޭ ގޮތަށް ދިވެހި ވަފްދެއް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވައެވެ. ޞިއްޙަތާބެހޭ ވަޒީރު އިރުތިޝާމް އާދަމް އިސްވެ ބައިވެވިވަޑައިގަންނަވާ، މި ބައްދަލުވުމުގައި ރާއްޖެއިން އިސްދައުރެއް އަދާކުރައްވާ މުހިއްމު މަޝްވަރާތަކެއްގައި ބައިވެރިވާނޭ ކަމަށް ވަޒީރު ވަނި ވިދާޅުވެފައެވެ. މިއަހަރުގެ ބައްދަލުވުމުގެ އެޖެންޑާގައި ދެމެހެއްޓެނިވި ގޮތެއްގައި ޞިއްޙީ ޚިދުމަތް ދިނުމާއެކު، ޞިއްހީ ދާއިރާއިން ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމާއި، ޞިއްޙީ ފަރުވާ ދިނުމުގައި އެކި ދާއިރާތަކުން ސަމާލުކަން ދިނުމާއި ބެހޭ ގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެއެވެ. ވޯލްޑް ހެލްތު އެސެމްބްލީގައި ރާއްޖޭގެ ވަޒީރު ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ މިއެސެމްބްލީގެ ފުރަތަމަ ދުވަހުއެވެ. ވަޒީރު ވިދާޅުވީ، ބަޔާނުގައި ރާއްޖޭގެ ޞިއްޙީ ޙާލަތާއި، ޞިއްޙީ ދާއިރާގެ ޚިދްމަތް ދިނުމުގައި ރާއްޖޭގެ މިހާރު ގެންގުޅެމުންދާ އުޞޫލްތައް ހިއްސާ ކުރެވިގެންދާނޭ ކަމަށެވެ.

ޞިއްޙަތާބެހޭ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވީ، މިފަހަރުގެ ބައްދަލުވުމުގެ ތެރެއިން، ރާއްޖޭގެ ޞިއްޙީ ދާއިރާ ތަރައްޤީކޮށް، ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރައްވާނޭ ކަމަށެވެ. އެގޮތުން މިހާރުވެސް އެކުވެރި ގިނަ ޤައުމުތަކަކާއެކު މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް ރާއްވަވާފައިވާކަމަށް ވިދާޅުވިއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާގެ މެމްބަރު 194 ޤައުމަކުން 3،500 މަންދޫބުން މިއަހަރުގެ ބައްދަލުވުމުގައި ބައިވެރިވެ، 76 އައިޓަމެއް އެޖެންޑާ ކުރެވިފައިވާއިރު، ޞިއްހީ ދާއިރާއާއި ގުޅޭ ތަފާތު 74 ކަރުދާހަކަށް މެމްބަރު ޤައުމުތަކުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވެއެވެ. ހަމަ އެއާއެކު މެމްބަރު ޤައުމުތަކުން 21 ޤަރާރެއް މިފަހަރުގެ ބައްދަލުވުމަށް ހުށަހެޅުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުންވެސް އެސެމްބްލީގެ ހަވާސާގައި އިތުރު 30 ހަރަކާތެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ޞިއްޙަތާއި ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.