ޚަބަރު

އެލްޖީއޭގެ ތަމްރީނު މަރުކަޒު އިތުރަށް ހަރުދަނީ ކުރަނީ


  • ތަމްރީން މަރުކަޒަށް ބޭނުންވާ އިތުރު ވަޞީލަތްތައް ހޯދާނެ

  • މުޅި ރާއްޖެއަށް ތަމްރީންތައް ފުޅާކުރުމަށް ވަނީ ނިންމާފައި

އެލްޖީއޭގެ ތަމްރީން އިންސްޓިޓިއުޓް މިހާރަށްވުރެ ބޮޑަށް ބާރުވެރިކޮށް މުޅި ރާއްޖެއަށް ތަމްރީން ޕްރޮގްރާމްތައް ފުޅާކުރުމަކީ އަމާޒެއްކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު ޢާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސްގެ ނަމުގައި ތަމްރީން އިނސްޓިޓިއުޓެއް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ވަނީ އިފްތިތާހްކޮށްފައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު ޢާދަމް ޝަރީފް ވިދާޅުވީ ކައުންސިލްތަކުން ރަނގަޅު ނަތީޖާއެއް ނިކުންނާނީ އެ ކައުންސިލްތަކަށް ރަނގަޅު ބަޔަކު އިންތިޚާބުވެގެންކަމަށެވެ. އަދި ކައުންސިލްތަކުން ރަނގަޅު ޚިދުމަތްތައް ފޯރުކޮށްދެވޭނީ ރަނގަޅު ހެޔޮލަފާ އަދި ތައުލީމީ ޖީލެއް އުފެއްދިގެން ކަމަށް ގަބޫލުކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިހާރު އޮތް ކައުންސިލްތަކުގެ ބޭފުޅުންގެ ދައުރު ނިމުމާ ގާތަށް ދާއިރު އެބޭފުޅުންނަށް އިންވެސްޓުކުރަން ޖެހެނީ ހަމައެކަނި މިވަގުތަށް ކޮންމެހެން ބޭނުންވާ ތަމްރީންތަކަށް އެކަނި ކަމަށެވެ. ނަމަވެސް މުސްތަގުބަލުގައި އަލަށް ކައުންސިލްތަކަށް އިންތިޚާބުވާ ފަރާތްތަކަށް ހިންގުމުގެ ދާއިރާއިން ބޭނުންވާ ހުނަރުތަކާއި އޮރިއެންޓޭޝަން ޕްރޮގްރާމްތައް ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދިއުމަށް ރާވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ އެލްޖީއޭގެ ތަމްރީން އިންސްޓިޓިއުޓް އިތުރަށް ތަރައްޤީކުރުމުގެ ވިސްނުން ގެންގުޅުއްވާކަމަށެވެ. އަދި އަމާޒަކީ އެ އިންސްޓިޓިއުޓް ބާރުވެރިކޮށް އެތަނަށް ބޭނުންވާ ވަޞީލަތްތައް ހޯދާ މުޅި ރާއްޖެއަށް ތަމްރީންތައް ފުޅާކުރުންކަމަށެވެ.

"ލާމަރުކަޒީ ނިޒާމުގެ ތެރެއިން މީހުން ބިނާކުރުމަށް އިސްކަމެއް ދޭ. މިގޮތުން ކުރިއަށް އޮތްތަނުގައި ރައްޔިތުން އިންތިޚާބު ކުރާ ކައުންސިލަރުންނާއި ސިވިލް ސަރވިސްގައި ތިބޭ އިތުރު މުވައްޒަފުންވެސް ކައުންސިލްތައް ހިންގުން ހަރުދަނާ ކުރުމަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް ކުރިއަށް އޮތް ތަނުގައި ހިންގާނެކަމަށް." ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު ޢާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އެއިސްޓިޓިއުޓްގެ އިތުރަށް ރާއްޖޭގައި ހުރި ކޮލެޖް ޔުނިވަރސިޓީތަކާއި މަތީ ތަޢުލީމާ ބެހޭ ވުޒާރާއެކު މަސައްކަތްކޮށް ކައުންސިލަރުންނަށް ތަމްރީންވުމަށް ހުރި ފުރުޞަތުތައް ކޮބައިތޯ ދެނެގަންނާނެކަމަށެވެ. އެގޮތުން މިހާރުވެސް އިސްލާމީ ޔުނިވަރސިޓީގައި ލާމަރުކަޒީ ނިޒާމަށް ޚާއްސަކޮށްގެން ކޯސްތައް ހިންގަމުންދާކަމަށާއި ކުރިއަށް އޮތްތަނުގައި އަލަށް ކައުންސިލަށް ހޮވޭ މީހުންނަށް ކޮންމެހެން ބޭނުންވާ ހިންގުމުގެ ދާއިރާގެ ހުނަރުތަކާއި އެކި ޕްރޮގްރާމްތައް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ވިސްނުން ހުރީ ކުރިއަށް އޮތް ތަނުގައި ލާމަރުކަޒީ ނިޒާމަށް އަންނަ ބަދަލުތަކާއެކު އެ ކަންކަމުގެ އަލީގައި މަސައްކަތްތައް ތަރުތީބު ކޮށްގެން ކުރިއަށް ގެންދިއުން ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.