ޔަމަނުގެ ޢަދަން އަދި މުކައްލާގެ ވައިގެ ބަނދަރުތަކަށް އަމާޒުކޮށް ޙޫޘީ ހަނގުރާމަވެރިން ވަރުގަދަ ބެލިސްޓިކް މިސައިލް ޙަމަލާތަކެއް ދީފައިވާ ކަމަށް އެ ޤައުމުގެ އަސްކަރިއްޔާއިން ބުނެފިއެވެ.
މިއީ ވޭތުވެދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޢަދަނަށް ޙޫޘީން ދިން މިފަދަ ތިންވަނަ ހަމަލާއެވެ.
ޔަމަން އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، ޢަދަން ބައިނަލްއަޤުވާމީ ވައިގެ ބަނދަރަށް އެއް މިސައިލް އަދި މުކައްލާގެ އައްރައްޔާން ވައިގެ ބަނދަރަށް ތިން މިސައިލް ވަނީ އަމާޒުވެފައެވެ. މީގެއިތުރުން ތަޢިއްޒުގައި ހުންނަ ކާރުޚާނާއަކަށް ވެސް ވަނީ މިސައިލް ޙަމަލާއެއް އަމާޒުވެފައެވެ.
ނަމަވެސް ޙޫޘީން މިކަން ދޮގުކުރަމުން ބުނެފައިވަނީ، ޢަދަނަށް ދިން ޙަމަލާއަކީ ވައިގެ ބަނދަރަށް އަމާޒުކުރި ޙަމަލާއެއް ނޫން ކަމަށާއި، އެއީ ސަޢުދީ ޢަރަބިއްޔާ އިސްވެ އޮންނަ އަސްކަރީ އިއްތިޙާދުން ބޭނުންކުރަމުންދާ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް ދިން ޙަމަލާއެއް ކަމަށެވެ.
މި ޙަމަލާތަކާ ގުޅިގެން ޔަމަނުގެ ތަޢިއްޒު އަދި ކަހްބޫބް ސަރަޙައްދުގައި ޔަމަނުގެ ސިފައިންނާއި ޙޫޘީންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ވަނީ ހިނގައިފައެވެ. ސަޢުދީ އިއްތިޙާދުން ބުނީ، މި ވަގުތު އެ ސަރަހައްދުގެ މަސްރަޙު އޮތީ އިންތިހާއަށް ނުރައްކާތެރި ހާލަތެއްގައި ކަމަށެވެ.
މީގެއިތުރުން، ސަޢުދީގެ މަދީނާއާއި އިރުމަތީ ޕްރޮވިންސަށް އަމާޒުކޮށް ފޮނުވާލި ޑްރޯންތަކުގެ ތެރެއިން 5 ޑްރޯނެއް ވައްޓާލާފައިވާ ކަމަށް ސަޢުދީ އިއްތިޙާދުން ބުނި ނަމަވެސް، ސަޢުދީގެ ސަރަޙައްދުތަކަށް އެއްވެސް ޙަމަލާއެއް ފޮނުވާލާފައި ނުވާނެ ކަމަށް ބުނެ ޙޫޘީން ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.
ޔަމަނުގައި ހަމަނުޖެހުންތައް މިފަހުން އިތުރަށް ގޯސްވެފައިވަނީ، ރަތްކަނޑުގެ އައްސޭރިފަށުގެ މުހިންމު ސަރަޙައްދުތަކެއް ޙޫޘީންގެ ބާރުގެ ދަށަށް ގެންދިއުމާ ގުޅިގެންނެވެ. އެއާއެކު، ވެރިރަށް ސަންޢާ ހިމެނޭހެން ގެއްލިފައިވާ ސަރަޙައްދުތައް އަލުން އަނބުރާ ހޯދުމަށްޓަކައި، ސަޢުދީ އިއްތިޙާދުގެ އެހީތެރިކަމާއެކު ޔަމަން ސަރުކާރުންވަރުގަދަ އަސްކަރީ ހަރަކާތްތަކެއް ވަނީ ފަށައިފައެވެ.