ކޮމިއުނިޓީ ބްރޯޑްކާސްޓިންގެ ޚިދުމަތް މިއަހަރުގެ ތެރޭގައި ފެށޭނެކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން، ބްރޯޑްކޮމްގެ ރައީސް މަރިޔަމް ވަޙީދާ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ބްރޯޑްކޮމްގެ ރައީސް މަރިޔަމް ވަޙީދާ ވިދާޅުވީ ކޮމިއުނިޓީ ބްރޯޑްކާސްޓިން ފެށުމަށް މިހާރު ރާއްޖޭގެ ގިނަ އަދަދެއްގެ ރަށު ކައުންސިލްތަކާ ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި މި ޚިދުމަތް ފެށުމަށް ކައުންސިލްތަކުގެ ވަރަށް ބޮޑު ޝައުޤުވެރިކަމެއް އޮތްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
މަރިޔަމް ވަހީދާ ވިދާޅުވީ މިހާތަނަށް ބ އަތޮޅުގެ 4 ރަށަކާއި ޅ އަތޮޅުގެ 4 ރަށަކާއެކު ކޮމިއުނިޓީ ބްރޯޑްކާސްޓިންގެ ޚިދުމަތް ޤާއިމްކުރަން މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި މީގެ ތެރެއިން 4 ރަށެއްގެ ކައުންސިލާއެކު ސޮއިކުރައްވާފައިވާކަންވެސް މަރިޔަމް ވަޙީދާ ފާހަގަކުރެއްވިއެވެ. އަދި މި މަސައްކަތް ފެށުމަށް އެކުލަވާލަންޖެހޭ ގަވާއިދުތަކާއި އުޞޫލްތަކުގެ މަސައްކަތް ނިމިފައިވާކަމަށްވެސް މަރިޔަމް ވަޙީދާ ވިދާޅުވިއެވެ.
މަރިޔަމް ވަޙީދާ ވިދާޅުވީ ބްރޯޑްކާސްޓިން ކޮމިޝަންގެ އަމާޒަކީ މިއަހަރުގެ ތެރޭގައި ކޮންމެވެސް އެއް ރަށެއްގައި ކޮމިއުނިޓީ ބްރޯޑްކާސްޓިންގެ ޚިދުމަތް ފެށުން ކަމަށެވެ.
"ބަޖެޓުގެ ދަތިކަން ހުރުމުން ކޮމިޔުނިޓީ ބްރޯޑްކާސްޓިން ފެށުން ލަސްވަނީ. މިކަން ފެށުނީމަ ރައްޔިތުންނަށް އިޤުތިޞާދީގޮތުންނާއި ސިޔާސީ ގޮތުންނާއި އިޖުތިމާޢީގޮތުންވެސް ފައިދާކުރާނެ. މިކަން މިއަހަރު ކުރަން އަޅުގަނޑު ބޭނުން." ވަޙީދާ ވިދާޅުވިއެވެ.
އިއްޔެ ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައިވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ކޮމިޓީ މެންބަރުންނާ ކޮމިއުނިޓީ ބްރޯޑްކާސްޓިންއާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކޮށްފައެވެ.
މި ކޮމިޓީގައި ވާހަކަދައްކަވަމުން ބްރޯޑްކާސްޓިން ކޮމިޝަންގެ ނައިބު ރައީސް މުޙައްމަދު ފަޒީން ވިދާޅުވީ ކޮމިޔުނިޓީ ބްރޯޑްކާސްޓިންގެ ޚިދުމަތް ޤާއިމްކުރުމަށް މިވަގުތު ކޮމިޝަނުގައި ފައިސާ ނެތް ކަމަށާއި އެހެންނަމަވެސް ބޭރުގެ ބަޔަކާ ވާހަކަދައްކައިގެން ފައިސާ ހޯދަން މަސައްކަތްކުރައްވާނެ ކަމަށެވެ.
2020 ވަނަ އަހަރުގެ ތެރޭގައި ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ރ. ދުވާފަރުގައި ކޮމިޔުނިޓީ ބްރޯޑްކާސްޓިންގެ އަޖުމަ ބެލުމުގެ ޕްރޮގުރާމެއް ކުރިއަށް ގެންގޮސްފައެވެ. އަދި އަޖުމަ ބެލުމުގެ މި ޕްރޮގުރާމުން ހިތްހަމަޖެހޭ ނަތީޖާތަކެއް ފެނުނުކަމަށް އޭރު ބްރޯޑްކޮމްއިން ވިދާޅުވެފައިވެއެވެ.
ކޮމިޔުނިޓީ ބްރޯޑްކާސްޓިންއަކީ ރަށު ފެންވަރުގައި ޓީވީ ނުވަތަ ރޭޑިއޯ ޗެނަލެއް ހިންގުމެވެ. މިފަދަ މުވާސަލާތީ ވަޞީލަތެއް މެދުވެރިކޮށް ރަށު ފެންވަރުގެ ޚަބަރުތަކާއި ރަށުގައި ހުންނަ ސަރުކާރުގެ އިދާރާތަކާއި ޖަމިއްޔާތަކުން ނެރޭ އިޢުލާނުތަަކާއި ޚަބަރުތައް ރައްޔިތުންނަށް ގެނެސްދިނުމުގެ މަގު، ފަހިވާނެކަމަށް ބްރޯޑްކޮމްއިން ވިދާޅުވެއެވެ.
ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގައި ރާއްޖޭގައި ބްރޯޑްކާސްޓްކުރެވޭނެ ބާވަތްތަކުގެ ތެރޭގައި ކޮމިޔުނިޓީ ބްރޯޑްކާސްޓިން ކަނޑައަޅާފައިވެއެވެ. އަދި މި ޤާނޫނުގެ ދަށުން ކޮމިޔުނިޓީ ބްރޯޑްކާސްޓިންގެ ދައިމީ ލައިންސަންސެއް ދޫކުރެވޭނީ ގިނަވެގެން 3 އަހަރު ދުވަހުގެ މުއްދަތަކަށެވެ.